ގާނޫނީ ހިދުމަތުގެ ބިލު އޮތީ ލަތީފާ ގާސިމްގެ މަގާމު ގެއްލޭ ގޮތަށް

ޖޭއެސްސީއަށް ވަކީލުން އިންތިހާބު ކުރި މެމްބަރު ލަތީފާ ގާސިމް ---

ވަކީލުންގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އިންތިހާބު ކުރި ލަތީފާ ގާސިމްގެ މަގާމު، ދައުރު ހަމަ ނުވަނީސް ގެއްލޭ ގޮތަށް ގާނޫނީ ހިދުމަތުގެ ބިލު އެކުލަވާލައިފިއެވެ.

ގާނޫނީ ހިދުމަތުގެ ބިލަކީ ވަކީލުންގެ ކަންކަން ބަލަހައްޓަން އުފައްދާ ބާ އެސޯސިއޭޝަން އުފެއްދުމާއި ވަކީލުންގެ ބާރުތައް ބާ އެސޯސިއޭޝަނަށް ދިނުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލެކެވެ. ބިލު މަޖިލީހަށް ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއެވެ.

ބިލުގެ 67 ވަނަ މާއްދާގައި ބުނެފައިވަނީ ގަނޫނުއަސާސީގެ 158 ވަނަ މާއްދާގެ (މ) ގެ ދަށުން ގާނޫނީ ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް ގާނޫނީ ވަކީލަކު އައްޔަން ކުރުމަށްޓަކައި ބާއްވަން ޖެހޭ އިންތިހާބު މި ގާނޫނުގެ ދަށުން އިންތިހާބު ކުރެވޭ ބާ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީ ވުޖޫދަށް އަންނަ ދުވަހުން ފެށިގެން ފަނަރަ ދުވަހުގެ ތެރޭގައި ބާއްވަން ވާނެ ކަމަށެވެ.

ލަތީފާ ގާސިމްގެ ޖޭއެސްސީ މެމްބަރު ކަމުގެ މުއްދަތު ހަމަވާނީ 2019 ވަނަ އަހަރު ނޮވެމްބަރު ހައެއްގައެވެ. ނަމަވެސް މި ބިލު އޮތް ގޮތަށް މަޖިލީހުން ފާސްވެއްޖެ ނަމަ ބާ އެސޯސިއޭޝަނުން ޖޭއެސްސީއަށް ވަކީލަކު އައްޔަން ކުރަން އިންތިހާބު ބާއްވާ ހިސާބުން ލަތީފާގެ މަގާމު އޮޓަމެޓިކުން ގެއްލޭނެއެވެ.

ލަތީފާ ޖޭއެސްސީއަށް އިންތިހާބުކޮށް މެމްބަރު ކަމާ ހަވާލުވީ 2014 ނޮވެމްވަރު ހައެއްގައެވެ. އެފަހަރު ބޭއްވި އިންތިހާބު ލަތީފާ ކާމިޔާބު ކުރެއްވީ 283 ވޯޓު ލިބިވަޑައިގެންނެވެ. އޭނައާ އެންމެ ގާތުން ވާދަކުރެއްވި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ލިބިވަޑައިގަތީ 163 ވޯޓެވެ.

comment ކޮމެންޓް