މާލޭގެ ޒުވާނުންނަށް "އަލްހާން ސްޓްރީޓް ސޮކާ ކަޕް" ބާއްވަނީ

"އަލްހާން ސްޓްރީޓް ސޮކާ ކަޕް" ގެ ގުރުއަތު ނެގުން -- ފޮޓޯ: އަލްހާން/ޓްވިޓާ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހެންވޭރު އުތުރު ދާއިރާ އަށް ވާދަކުރައްވާ އަލްހާން ފަހުމީ އިސްނަންގަވައިގެން "އަލްހާން ސްޓްރީޓް ސޮކާ ކަޕް"ގެ ނަމުގައި މާލެގެ ޒުވާނުންނަށް ފުޓްވޯޅަ މުބާރާތެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

މާލޭގެ އެކި ސަރަހައްދުތަކުން ޒުވާނުން ހިމެނޭ ޖުމްލަ 32 ޓީމު މި މުބާރާތުގައި ބައިވެރިވެފައިވާ އިރު، މާދަމާ އިން ފެށިގެން އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް މުބާރާތް ކުރިއަށްދާނެ އެވެ.

މުބާރާތުގެ އެއްވަނައަށް 50،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 25،000 ރުފިޔާ ދޭން ކަނޑައަޅާފައިވާ އިރު މުބާރާތުގެ އެހެނިގެން ވަނަތަކަށް ޓްރޮފީ އާއި މެޑަލް ދޭނެ އެވެ. މުބާރާތް ކުރިއަށް ގެންދާނީ ޓީސީ ސްޕޯޓްސް ކްލަބާ ހަވާލުކޮށްގެންނެވެ. މެޗުތައް ކުޅޭނީ ކުޑަހެންވޭރު ދަނޑުގަ އެވެ.

ފުތަރަމަ ބުރު ކުރިއަށްދާނީ ކޮންމެ ޓީމެއް ވެސް އެއްޓީމު އަނެއްޓީމާ ދެކޮޅަށް ކުޅޭގޮތަށެވެ. ދެވަނަ ބުރު ކުރިއަށްގެންދާނީ ކޮން އައުޓް އުސޫލުންނެވެ.

މި މުބާރާތުގެ ގުރުއަތުލުން ރޭ ބާއްވާފައިވާ އިރު ގުރު ނެގުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަލްހަން ވިދާޅުވީ އޭނާގެ ކެމްޕޭނު ހަރަކާތެއްގެ ގޮތުން ކުރިއަށްގެންދާ މި މުބާރާތަށް ލިބުނު ތަރުހީބު އަލްހާން ވަނީ ފާހަގަ ކުރައްވައިފަ އެވެ.

މި މުބާރާތަކީ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާ ކުރުމަށް ކުރިއަށްގެންދާ މުބާރާތެއް ކަމަށް އަލްހާން ވިދާޅުވި އެވެ.

"ސިޔާސީގޮތުން ހިޔާލު ތަފާތު، ވާދަވެރިކަން ބޮޑު ދުވަސްވަރެއްގައި އަޅުގަނޑު ބޭނުންވީ މާލޭގެ ހުރިހާ ހިސާބެއްގެ ޒުވާނުން އެކުވެރިކަމާ އެކު އަޅުގަނޑުގެ ކެމްޕޭނު ހަރަކާތުގައި ހަރަކާތްތެރިވާތަން ދައްކަން،" މުބާރާތުގެ ފޯރި ގަދަވި ނަމަވެސް ހަމަނުޖެހުން ނުހިންގުމަށް އަލްހާން އެދިވަޑައިގެންނެވި އެވެ.

"ކޮންމެ ޓީމަކުން ވެސް ކޮންމެ ކުޅުންތެރިއަކު ވެސް މަސައްކަތްކުރަންވާނީ ފެއާޕްލޭ ޓީމަށް ފެއާޕްލޭ ކުޅުންތެރިއަށް ވާން،" އަލްހާން ވިދާޅުވީ އޭނާ މަސައްކަތްކުރައްވަނީ ސިޔާސީ މަސްރަހުގެ ތެރެއިން ރައްޔިތުންނަށް ރަނގަޅުގޮތް ހޯދައިދިނުމަށް ކަމަށެވެ.

އަލްހާން ވިދާޅުވީ ހެންވޭރު އުތުރަށް ވާދަކުރެއްވި ނަމަވެސް މަސައްކަތް ކުރައްވާނީ މުޅި ރާއްޖޭގެ ރައްޔިތުންނަށް ރަނގަޅުގޮތް ހޯދައިދިނުމަށް ކަމަށެވެ. ސިޔާސީ ޕާޓީތަކުގައި މިނިވަންކަން އޮންނަން ޖެހޭނެ ކަމަށް ވެސް އަލްހާން ވިދާޅުވި އެވެ. އެހެން ނޫނީ ހަގީގީ ޑިމޮކްރަސީ އާއި ގައުމު ކުރިއަށް ދިޔުމުގެ ފިކުރެއް ނުހޯދޭނެ ކަމަށް އަލްހާން ވިދާޅުވި އެވެ.

ކުރިއަށް އޮތް ޖީލަށް ރަނގަޅު ވެއްޓެއް ހޯދައިދިނުމަށް އެންމެ ބޮޑު މަސައްކަތެއް ކޮށްދެވޭނީ ޒުވާނުންނަށް ކަމަށް އަލްހާން ވިދާޅުވި އެވެ.

comment ކޮމެންޓް