ޕްރައިމަރީ އިން ބަލިވެގެން އަމިއްލަ ގޮތުން ކުރިމަތިލީ އެންމެ ހަތަރު ބޭފުޅުން

ޕްރައިމަރީން ބަލިވި އަމިއްލަ ގޮތުން ވާދަކުއްވާ ހަތަރު ބޭފުޅުން: (ކ)-(ވ) ޖާބިރު، މުހައްމާ، ރުކުމާ، ފަޒާ އަހްމަދު

ސިޔާސީ ޕާޓީ ތަކުގެ މަޖިލިސް ޕްރައިމަރީން ބަލިވެގެން އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރުމަށް ހުށަހެޅީ އެންމެ ހަތަރު ބޭފުޅުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ޕްރައިމަރީން ބަލިވާ ފަރާތްތަކަށް އިންތިހާބުގައި ވާދަ ނުކުރޭ ގޮތަށް އިންތިހާބުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ބާތިލް ކަމަށް މިދިޔަ ހަފްތާ ހޯމަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ. އެއާއެކު އިލެކްޝަންސް ކޮމީޝަނުން ވަނީ އެފަރާތްތަކަށް ކުރިމަތިލުމަށް މިއަދު ހަވީރަށް ހުޅުވާލަފައެވެ.

އިލެކްޝަންސް ކޮމީޝަންގެ މެމްބަރު އަދި ތަރުޖަމާނު އަހްމަދު އަކްރަމް މިރޭ "ސަން" އަށް ވިދާޅުވީ، މިއަދު ހަވީރަށް ޕްރައިމަރީން ބަލިވި ފަރާތްތަކަށް ކުރިމަތި ލިމުގެ ފުރުސަތު ހަމަވިއިރު ކުރިމަތިލަފައިވަނީ ހަތަރު ބޭފުޅުން ކަމަށެވެ. އެ ހަތަރު ބޭފުޅުންވެސް ޕްރައިމަރީގައި ވާދަކޮށް ބަލިވެފައިވަނީ ވެރިކަން ކުރާ ޕާޓީ އެމްޑީޕީގެ ޕްރައިމަރީގައެވެ.

ޕްރައިމަރީން ބަލިވެގެން އަމިއްލަ ގޮތުން ވާދަ ކުރައްވާ ހަތަރު ބޭފުޅުން:

  • އަބްދުﷲ ޖާބިރު - ކާށިދޫ ދާއިރާ
  • މުހައްމަދު އަބްދުލް ކަރީމް - ހެންވޭރު ދެކުނު
  • މުހައްމަދު އަބްދުﷲ (މުހައްމާ) - އިހަވަންދޫ ދާއިރާ
  • އަހްމަދު މުހައްމަދު (ފަޒާ އަހްމަދު) - ހިތަދޫ އުތުރު ދާއިރާ

ޕްރައިމަރީން ބަލިވި ފަރާތްތަކުގެ ތެރެއިން އަމިއްލަ ގޮތުން ކުރިމަތިލެއްވި ހަތަރު ބޭފުޅުންނާއެކު މަޖިލިސް އިންތިހާބުގައި ޖުމްލަ 399 ކެންޑިޑެޓުން ވާދަކުރައްވައެވެ.

ޕްރައިމަރީން ބަލިވާ ފަރާތްތަކަށް އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ގެނައި އިސްލާހު ސުޕްރީމް ކޯޓުން ބާތިލް ކުރުމުން އެމްޑީޕީން ވަނީ އެކަމަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބަށް އެމްޑީޕީން އެޕާޓީގެ ކެންޑީޑޭޓުން ވާދަކުރައްވާ ފަރާތްތަކަށް ޓިކެޓް ދީފައިވަނީ ޕްރައިމަރީ އަކުންނެވެ.

ޕާޓީއެއްގެ ޕްރައިމަރީގައި ވާދަ ކުރައްވާ ކެންޑިޑޭޓަކު، ޕްރައިމަރީ އިންތިހާބުން ބަލިވުމުން އެ ކެންޑިޑޭޓަކު އެހެން ޕާޓީއެއްގެ ޓިކެޓްގައި އަދި އަމިއްލަ ގޮތުން ވެސް އިންތިޚާބުގައި ވާދަ ނުކުރެވޭ ގޮތަށް އިންތިހާބާ ބެހޭ ގާނޫނަށް އިސްލާހު ގެނައީ އޭރުގެ ސަރުކަރުގެ ފަރާތުން 2016 ވަނަ އަހަރު ނޮވެމްބަރު މަހު ތެރޭ އެވެ.

އެ އިސްލާހު ހުށަހެޅުއްވީ، އޭރު ސަރުކާރު ހިނގާ މައި ޕާޓީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންއެވެ.

ސައުދު ހުށަހެޅުއްވި އިސްލާހަށް އޭރުގެ އިދިކޮޅު މައި ޕާޓީ އަދި މިހާރުގެ ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީން ދެކޮޅުހެދި އެވެ.

https://sun.mv/116013

އޭރު އެ އިސްލާހާ ދެކޮޅު ހެދުމަށް ފަހު، މިހާރު އެ އިސްލާހަށް ތާއީދު ކުރައްވަނީ ކީއްވެގެންތޯ "ސަން" އިން ކުރި މީގެ ކުރިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ، ގާނޫނެއްގެ ސިފައިގައި އެޔަށް އަމަލު ކުރުމަށް ފަހު، އިންތިހާބުގެ ކަންކަމުގެ ތާރީހުތަށް ފަހަނައަޅާ ދިޔުމަށް ފަހު، ކުލިއަކަށް ކޯޓުން އެގޮތަށް ނިންމުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

comment ކޮމެންޓް