އަޅުގަނޑު ބާއްވަން އުޅޭ އިވެންޓަށް ސަރުކާރުން ދަނީ ހުރަސްއަޅަމުން: އުމަރު

ސާކް އިންފޮމޭޝަން ސެންޓަރުން އިސްނަގައިގެން އެޑިޓަރުންނަށާއި ނޫސްވެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އެއްދުވަހުގެ މަސައްކަތު ބައްދަލުވުން ޝަރަފުވެރިކޮށްދެއްވާ މިނިސްޓަރ އުމަރު ވާހަކަފުޅު ދައްކަވަނީ -- ސަން ފައިލް ފޮޓޯ -- އަލީ ނަސީރު

''އިންޑިއާ ސިފައިން ބާލަން'' މި ނަމުގައި ހުކުރު ދުވަހު އޭނާ ބާއްވާ އިވެންޓަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު "ސަން" އަށް މިރޭ ވިދާޅުވީ އެ އިވެންޓް ބާއްވަން ދަރުބާރުގޭގައި ބާއްވަން ހުރިހާ ކަމެއް ހަމަޖައްސައިފައި ވަނި ކޮށް ޕްލޭނިން މިނިސްޓްރީގެ ބޭނުމަކަށް ކަމަށް ބުނެ އެތަން އަތުލައިފައިވާ ކަމަށެވެ.

"އަޅުގަނޑު އިންނާނީ މިނިސްޓަރަށް ވެސް ދަންނަވާފައި އެ އިވެންޓް ބޭއްވޭނެ ގޮތެއް ހަމަޖައްސައިދިނުމަށް އެދި. މިނިސްޓަރު ވިދާޅުވި މާދަމާ ޖަވާބެއް ދެއްވާނެ ކަމަށް. އަޅުގަނޑު ދެންނެވިން ސްކޫލެއްގެ ހޯލް ނަމަވެސް ހަމަޖައްސައި ދެއްވާށޭ،" އޭނާ ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އެ އިވެންޓް ބޭއްވުމަށް ފައިސާވެސް ދައްކައި ޗެނަލް 13 އިން ލައިވް ފީޑެއްވެސް ގަނެފައިވާ ކަމަށެވެ.

ދަރުބާރުގެ އަތުލުމުން ސްކޫލުތަކުގެ ހޯލެއްގައި އެ އިވެންޓް ބޭއްވުމަށް މަސައްކަތް ކުރުމުން އެކަމަށްވެސް އަލިމަގެއް ނުފެންނަ ކަމަށް އުމަރު ވިދާޅުވިއެވެ.

"އަމީނިއްޔާ، ކަލާފާނު އަދި ގިޔާސުއްދީންގެ ހޯލް ލިބޭތޯ އުޅެއުޅެވެސް ނުލިބިގެން މި އުޅެނީ،" އުމަރު ވިދާޅުވިއެވެ.

އިންޑިއާ ސިފައިން ރާއްޖެ އިން ފޭބުމަށް ގޮވާލާ ގައުމީ ހަރަކާތަކްތަކެއް ކުރިއަށް ގެންދިއުމަށް އުމަރު ވަނީ ނިންމަވައިފައެވެ. އެ ހަރަކާތުގެ ތެރެއިން ވަރަށް ގިނަ ކަންތައްތައް ހިނގާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން "މަގުމަތީ ޕޯސްޓަރު ޖެހުމާއި ރައްޔިތުންގެ މަޖިލީހަށް ގަރާރު ހުށަހެޅުމާއި ކޯޓުތަކަށް މައްސަލަ ވެއްދުމާއި މުޒާހާރާ، ސައިކަލު ލޯރީ ބުރު" ފަދަ ހަރަކާތްތައް މި ގައުމީ ހަރަކާތުގެ ތެރެއިން ފެނިގެންދާނެ ކަމަށް އުމަރު ވިދާޅުވި އެވެ.

އުމަރު ދަރުބާރުގޭގައި އިވެންޓް ބާއްވާން އުޅޭތީ ރާއްޖޭގެ ސިފައިން ކަންބޮޑުވާ ކަމަށްވެސް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ ވިދާޅުވެފައެވެ. ނަމަވެސް މާރިޔާއަށް ރައްދު ދެއްވައި އުމަރު ވިދާޅުވީ ރާއްޖޭގެ ސިފައިން ކަންބޮޑުވަނީ ރާއްޖޭގެ މިނިވަންކަން ގެއްލިގެން ދާނެތީ ކަމަށެވެ.

comment ކޮމެންޓް