ދެ ކޮމިޝަނުގެ ބިލަށް ވޯޓަށް ނާހައި އެޖެންޑާއިން ނަގައިފި

މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް: ގާސިމް ވިދާޅުވީ ދެ ކޮމިޝަނަށް ބާރުދޭ ބިލަށް ވޯޓަށް ނޭހީ ކޮމެޓީން ފާސްކުރި ގޮތާއި ހިލާފަށް އޮތް ކަމަށް އެ ކޮމެޓީގައި ހިމެނޭ ހަ މެންބަރުން ސޮއި ކޮށް މައްސަލަ އެއް ހުށަހެޅުމުން ކަމަށް --- ފައިލް ފޮޓޯ/ މަޖިލިސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ދެ ރިޔާސީ ކޮމިޝަންއަށް ގާނޫނީ ބާރުދޭ ގޮތަށް ހުށަހެޅި ބިލް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ދިރާސާކޮށް ނިންމި ގޮތާއި ހިލާފަށް މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް ތުހުމަތުކޮށް އެ ބިލަށް ވޯޓަށް ނޭހުމަށް މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ނިންމަވައިފިއެވެ.

މީގެ ކުރިން ތިން ފަހަރަކު އެޖެންޑާ ކުރި ނަމަވެސް އެ ފަހަރުތަކުގައި އެ ބިލަށް ވޯޓަށް އެހިފައި ނުވަނީ ގާނޫނީ އަދަދު ހަމަނުވެގެންނެވެ.

މިއަދުގެ ޖަލްސާގައި އެ ބިލަށް ވޯޓަށް އެހުމަށް އެންމެ ފުރަތަމަ އޮތީ އެޖެންޑާ ކޮށްފައެވެ. ނަމަވެސް އެ ބިލަށް ވޯޓަށް ނޭހުމަށް ނިންމި ސަބަބުން ވިދާޅުވަމުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ، ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ހަ މެންބަރުން ސޮއި ކުރައްވާ މައްސަލަ އެއް ހުށަހަޅާފައިވާ ކަމަށެވެ.

"ކޮމެޓީން ނިންމެވި ގޮތަކަށް ނޫން ކޮމެޓީ ރިޕޯޓުގައި މި އޮތީ ކަމަށް ބުނެ. އެހެންވީމަ މި މަޖިލީހަށް އެކަން ތަހުގީގުކޮށް ބެލުމަށްފަހު ނޫނީއްޔާ ކުރިއަށް ގެންދެވޭނެ ކަމަށް ނެތީމަ މިއަދުގެ އެޖެންޑާއިން އެ މައްސަލަ އަޅުގަނޑު ނެގީ،" ގާސިމް ވިދާޅުވި އެވެ.

އަދި އެ މައްސަލަ ބަލާ ނިމުމުން އަލުން އެޖެންޑާ ކުރާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ދެ ކޮމިޝަނަށް ބާރު ދޭ ބިލަށް ވޯޓަށް ނޭހުމުން ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ މެންބަރުން ވަނީ މަޖިލީހުގައި އަޑުގަދަކޮށް އެ ބިލް އެޖެންޑާއިން ނުނެންގެވޭނެ ކަމަށް ބުނެފަ އެވެ.

ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ ދުވަހު އެކުލަވާލި ރިޔާސީ ދެ ކޮމިޝަނަށް ބާރުދިނުމަށް މަޖިލިހަށް ހުށަހަޅާފައިވާ ދެ ބިލު ކޮމިޓީ މަރުހަލާ ނިމި، މަޖިލީހުގެ ތަޅުމަށް ވޯޓަށް އެހުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު 15 ވަނަ ދުވަހަށް ތާވަލު ކުރި ނަމަވެސް ކޯރަމް ހަމަ ނުވުމުގެ ސަބަބުން ބިލް ފާސްނުވެ މަޖިލިސް ދިޔައީ ޗުއްޓީއަށެވެ.

comment ކޮމެންޓް