ޤައުމީ ކްރިކެޓް ޓީމުގެ ކެޕްޓަންކަން އާދަމް ނާސިފަށް؛ ޓީމު ބޫޓާނަށް ފުރަނީ އާދިއްތަދުވަހު

ބޫޓާން މުބާރާތުގެ ކުރިން އެކުލަވާލި ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން އަދި ވައިސް ކެޕްޓަނުގެ އިތުރުން މުބާރާތުގައި ވާދަކުރާ ޓީމު އިއުލާނުކުރުމަށް ބޭއްވި އިވެންޓުގެ ތެރެއިން ކެޕްޓަން އާދަމް ނާސިފް އުމަރަށް ކްރިކެޓް ބޯޑުގެ ރައީސް ތޮފި ހަވާލުކުރަނީ-- ސަން ފޮޓޯ: ޝާތިއު އަބްދުﷲ

ބޫޓާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ގަލެފޫ މެންސް ޓީ20 ސީރީސްގައި ވާދަކުރާ ރާއްޖޭގެ ސީނިއާ ޤައުމީ ކުރިކެޓް ޓީމުގެ ކެޕްޓަނަކަށް ތަޖުރިބާކާރު ކުޅުންތެރިޔާ އާދަމް ނާސިފް އުމަރު ހަމަޖައްސައި، ޤައުމީ ސްކޮޑު ރަސްމީކޮށް އިއުލާންކޮށްފިއެވެ.

ހުކުރުދުވަހުގެރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އިއުލާންކުރި ގައުމީ ކްރިކެޓް ޓީމުގެ ވައިސް ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ އިސްމާޢީލް ޢަލީއެވެ. މި ރަސްމިއްޔާތުގައި ރާއްޖެއިން ވާދަކުރާ 14 ކުޅުންތެރިންގެ ސްކޮޑު ވަނީ އިއުލާނުކޮށްފައެވެ.

ރާއްޖޭގެ ސްކޮޑު

  • އާދަމް ނާސިފް އުމަރު (ކެޕްޓަން)
  • އިބްރާހީމް ރިޒާން
  • އިސްމާއީލް އަލީ (ވައިސް ކެޕްޓަން)
  • މަބްސަރު ޢަބްދުﷲ އިބްރާހީމް،
  • އަޙްމަދު އަމީލް މަޢުރޫފް،
  • ލީމް ޝަފީޤް،
  • ލިޔަނާ ބަޑަލްގޭ ޕްރަގީތު މަލިންތާ ޕްރިޔަސާދު ގުނަތިލަކާ،
  • އިޤްބާލް ޝެރާޒް
  • ޢަލީ އިމާން އަޙްމަދު
  • އިބްރާހީމް ޝައުފް ޙަސަން
  • ވެޑަގޭ ޖަނަކާ މަލިންދާ
  • ހެމްބާ ތަންތިރިގޭ އޮޝެން ތީކްޝަނާ ޕެރޭރާ
  • އިހަލާ ގެދަރާ ސަމްޕަތު ދިނޭޝް ޕްރިޔަދަރްޝަނާ
  • މުޙައްމަދު ނަޒްމީ މުޙައްމަދު ނިފްރާސް
ބޫޓާން މުބާރާތުގެ ކުރިން އެކުލަވާލި ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން އަދި ވައިސް ކެޕްޓަނުގެ އިތުރުން މުބާރާތުގައި ވާދަކުރާ ޓީމު އިއުލާނުކުރުމަށް ބޭއްވި އިވެންޓުގެ ތެރެއިން-- ސަން ފޮޓޯ: ޝާތިއު އަބްދުﷲ

ޓީމުގެ މެނޭޖަރެއްގެ ގޮތުގައި ޙުސައިން އާރިފް ރިޒާ ޓީމާއެކު ބޫޓާނަށް ދަތުރުކުރާނެއެވެ. ޤައުމީ ޓީމު މި މުބާރާތުގައި ވާދަކުރުމަށް އާދިއްތަދުވަހު ބޫޓާނަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ.

ޤައުމީ ޓީމުގެ ކެޕްޓަންކަމާ ހަވާލުވި އާދަމް ނާސިފް އުމަރަކީ ދިވެހި ކުރިކެޓްގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ލީޑަޝިޕް ރަނގަޅު ކުޅުންތެރިޔާއެވެ. ފާއިތުވި އަހަރުތަކުގައި ބައިނަލްއަޤްވާމީ އެކި މުބާރާތްތަކުގައި ޤައުމީ ޓީމު ތަމްސީލުކޮށް، މުހިންމު ކާމިޔާބީތަކެއް ހޯދުމުގައި ނާސިފް ވަނީ އިސްދައުރެއް އަދާކޮށްފައެވެ. ޚާއްޞަކޮށް ޓީމުގެ ބެޓިންގ އަދި ބޯލިންގ ޑިޕާޓްމަންޓްގައިވެސް މުހިންމު ވަގުތުތަކުގައި ޓީމަށް ބޭނުންވާ ހިތްވަރާއި އިރުޝާދު ދިނުމުގައި ނާސިފްގެ ތަޖުރިބާ ޓީމަށް ބޮޑު ބާރަކަށް ވާނެއެވެ.

ވިލިމާލޭ މުޙްޔިއްދީން ސްކޫލުގެ އިންޓަ ހައުސް މުބާރާތުގެ ޓްރަޔަލްއަކުން ކުރިކެޓަށް ޝައުޤުވެރިކަން އުފެދުނު އާދަމް ނާސިފް އުމަރު ޤައުމީ ޓީމާ ގުޅުނީ 2013 ވަނަ އަހަރުއެވެ.

ޤައުމީ ޓީމުގެ މުހިންމު އޯލްރައުންޑަރެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އާދަމް ވަނީ 2015 ވަނަ އަހަރު ސްރީލަންކާގެ މަޝްހޫރު އެސްއެސްސީ ބަލިކޮށް 18 އަހަރުން ދަށުގެ ޤައުމީ ޓީމަށް ޗެމްޕިއަންކަން ހޯދައިދިނުމުގައާއި، 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ބޫޓާން އަތުން މޮޅުވި ޓީމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އާދަމް ވަނީ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ރާއްޖޭގެ އެންމެ މޮޅު ކުރިކެޓް ކުޅުންތެރިޔާގެ މަޤާމުވެސް ހޯދާފައެވެ.

މި ސްކޮޑު އިއުލާންކުރިއިރު، ރާއްޖޭގެ ކުރިކެޓްގައި ވިދާލި ހުނަރުވެރި ކުޅުންތެރިޔާ ހަސަން ހާޒިޤް ވަނީ ކާމިޔާބު 16 އަހަރަށްފަހު ދާދިފަހުން ނިމުނު ބައިނަލްއަޤްވާމީ މުބާރާތަށްފަހު ބައިނަލްއަޤްވާމީ ކުރިކެޓުން ރިޓަޔާކޮށްފައެވެ. ޤައުމީ ޓީމަށް ގިނަ ޚިދުމަތްތަކެއް ކޮށްދީފައިވާ ހާޒިޤް ކުޅުމާ ދުރަށް ދިއުމަކީ ޓީމަށް ލިބުނު ހުސްކަމެއް ނަމަވެސް، އޭނާ ދައްކާފައިވާ ނަމޫނާއާއި ޤައުމީ ޓީމަށް ކޮށްދިން ޚިދުމަތް ކުރިކެޓް އާއިލާއިން ފާހަގަކުރެއެވެ.

ގަލެފޫ އިންޓަނޭޝަނަލް ކުރިކެޓް ގްރައުންޑްގައި ބާއްވާ މި މުބާރާތްތަކަކީ "ބޫޓާން ކުރިކެޓް ފެސްޓިވަލް 2026-2027" ގެ ދަށުން ކުރިއަށްގެންދާ ބައިނަލްއަޤްވާމީ ތިން ޓީ20އައި މުބާރާތެކެވެ.

އޭޝިއާގެ އެކި ޤައުމުތަކުގެ ފިރިހެން އަދި އަންހެން ޤައުމީ ޓީމުތައް ބައިވެރިވާ މި ފެސްޓިވަލަކީ ގަލެފޫ ދަނޑުގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އަދި އެންމެ ދިގު ބައިނަލްއަޤްވާމީ ކުރިކެޓް އިވެންޓްކަމަށް ބޫޓާން ކުރިކެޓް ކައުންސިލުން ދެކެއެވެ. ފާއިތުވި ދެ އަހަރުތެރޭ އެ ދަނޑުގައި ބައިނަލްއަޤްވާމީ ފަސް މެޗު ކުޅެފައިވާއިރު، މި ފެސްޓިވަލަށްޓަކައި ދަނޑުގެ ޕިޗާއި އެހެނިހެން ވަސީލަތްތައް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.

މި ފެސްޓިވަލްގެ ފުރަތަމަ މުބާރާތް ކަމަށްވާ ގަލެފޫ މެންސް ޓީ20 ސީރީސްގައި ރާއްޖެ ވާދަކުރާނީ ބޫޓާން، ބަހްރައިން، ނޭޕާލް އަދި ތައިލެންޑާ ދެކޮޅަށެވެ. އެއަށްފަހު އޮންނަ ފިރިހެނުންގެ ޓްރައި-ސީރީސްގައި ރާއްޖެ ނުކުންނާނީ ބޫޓާނާއި ބަހްރައިނާ ދެކޮޅަށެވެ. މީގެ އިތުރުން، އަންނަ ޖެނުއަރީ މަހު ފަސް ޤައުމެއްގެ މެދުގައި "ލޮޓަސް ކަޕް ވިމެންސް ޓީ20އައި ސީރީސް" ވެސް މި ދަނޑުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ސީނިއާ ޤައުމީ ޓީމު މި މުބާރާތަށް ތައްޔާރުވެފައިވަނީ އަފްޣާނިސްތާނުގެ ތަޖުރިބާކާރު ހެޑް ކޯޗު އަސަދުﷲ ޚާންގެ އިރުޝާދުގެ ދަށުންނެވެ. މި މުބާރާތުގެ ކުރިން ޤައުމީ ޓީމު ވަނީ މެލޭޝިއާގައި ކުރިއަށްދިޔަ ބައިނަލްއަޤްވާމީ މުބާރާތެއްގައިވެސް ވާދަކޮށް، މުހިންމު ތަޖުރިބާތަކެއް ހޯދާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު