ގދ. ތިނަދުއަށް މިއަދު ހެނދުނުން ފެށިގެން ވެހެމުން އައި ވާރޭގައި ރަށުގެ ބޮޑު ބައެއްގައި ފެން ބޮޑުވެ 50 ގެއަކަށް ފެން ވަދެ ބައެއް ގެ ތަކުން ކަރަންޓް ކެނޑިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ގދ. އަތޮޅަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ތިނަދޫ އުތުރު އަވަށުގެ ގިނަ ގެތަކަށް ފެން ވެދެފައިވާ ކަމަށާއި އެގޮތުން 50 ގެއަކަށް ފެން ވަދެގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ތިނަދޫ ކައުންސިލްގެ ރައީސް އިބްރާހިމް އަސްއަދު 'ސަން' އަށް ވިދާޅުވީ ބައެއް ގެތަކަށް ފެން ވަނުމުގެ ސަބަބުން ކަރަންޓް ވެސް ކެނޑިފައިވާ ކަމަށެވެ. އަދި ކަރަންޓް ކެނޑުނު ގެތަކަށް އަލުން ކަރަންޓް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަން އަސްއަދު ފާހަގަކުރެއްވި އެވެ.
ތިނަދޫ ކައުންސިލް މެމްބަރު މަރްޔަމް ނަރީމަން ޝަރީފް ވިދާޅުވީ މިއަދު ހެނދުނުން ފެށިގެން އެ ރަށަށް ވާރޭ ވެހެމުން އަންނަ ކަމަށާއި ބޯކޮށް ވާރޭ ވެހެން ފެށީ މެންދުރުން ފެށިގެން ކަމަށެވެ.
"ތިނަދޫ އަކީ އަބަދުވެސް ވާރޭ ކޮޅެއް ވެހެލާއިރަށް ފެންބޮޑުވާ ރަށެއް. އެކަމަކު މަގުތަކުގައި ތާރު އެޅިފަހުން މާ ބޮޑަށް ފެންބޮޑު ވޭ." ނަރީމާން ވިދާޅުވި އެވެ.
ނިމިދިޔަ ސަރުކާރުގައި ތިނަދޫގެ ބޮޑެތި މަގުތަކުގައި ވަނީ ތާރުއަޅާފައެވެ. ނަރީމަން ވިދާޅުވީ ތާރުއަޅާފައި ވަނީ ހަމައެއް ލަމައެއް ނެތި ކަމަށާއި އެކަމުގެ ސަބަބުން އެ ރަށުގައި ފެންބޮޑުވާ މައްސަލަ ހައްލުނުވެ އިތުރަށް ގޯސްވަމުން އަންނަ ކަމަށެވެ.
ރާއްޖޭގެ ދެކުނަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގަ ލ. އަތޮޅުގެ ބައެއް ރަށްތަކުގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެން ވަދެގެން އެމްއެންޑީއެފުން ވަނީ ހަރަކާތްތެރިވެފަ އެވެ. އަދި ތިނަދޫގައި ބޮޑުވެފައިވާ ފެންގަނޑު ހިންދުމުގައި ވެސް އެމްއެންޑީއެފްގެ އިތުރުން ފުލުހުންނާއި އެ ރަށު ކައުންސިލްގެ އިތުރުން ރައްޔިތުން ވެސް އަންނީ ބައިވެރިވަމުންނެވެ.