ރައުޝާންގެ މަރާ ގުޅިގެން ޑަބްލިއު ކޮންސްޓްރަކްޝަންގެ އެމްޑީ އާއި ހަ މީހަކަށް ދައުވާ ކޮށްފި

ސިމެންތި ބަސްތާ ބޮލަށް ވެއްޓި މަރުވި ރައުޝާން ޖިއާން: އެ ކުއްޖާގެ މަރުގެ މައްސަލާގައި ހަ މީހަކަށް ވަނީ ދައުވާ ކޮށްފައި ---

މ. ނަލަހިޔާމަންޒިލު ގޭގެ ފަސް ވަނަ ބުރީގައި ޑަބްލިއު ކޮންސްޓްރަކްޝަން އިން މަސައްކަތް ކުރަމުން ދަނިކޮށް އެ އިމާރާތުގެ މަތިން ވެއްޓުނު ސިމެންތި ބަސްތާއެއްގެ ދަށުވެ މަރުވި އުމުރުން ނުވަ އަހަރުގެރައުޝަން ޖިއާންގެ މަރުގެ މައްސަލައިގެ ހަ މީހަކަށް ޖިނާއީ ދައުވާ އުފުލައި ޕްރޮސިކުއުޓާ ޖެނަރަލް (ޕީޖީ) އިން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

މަތިން ވެއްޓުނު ބަސްތާގެ ދަށުވުމުގެ ސަބަބުން ޖިއާންގެ އެތެރޭގެ ގުނަވަންތަކަށް ބޮޑެތި ގެއްލުންތަކެއްވި އެވެ. އަދި ފައިގައި ރެނދުލުމުގެ އިތުރުން ކަރަށާއި ކޮނޑަށް ވަނީ ބޮޑެތި ގެއްލުން ވެފަ އެވެ. އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ޖިއާން މަރުވީ ޖެހިގެން އައި ޑިސެމްބަރު 17 ވަނަ ދުވަހު މެންދުރު އެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައުޝާންގެ ބޮލަށް ސިމެންތި ބަސްތާ ވެއްޓިފައި ވަނީ، ފަރީދީ މަގުމަތީގައި ހުރި ސިމެންތި އަދި ހިލަވެލި ބަސްތާ ތަކެއް ސަވާޖީއެއް ބޭނުންކޮށްގެން ވިންޗުގެ އެހީގައި ނުވަ ވަނަ ފަންގިފިލާއަށް އެރުވުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ވިންޗު އޮޕަރޭޓްކުރަމުންދިޔަ ފަރާތައް 'ވިންޗު ލައިނަށް މާބޮޑަށް ދޫދެވި' ސަވާޖީއިން ސިމެންތި ބަސްތާއެއް ވެއްޓުމުން ކަމަށެވެ.

އެ މައްސަލާގައި ދައުވާ އުފުލި ފަރާތްތައް

- ރައްޖާވް އަލީ (އިންޑިއާ): މީހަކު މަރުވެދިއުމުގައި ފަރުވާކުޑަ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ

ވިންޗު އޮޕަރޭޓް ކުރި ރައްޖާވްގެ މައްޗަށް އެ ދައުވާ ސާބިތުވެއްޖެ ނަމަ ހަ އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

- މުތުމަނި ރަމަޗަންދުރަން (ބަންގުލަދޭޝް): މީހަކު މަރުވެދިއުމުގައި ފަރުވާކުޑަ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ:

އެ ދައުވާ މުތުމަނިގެ މައްޗަށް އުފުލާފައި ވަނީ، ރައްޖާވް އަލީގެ ވިންޗު އޮޕަރޭޓް ކުރުމުގެ ހުއްދަ ނެތް ކަން އެނގިހުރެ އޭނާ ގާތު ބަސްތާތައް ނެގުމަށް ބުނެފައިވާތީ އެވެ.

- ކެޝަރިލަލް ޗައުހަން އަދި ގުލަމް މަހަމަދު: ކުރިމަތިވެދާނެ ކަން އެނގޭ ނުރައްކަލެއްގެ އިންޒާރު އެކަށީގެންވާ ސަބަބެއް ނެތި ނުރައްކަލެއްގައިވާ މީހާއަށް ނުދިނުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ ސާބިތު ވެއްޖެ ނަމަ ދެ މީހުނަށް އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

- މޫސާ ހަސަން، ކ. މާލެ ދަފްތަރު ރސ. ނަންބަރު: 8424 އަދި އާދަމް ޝަފީގް ދަފްތަރު ރސ. ނަންބަރު: 7198: މީހަކު މަރުވެދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ

އެ ދައުވާ ޑަބްލިއު ކޮންސްޓްރަކްޝަން ކޮމްޕެނީގެ ސީނިއާ ސައިޓް ސުޕަވައިޒަރެއްގެ މަގާމުގައި ހުރ މޫސާ ހަސަން އަދި އެކުންފުނޫގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުރި އާދަމް ޝަފީގު މައްޗަށް އުފުލާފައިވަނީ، ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް އިހުމާލުވެފައިވުމުގެ ސަބަބުން ސިމެންތި ބަސްތާ ޖިއާންގެ ބޮލަށް ވެއްޓި އޭނާ މަރުވެފައި ވުމުންނެވެ.

އެ ދައުވާ ސާބިތުވެއްޖެ ނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދަވަހުގެ ޖަލު ހުކުމެއް އެ ދެ ފަރާތަށް އަންނާނެ އެވެ.

comment ކޮމެންޓް