އަހަރުގެ ބޮޑު ފިލްމުގެ ގޮތުގައި ޕްރޮމޯޓް ކުރަމުން އައި ފިލްމު "40 ޕްލަސް" މިހާރު ވަނީ ރިލީޒްކޮށްފައެވެ.
ފިލްމު ޕްރިމިއާ ކުރުމަށްފަހު ހައުސްފުލް ޝޯތަކެއް އޮލިމްޕަހުގައި މިހާރު ދައްކަމުން އަންނައިރު ފިލްމަކީ މަޖާ ފިލްމެއް ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ.
ފިލްމު ފެށިގެން ނިމުނު އިރު ވެސް އޮލިމްޕަހުން ބެލުންތެރިންގެ އަޑު ނުކެނޑެއެވެ. މުޅިން ވެސް ހޭ އަޑެވެ. ފިލްމުގައި ދައްކުވައިދޭ މަޖާ މަންޒަރުތަކަކީ ނުހީ އިނދެވޭ ވަރަށް ވުރެ ވެސް މަޖާ މަންޒަރުތަކެކެވެ.
"އަސްލު ވަރަށް މަޖާ ފިލްމު. ހީހީ ގޮސް ބަނޑުގައި ރިއްސާފައި އިނީ. ބައެއް ފަަހަރު ނޭވާ ކޮޅަށް ވެސް ދޭ،" ފިލްމު ބެލުމަށްފަހު ނުކުތް ޒުވާނެއް ބުންޏެވެ.
ފިލްމަށް ބެލުންތެރިން ތައުރީފު ދެމުން އައި އިރު ފިލްމު ބެލުމަށްފަހު ނުކުތް އެންމެންގެ މޫނު މަތިންވެސް ހިނިތުންވުން ފިލައިގެން ނުދެއެވެ.
"މިއީ ފިލްމަކީ. ހީހީ ރޮވޭ ވަރުވެފައި އިނީ. ސަކަރާތް ޖަހާލެވުނު. މިހާތަނަށް އެންމެ އެންޖޯއީ ކޮށްލި ފިލްމު މިއީ. ހޭން ބޭނުންނަމަ މި ފިލްމަކީ އެއް ވަނަ،" އެހެން ބެލުންތެރިއެއް ބުންޏެވެ.
އެ ފިލްމަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކުރާ އިސްމާއިލް ޝަފީގު ޕްރޮޑިއުސްކުރާ ފިލްމެކެވެ.
ތ. ބުރުނީގައި މަންޒަރުތައް ނެގި އެ ފިލްމަކީ "ނޯޓީ 40"ގެ ސީކުއެލްއެކެވެ.
ފިލްމަކީ މޮޅު ފިލްމެއްކަމަށް ގިނަ ބަޔަކު ބުނެއެވެ. ތަރިން ވެސް ތިބީ ފިލްމުގެ މަސައްކަތާ މެދު ހިތްހަމަޖެހިފައެވެ. ގިނަ އަދަދެއްގެ އާ ތަރިންތަކެއް އެ ފިލްމުން ފެނުނުއިރު އެ ތަރިން ވެސް ތިބީ އުފަލުންނެވެ.
ކުޅަދާނަ ބަތަލު އަލީ ސީޒަން، މަނިކު، ސައީދު އެ ފިލްމުން ފެނިގެންދާނެއެވެ. އަދި ބަޠަލާ ފާތިމަތު އާޒިފާ (އަޒޫ)، ޝީލާ ނަޖީބު، އަލީ އާޒިމް (ދޮންއައްޔަ)، މުޙައްމަދު ފައިސަލް އަދި ޔޫއްޕެގެ "ދެވަންސޫރަ"އިން ފިލްމީ ދާއިރާއަށް މުޅިން އަލަށް ތައާރަފްވި މަރިޔަމް ޝިފާ، އާނަންދު، މަރިޔަމް ޝަކީލާ އަދި އަލަށް ތައާރަފްވާ ބަތަލާ އިރްފާނާ އިބްރާހީމް ފަދަ ތަރިންގެ އެކްޓިން ވެސް އެ ފިލްމުން ފެންނާނެ އެވެ.