އެފްއޭއެމްގެ ލީޑާޝިޕް ބަދަލު ކުރުމަށް ކުލަބުތަކުން އަނެއްކާ ވެސް ނުކުންނަނީ

ނޭޝަނަލް ފުޓްބޯލް އެކަޑަމީގެ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފައިލް ފޮޓޯ/ ފަޔާޒް މޫސާ

ފޫޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ލީޑާޝިޕް ބަދަލު ކުރުމަށް ޓަކައި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައިދިނުމަށް އެދި ރާއްޖޭގެ ގިނަ ކްލަބުތަކަކުން އެދުނު ނަމަވެސް އެފްއޭއެމް އިން އެކަމާ ދެކޮޅު ހަދާފައި ވާތީ ކްލަބުތަކުން އަމިއްލައަށް އެ ކޮންގްރެސް ބޭއްވުމަށް ނިންމައިފި އެވެ.

އަންނަ ހުކުރު ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ އެ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައި ވަނީ ޕެރަޑައިސް އައިލެންޑް ރިސޯޓްގަ އެވެ. އެ ކޮންގްރެސް އަކީ އެފްއޭއެމްގެ އަސާސީ ގަވާއިދުގެ 29 ވަނަ މާއްދާގައިވާ ގޮތުން ރާއްޖޭގެ ފްޓުބޯޅައިގެ އެންމެ މަތީ ފަންތީގެ ކުލަބުތަކުގެ ތެރެއިން 50 އިންސައްތަ އަށް ވުރެން ގިނަ ކުލަބުތަކުން އެދިއްޖެ ނަމަ މަދުވެގެން 14 ދުވަސް ތެރޭގައި ބާއްވަން ޖެހޭ ކޮންގްރެސް އެކެވެ.

ވިކްޓަރީ ސްޕޯޓްސްގެ އިސްނެގުމުގެ މަތިން 15 ކުލަބެއްގެ ސޮޔާ އެކު މިދިޔަ މަހު އެފްއޭއެމްއަށް އެ ކޮންގްރެސް ބާއްވައިދިނުމަށް އެދި ވަނީ ހުށައަޅައިފަ އެވެ. ނަމަވެސް އެފްއޭއެމްގެ އެކިއެކި ބަހަނާތަކާ އެކު އެ ކަންތައް ފަސްކުރަމުން ގޮސް އެންމެ ފަހުން ނިންމީ ވިކްޓަރީ އިން ހުށައެޅި ލިސްޓުގައި ތިބި ކްލަބުތަކުގެ ތެރޭގައި އެފްއޭއެމްގެ ރަޖިސްޓަރީ ނެތް ކްލަބުތަކާއި ސަސްޕެންޝަނުގައި އޮތް ކުލަބެއް އޮތުމުން އެ ލިސްޓް ފުރިހަމަ ނުވާ ކަމަށެވެ. އަދި ފޫޓުބޯޅައިގެ މައި އިދާރާ ފީފާއާ އެ މައްސަލަ ހިއްސާކޮށް އެ ކޮންގްރެސް ބޭއްވެން ނެތް ކަމަށް އެފްއޭއެމް އިން ވަނީ ނިންމައިފަ އެވެ.

އެފްއޭއެމް އިން ވަނީ މީގެ ކުރިން އެ އެސޯސިއޭޝަންގެ ލީޑާޝިޕް ބަދަލު ކުރުމަށް ލީޑު ކުރި ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ ކާމިޔާބު ޓީމު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު މުސާރަ ނުދީ ގިނަ ދުވަސްވެފައިވާ ކަަމަށް ބުނެ ސަސްޕެންޑްކޮށްފަ އެވެ. މި ސަސްޕެންޝަނުގެ ސަބަބުން އެ ކުލަބަށް ދެއްކުމަށް އަންގާފައިވާ 3.8 މިލިއަން ރުފިޔާ އޭގެ ހައްގުވެރިންނަށް ދީ ޙަލާސް ކުރުމުގެ ކުރިން އެ އެސޯސިއޭޝަން އިން ހިންގާ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭނެ އެވެ.

އެ ކަމަކީ ޒާތީ ކަމެއް ކަމަށް ބުނެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވަނީ އެފްއޭއެމްއަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. މަހުލޫފު ވިދާޅުވި ގޮތުގައި އެފްއޭއެމް އިން ނިއުރޭޑިއަންޓަށް ފިޔަވަޅު އެޅީ އެ އެސޯސިއޭޝަނުގެ ލީޑާޝިޕް ބަދަލު ކުރަން ނިއުރޭޑިއަންޓުން ލީޑު ކުރަމުންދާތީ އެކަމާ ޒާތީ ވެގެން އެވެ.

ކްލަބުތަކުން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް ނިންމާފައި ވަނީ އެފްއޭއެމްގެ ލީޑާޝިޕުގެ އިތުބާރު ނެތް ކަމަށް ބުނެ އެވެ. އަދި އެ އިދާރާ ތެރޭގައި ވަކި ބަޔަކަށް ފައިދާ ވާނެ ގޮތަކަށް ސިޔާސީ ބޭނުންތަކެއް ގަވާއިދާ ހިލާފަށް ދޫ ކުރާ ކަމަށް ބުނެ އެވެ.

comment ކޮމެންޓް