ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އެމްޑީޕީ އިން ވަކިވެއްޖެ އެވެ.
ރުކުމާ ކުރެއްވި ޓެވީޓެއްގައި ވަނީ އެކަން ޔަގީންކޮށްދީފަ އެވެ. ވިދާޅުވެފައި ވަނީ ފަހުރުވެރިވާ ސިޔާސަތުތަކާ އެކު ވުޖޫދިވި އެމްޑީޕީގައި އިހުލާތެރިންނާއި އަދާވާތްތެރިން ވަކިނުވާތީ ހިތާމަ ކުރައްވާ ކަމަށެވެ.
އެމްޑީޕީ މަޖިލިސް އިންތިހާބުގެ ޕްރައިމެރީގައި ވާދަކުރެއްވި ރުކުމާ ވަނީ ނާކާމިޔާބުވެ ވަޑައިގެންފަ އެވެ. ރުކުމާ 'ސަން' އަށް ވިދާޅުވީ އެމްޑީޕީން ވަކިވި ނަމަވެސް އަމިއްލަ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވަން އަދި ނުނިންމަވާ ކަމަށެވެ. ނަމަވެސް އެކަމާ މެދު ވިސްނަމުން ދާ ކަމަށް ވިދާޅުވި އެވެ.
މަޖިލީހުގައި ވާދަކުރައްވާ ނަމަ ވާދަ ކުރައްވާނީ ހެންވޭރު ދެކުނު ދާއިރާއަށް ކަމަށް ވެސް ރުކުމާ ވިދާޅުވި އެވެ.
އެމްޑީޕީން މަޖިލިސް އިންތިހާބުގެ ޕްރައިމެރީ ކުރިއަށް ގެންދިޔަ ގޮތާ މެދު ރުކުމާގެ ކަންބޮޑުވުންތަކެއް ހުއްޓެވެ. ވިދާޅުވީ ޕްރައިމެރީގައި ޕާޓީގެ ބައެއް ވަޒީރުންނާއި އިސް ބޭފުޅުން އެނާއާ ދެކޮޅަށް ކެމްޕެއިން ކުރެއްވި ކަމަށެވެ.
އަދި ވޯޓުލީ ދުވަހު ވެސް އޭނާގެ ނަމުގައި އޭނާގެ ފޯނު ނަމްބަރުން ދާއިރާގެ ރައްޔިތުންނަށް ނަފުރަތުގެ މެސެޖްތަކެއް ފޮނުވާފައިވާ ކަމަށާއި ދަތިތަކެއް ކުރިމަތި ކުރުވި ކަަމަށެވެ.
ރުކުމާއަކީ އެމްޑީޕީ އުފެދުނީއްސުރެ އެޕާޓީގައި އުޅުއްވި މެމްބަރެކެވެ. އެމްޑީޕީގެ ޓިކެޓްގައި މާލޭ ސިޓީ ކައުންސިލުގެ މެމްބަރު ކަމަށް ވެސް އިންތިހާބުވެ ވަޑައިގަތެވެ.