އަދުރޭގެ ދެ ކޮއްކޮ އާއި ގާތް ބަޔަކަށް ފްލެޓު ލިބުނު، އަދުރޭ ވިދާޅުވަނީ ނުފޫޒެއް ނެތް ކަމަށް

އަބްދުއްރަހީމް އަބްދުﷲ: އޭނާގެ ދެ ކޮއްކޮއަކާއި ގާތް އިތުރު ބަޔަކަށް ފްލެޓް ލިބުނު -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އިދިކޮޅު ޕޮރޮގްރެސިވް ކޮންގްރެސް ކޯލިޝަންގައި ހިމެނޭ ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދައިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ ގާތް ބަޔަކަށް ފުލެޓް ލިބިފައިވާކަން ހާމަވެއްޖެ އެވެ.

މިދިޔަ ހޯމަ ދުވަހު ރައީސް އޮފީހުން ވަނީ، ނިމިދިޔަ ސަރުކާރުގައި ހިންގި ފުލެޓް މަޝްރޫއުތަކުގެ ފްލެޓް ލިބުނު މީހުންގެ ނަންތައް އާންމުކޮށްފަ އެވެ. އެއާ އެކު ފުލެޓް މަޝްރޫއުތައް ހިންގާފައިވާ ގޮތާއި އެ މަޝްރޫއުތަކުގެ ފުލެޓްތައް ދޫކޮށްފައިވާ ގޮތާ މެދު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ރައީސް އޮފީހުން ހުޅުވާލި އެވެ.

އެ ލިސްޓުން އެނގޭ ގޮތުގައި އަދުރޭގެ އެއްބަޑު އެއްބަފާ ދެ ކޮއްކޮ އާއި އޭނާގެ ވިޔާފާރި ހިންގާ ދެ މީހަކަށް ވަނީ ފުލެޓް ލިބިފައެވެ. މީގެ އިތުރުން އަދުރޭ ނިސްބަތްވާ ފޮނަދޫގެ ޕީޕީއެމް އެކްޓިވިސްޓަކަށް ވެސް ވަނީ ފުލެޓް ލިބިފައެވެ.

އަދުރޭގެ ކޮއްކޮ، ލ. ފޮނަދޫ، ބަނަފުސާ، އަބްދުލް ހަސީބު އިބްރާހީމަށް ފްލެޓް ލިބުނީ 18 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނަށް ދޫކުރާ 7000 ހައުސިން ޔުނިޓްގެ ކެޓަގަރީ އިންނެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރު ކަން ކުރެއްވި ހަސީބަށް ފުލެޓް ލިބިފައިވަނީ ކިތައް ޕޮއިންޓް ލިބިގެން ކަމެއް އާންމު ކުރި ލިސްޓުން އެގެން ނެތެވެ.

އަދުރޭގެ އެއްމާބަޑު، ލ.ފޮނަދޫ، އާލަމް، އަބްދުލްކަރީމް އަބްދުﷲ އަށް ފުލެޓް ލިބުނީ ނުކުޅެދުންތެރިކަން ހުންނަ ކެޓަގަރިންނެވެ. ލޯފަން މީހެއް ކަމުގައިވާ އަބްދުލް ކަރީމް މަސައްކަތް ކުރަނީ އެ ރަށު ބޮޑު މިސްކިތުގެ އިމާމަކަށެވެ. އޭނާ އަށް ލިބިފައިވަނީ، 90 ޕޮއިންޓެވެ.

އެ ރަށުން ވާހަކަ ދެއްކި އިބްރާހިމް މުހައްމަދު "ސަން" އަށް ކިޔާދިން ގޮތުގައި އެ ހުރިހާ ބޭފުޅުންނަށް ވެސް ފުލެޓް ލިބިފައިވަނީ އަދުރޭގެ ނުފޫޒުންކަން ވަރަށް ސާފުކޮށް އެނގެއެވެ. ސަބަބަކީ ފުލެޓް ލިބުނު ގިނަ ބޭފުޅުން ދިރިއުޅެމުން އަންނީ ރަށުގައި ކަމަށްވާއިރު، ބައެއް ބޭފުޅުންގެ ގޯއްޗާއި ގެދޮރު ވެސް ފޮނަދޫގައި ހުރުމުން ކަމަށް އޭނާ ބުންޏެވެ.

އެނާ ބުނީ، އަދުރޭގެ މައިންބަފައިންގެ ބޮޑު ގޯޗެއް ރަށުގައި އޮންނަ ކަމަށާއި ކޮއްކޮ އަބްދުލް ހަސީބު ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރު ކަން ލިބެންދެން އުޅުނީ ރަށުގައި ކަމަށް އޭނާ ބުންޏެވެ. އަދި އެއް މާބަޑު އަބްދުލް ކަރީމްގެ އަމިއްލަ ގެއެއް ރަށުގައި ހުންނަ ކަމަށާއި އޭނާ ދިރިއުޅެމުން އަންނީވެސް ފެންވަރު ރަނގަޅުކޮށް ހަދާފައި ހުންނަ އެގޭގައި ކަމަށް އޭނާ ބުންޏެވެ.

ފޮނަދޫ ދައިރާގެ މާމެންދޫ އަށް ނިސްބަތްވާ މުހައްމަދު އާރިފް އަކީވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކެޓަގަރީގެ ފުލެޓަށް ކުރިމަތިލި މީހެކެވެ. ހާއްސަ އެހީ އަށް ބޭނުންވާ އާރިފް "ސަން" އަށް ބުނީ، އޭނާ އަށް 100 ޕޮއިންޓް ލިބުނު ކަމަށާއި ނަމަވެސް އެންމެ ފަހުން އާންމު ކުރި ފުލެޓް ލިސްޓުގައި އޭނާގެ ނަން ނުހިމެނޭ ކަމަށެވެ.

"އަޅުގަނޑަށް 100 ޕޮއިންޓް ލިބުނު. ނަމަވެސް އަޅުގަނޑު ލިސްޓުގައި ނެތް. ލަފާ ކުރޭވޭ ގޮތުގައި އަޅުގަނޑުގެ ނަން ކަޓުވާލީ އަޅުގަނޑަކީ އެމްޑީޕީ މީހަކަށް ވާތީ،" އާރިފް ބުންޏެވެ.

ފޮނަދޫ، ޕީޕީއެމް އިސް އެކްޓިވިސްޓަކަށް އަލަތު ކައިވެނި ކޮށްގެން އުޅޭ ޒުވާނުންނަށް ހާއްސަ ކެޓަގަރީން ވަނީ ފުލެޓް ލިބިފައެވެ.

އެރަށުން ވާހަކަ ދެއްކި އެހެން މީހަކު "ސަން" އަށް ކިޔައި ދިން ގޮތުގައި އެމީހާގެ ފުރަތަމަ ކައިވެނީގެ އަނބިމީހާ މަރުވި ކަމަށާއި މިހާރު އެނާ އުޅެނީ ދެ ވަނަ ކައިވެނި ކޮށްގެން ކަމަށެވެ.

"އަޅުގަނޑަކަށް ނުވިސްނޭ އޭނައަށް އަލަތު ކައިވެނި ކެޓަގަރީން ފުލެޓް ލިބެންވީ ސަބަބެއް. ދިރިއުޅެނީ ވެސް ރަށުގައި. މިހާރު ދެ ވަނަ ކައިވެނި ކޮށްގެން އުޅެނީ،" ފޮނަދޫ އިން ވާހަކަ ދެއްކި މީހަކު ކިޔައި ދިނެވެ.

"ގާތް މީހުންނަށް ފްލެޓް ހޯދުމަށް ނުފޫޒެއް ނުފޯރުވަން"

މިއަދު ޕީޕީއެމް އާއި ކޮންގްރެސް ޕާޓީ ގުޅިގެން ހ. ހުރަފަ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަދުރޭ ވިދާޅުވީ، އެނާގެ ފަސް ދަރިންގެ ތެރެއިން ތިން ދަރިން ފުލެޓަށް ކުރިމަތިލި ކަމަށާއި ނަމަވެސް އެއިން އެއްވެސް ކުއްޖަކަށް ފުލެޓް ލިބިފައި ނުވާ ކަމަށެވެ. އަދި އޭނާގެ އާއިލާގެ މީހަކަށް ފުލެޓަށް ޝަރުތު ފުރިހަމަ ވެގެން ފުލެޓް ލިބުމަކީ، އެނާގެ ނުފޫޒުން ފުލެޓް ލިބުނު ކަމަކަށް ނުވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

"އަޅުގަނޑުގެ ނޯންނާނެ އެއްވެސް ނުފޫޒެއް. އަޅުގަނޑު ނުފޫޒު ފޯރުވައިގެން ފުލެޓް ލިބޭ ނަމަ އަޅުގަނޑުގެ ކުދިންނަށް ނޫންތޯ އެންމެ ފުރަތަމަ ފުލެޓް ލިބޭނީ. މި ދެންނެވީ އަޅުގަނޑުގެ ތިން ކުދިން ފުލެޓަށް ހުށަހެޅި. އެއްވެސް ކުއްޖަކަށް ނުލިބޭ ފުލެޓެއް،" އޭނާގެ ގާތް ބަޔަަކަށް ފުލެޓް ލިބުނީ އޭނާގެ ނުފޫޒުންތޯ ސުވާލު ކުރުމުން ޖަވާބުގައި އަދުރޭ ވިދާޅުވިއެވެ.

މިއަދު އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވަނީ ގާތް މީހުންނަށް ފުލެޓް ލިބުނީ އެނާގެ ނުފޫޒުން ނޫން ކަމަށް --- ސަން ފޮޓޯ

އަދުރޭ ވިދާޅުވީ، ގިނައިން ފްލެޓް ލިބިފައި ހުރީ ޕީޕީއެމްގެ ފިކުރަށް ވުރެ އެމްޑީޕީ ފިކުރުގެ މީހުންނަށް ކަމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައި ފިކުރަށްވުރެ އިސްކަން ދެއްވީ ފުލެޓްގެ ހައްގު ވެރިންނަށް ފުލެޓް ދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލެޓު މަޝްރޫއުތަކުގެ ފްލެޓުތައް ދޭނެ ފަރާތްތައް ނިމިދިޔަ ސަރުކާރުގެ ދައުރު ނިމުމުގެ ކުރިން ވަނީ އިއުލާނުކޮށްފަ އެވެ. ނަމަވެސް ފުލެޓް ލިބުނު ފަރާތްކުގެ ނަންތައް އެހެން މީހުންނަށް އެނގޭނެހެން ހާމަ އެއް ނުކުރެ އެވެ. ފުލެޓް ލިބުނު ފަރާތްތައް އާންމުންނަށް އެނގޭނެހެން އޭރު އިއުލާން ނުކުރުމުން އޭރު ފުލެޓަށް ކުރިމަތިލި މީހުނާނައި އިދިކޮޅު ފަރާތަކުން ދިޔައީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ނަމަވެސް އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެ ފުލެޓް ލިބުނު މީހުންގެ ލިސްޓު ނަންތަކާއެކު އާންމު ނުކުރީ އޭގައި މީހުންގެ ޒާތީ މައުލޫމާތު ހިމެނޭތީ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، މިސަރުކާރުން ވަނީ ފްލެޓުތައް ހައްގު ނޫން ބަޔަކަށް ދިންކަމަށް ބުނެ އާންމުން ކުރާ ޝަކުވާއާ ގުޅިގެން ފްލެޓުތަކުގެ ކަންތައް ބެލުމަށް ކޮމެޓީއެއް އެކުލަވާލައިފަ އެވެ. އަދި އެ ކޮމިޓިން ދަނީ ފުލެޓްތައް ދިނީ އެންމެ އިންސާފުވެރި ހައްގު ބަޔަކަށްތޯ ބަަލަމުންނެވެ.

comment ކޮމެންޓް