ހަޔާތީ ލަދުން ހުރިތަނަށް ނުވިރުނީ ހަމަ ކިރިޔާއެވެ. އެކަހަލަ އެއްޗެކޭ ނުބުނެވުނުނަމައެވެ. ނަމަވެސް އޭނަގެ އަނގަގަދަކަމުން އަމްރާންގެ އިޝްގީ ބައި ހޭއްލަވައިލެވުނީއެވެ. ހަޔާތީ އޭނަގެ ދެއަތް އަމްރާންގެ މޫނުމަތީ އެޅިއެވެ. އަތްޖެހުނީ އަމްރާންގެ އަނގަމަތީގައެވެ. އަމްރާން އެދެއަތުގައި ހިފެހެއްޓިއެވެ. ވަގުތުން ހަޔާތީއަށް ދުރުކޮށްލެވުނީ އުދަގޫވެފައިވާ ފަދަ ގޮތެއް އަނގަޔަށް ގޮތެއް ހަދާލާފައެވެ.

"މި ގާތްކަން ކަމަކުނުދޭ. މިއީ ވަގުތީ ގުޅުމެއް. އެކަން ހަދާން ނައްތާލައިފިއްޔާ ރިގްރެޓްކުރަން ޖެހިދާނެ........" ހަޔާތީ ހަދާންކޮށްލަދިނެވެ.

"އަހަރެން ދެކޭގޮތް ތަފާތުވެދާނެ. ކުރި ކަމަކާއި އަދި ރިގްރެޓް ކޮށްފައެއްނެތް........." އަމްރާންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

"ޔޫ ނޯ ނަތިން އެބައުޓް މައި ޕާސްޓް. އައި ހޭވް ސިކްރެޓްސް. އެނގިއްޖެއްޔާ ވިސްނާގޮތް ތަފާތުވެދާނެ...."ހަޔާތީ ކަފަލޮލީ އުރާލުމަށްފަހު ކުރިއަށް ފިޔަވަޅެއް އެޅިއެވެ.

"ނާހަން ހުރީ އެކަމަކު ކިޔާދޭން ބޭނުމިއްޔާ އިޓްސް ފައިން ޑިއަރެސްޓް ވައިފް..............." އަމްރާން ހަޔާތީއާއި އެއްވަރަކަށް ހިނގާފައި އައީ ޖީބަށް އަތްތިލަ ޖަހާލަމުންނެވެ. ދެމީހުން އެއް ހަމައިގާ ހިނގާފައި ދިޔައިރު އެގާތްކަމުން ހަޔާތީ

ކަންބޮޑުވިއެވެ.

ދެވަނަ ސިކުންތުގައި ހަޔާތީގެ ޚިޔާލު ބަދަލުވެ ސިއްރުތައް ހާމަކުރަން އަވަސްކަމުގައި ވިސްނިއެވެ. އޭނަ ކުރިން ކައިވެންޏެއްކޮށްފައިވާ ކަން އެނގުމާއެކު އަމްރާން މިކާލްއާއި ބެހޭގޮތުން ހުރިހާ ސިއްރެއް ހޯދަން އަޒިކިއަލް މެންނާއި ހަވާލުކުރާނެއެވެ. މިކާލް މުޖާހިދެއްކަން އެނގުމަށްފަހު ދެން ވާނެގޮތް ވިސްނައިލިޔަސް ހިތް ރޫރޫ އަޅައިގަނެއެވެ. ހަޔާތީ ހިންދިރުވައިލިއެވެ.

"ޔެސް؟ " އަމްރާންގެ ސުވާލުގެ ނަޒަރު އޭނަގެ މޫނަށް ހުއްޓުނެވެ.

"އައި ކާންޓް. ނޮޓް ނައު......" ހަޔާތީ ކޮރިޑޯގެ އަނެއްކޮޅުން ގޮސް ގޭގެ ފަހަތު ފެންޑާ ހުޅުވާލާފައި ކަފަލޮލީ ނިދާ މަކާނަށް ދޫކޮށްލުމަށްފަހު ދޮރު ލައްޕާލިއިރު އަތުގެ ލޯލިތައް ކޮޅަށްޖެހިފައިވިއެވެ. އަމްރާންއާއި ކުރިމަތިލާން ބޭނުންނުވެފައި ހުރެގޮސް އެންމެ ކުރިން ޖެހުނު ކޮޓަރިތެރެއަށް ދެމިގެންފާ ދޮރުފަތަށް ލެނގުނުއިރު ހިތް ޑަންޑަންލާފައި ތެޅޭ އަޑު ހިމޭންކަމުގެ ތެރޭ ކަންފަތުގައި ހަރުލިއެވެ. ނޭގި ހުއްޓާ ހިތަށް އަނިޔާވެ ހޫނު ހޫނު ކަރުނަތައް ކޯތާފަތުން ތިރިއަށް ދެމިގެންފިއެވެ. އަމިއްލަ ނަފުސް މި ވެއްޓިގަތް އަނދަވަޅުން ސަލާމަތްވާނެ އެއްވެސް ގޮތެއް ނުފެނުނެވެ. އަމްރާން ކައިރީ ހަގީގަތް ހާމަކޮށްދީގެން ހަމްދަރުދީވާނީ ކަމެއް ނޫނީ ބަދަލުހިފަން އޭނައަށް ކޮށްފާނެކަމެއް ޚިޔާލަށް ގެންނާކަށް ފަސޭހައެއް ނުވިއެވެ. އެނގޭހާ އެއްޗަކީ ޚިޔާލުތައް ގިނަވެ ބޮލުގައި ދާއިމީ ރިހުމެއް ނުފިލާ ހުރިކަމެވެ.

ހިތުގައިވާ އިހުސާސްތައް މީހަކާއި ހިއްސާނުކޮށް ހުރެއްޖެއްޔާ ހިތް ފަޅައިގެންގޮސްދާނެއެވެ. ނަމަވެސް ވަކި ގުޅާނީ ކާކަށް ހެއްޔެވެ؟ އަމްރާންއާއި އެކު ގިނަވަގުތުތައް ހޭދަކޮށް އެކީ އުޅެވޭލެއް ގިނަކަމުން މިކާލްއަށް ބޭވަފާތެރިވެވެނީކަމުގެ އިހުސާސްތައްވެސް އޭނަ ވަށާލައިފިއެވެ. އަމްރާންގެ ގާތްކަމާއި އޯގާތެރިކަމުގެ ސަބަބުން ހިތުގެ ކަނެއްގައި ފޮރުވާފައިވާ އިހުސާސްތައް ހޭލަފާނެތީ އޭނަ ބިރުގަނެއެވެ.

ހެދުނު ކާކޮޓަރިއަށްވަދެފައި މޭޒުމަތި ތައްޔާރުކޮށްފައި ކޮފީހަދަން ހުއްޓާ އަމްރާން އަންނަތަނެ ފެނުމުން ބަލައިލެވުމާއިއެކު އިސްޖެހުނެވެ. އެންމެ ނަޒަރަކުންވެސް އަމްރާންގެ ސްމާޓްކަން ހިތް އަވަސްކުރުވިއެވެ. ޑިޒައިނާ ކަޅު ސޫޓެއްގައި މޮޑެލްއަކާއި ވާދަކުރެވޭވަރުވެއެވެ. ފެޝަން މަޖައްލާއެއްގެ ކަވަރުން ފުންމާލައިގެން އައިފަދައެވެ. ތަނުގައި ހިފައިލި މީރުވަހުންވެސް ހިތް އުތުރިއަރައިގަތެވެ.

"މޯނިން ވައިފް...." އަމްރާން ކޮފީތަށި ތުނބުގައި ޖަހަމުން މީރޭ ބުނާފަދަ ގޮތަކަށް ނިތްކުރި އަރުވައިލިއެވެ. ރޭ އޭނަ ރުޅިހަދާލާފައި އެކޮޓަރިއަށް ނުގޮސް ހުރުމުން ހިތްހަމަނުޖެހި އަނގައިން ނުބުނާނެކަމުގައި ހީކުރެވުނަސް އަމްރާން ހުރީ ހަމަޖެހިލާފައެވެ. ކަމެއްވީކަން އެނގުނުކަމަކަށްވެސް ހަދާނުލައެވެ. އަމްރާން އެޗްއެމްގެ ކަންތައް ކުރިއަށްދާ ގޮތާއިބެހޭގޮތުން ސުވާލުކުރިއެވެ. ދެން އެހީ މުޅިންވެސް އަމިއްލަ ވާހަކަތަކެވެ. ހަޔާތީގެ މަންމައާއި ކޮއްކޮގެ ޚަބަރު އޮޅުން ފިލުވިއެވެ. ފުރަތަމަ ފަހަރަށް ހަޔާތީ އޭނަގެ މަންމަގެ ކެންސަރާއި ބެހޭގޮތުން ވާހަކަދެއްކިއެވެ. ކުދި ކުދި އެކި ވާހަކަތަކުގައި ތިބެ ނާސްތާ ނިންމާލިއިރު އެދޭތެރޭގައިވާ ގަނޑުފެން ކޮންމެވެސް ވަރަކަށް ވިރާ އެކުވެރިކަން ބަދަހިވާން ފަށައިފިއެވެ. މިއީ ހަޔާތީ ބޭނުންވާގޮތެއް ނޫނެވެ. އަމްރާންގެ މަގުސަދާއިމެދު އަދިވެސް ހިތުގައި އޮތީ ސުވާލުތަކެވެ. އަމްރާންގެ ނިޔަތް ސާފުކަމެއް އޭނައަކަށް ނޭގެއެވެ. ސިއްރުވެރިކަމުން މިކާލްއަކަށް ދޫނުކުރެއެވެ. ނަމަވެސް އަމްރާން ބޭނުންވާފަދަ އެކުވެރިކަމަކާއި ގާތްކަމެއް އޭނަ އުފައްދައިފިއެވެ.

ރޭގަނޑު ކެއުމަށްފަހު އަބުދުލްއަޒީޒު ކޮޓަރިއަށް ވެންނެވުމުން ހަޔާތީ ސިޓިންރޫމްގެ ސޯފާއެއްގައި އޮށޯވެލިއެވެ. އެޗްއެމް ހުޅުވާލުމަށްފަހު އެއިން ދައްކާ ޕްރޮގްރާމެއް ބަލައިލަން ޗެނެލް ހުޅުވާލިތަނާ އަމްރާންވެސް ކޮފީއެއް ހިފައިގެން އައިސް އޭނަގެ ގާތު ޖައްސައިލިއެވެ. އެއްފަރާތުގައި ހުރި ސޯފާގައި އިށީނުމުގެ ބަދަލުގައި އޭނައާއި ދާދި ގާތުގައި އިނުމުން ހޫނުކަން އިހުސާސްކުރެވުނެވެ. ކޮފީތަށި ހޫނުވީމަކަން ނޭގެއެވެ. އަމްރާންގެ ޖިންސްގް ފެބްރިކް އޭނަގެ ލައިގެން ހުރި އޮމާން ހަރުވާޅުގައި ބީހިލިއެވެ. ކޮފޯތަށްޓާއެކު އަމްރާން ޖަހައިގެން ހުރި ސެންޓުގެ ވަސް އެއްވުމުން މަސްތު ނުވާވަރެއްނޫނެވެ. ހަމަޖެހޭގޮތް ދައްކަން ކުރަން ޖެހުނު ހަގުރާމަ ބޮޑެވެ.

"ކޯންޗެއް ތި ބަލައިލަނީ؟ " އަމްރާންއެހީ އެ ކަތި ނަޒަރު އޭނަގެ މޫނަށް ހުއްޓައިލަމުންނެވެ. ތަނަށް ވެރިވެފައިވާ މަޑު އޮރެންޖް އަލީގައި ދެމީހުންގެ މޫނު ވިދައެވެ.

"އެޗްއެމް ޕްރޮގްރާމެއް... އެބައުޓް ޝިރުކު.....މޭބީ ޔޫ ޝުޑް ސީ..." ހަޔާތީ ކުޑަކޮށް ހިނިތުންވެލިއެވެ.

"އެއީތަ ހަޔާތީ ކުރާކަމަކީ؟ އަހަންނަށް ޓާގެޓްކޮށް ޕްރޮގްރާމް ހެދުން؟ އަހަރެން ނޭގޭއިރުވެސް. އައި މީން ޔޫ ޑޯން ނޯ އެނީތިން އެބައުޓް މީ...." އަމްރާން ފައި ދަމައިލަމުން ބިއްލޫރި މޭޒަށް ފައިއެރުވިއެވެ. ތަންކޮޅެއް އަރާމުގައި އޮށޯވެލަމުން އަދި އަތް ހަޔާތީގެ ކޮނޑުގައި ވަށައިލިއެވެ. ހަޔާތީގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. އަމްރާންގެ މި އަމަލުތަކުން އޭނަގެ ހިތާއި ކުޅެލާތީ ބިރުގަނެއެވެ. މިކާލްއަށްޓަކާ އޭނަގެ ހިތުގައިވާ ލޯތްބާއި ދަރަޖަ އަމްރާން އަތުލާން އުޅޭނެކަމެއް ނެތެވެ. އެއީ ދުވަހަކު ވާނެކަމެއްނޫނެވެ. ނަމަވެސް އަމްރާންގެ މިހުންނަ ފިރިހެންކަމަކަން އަންހެންކުދިންގެ ހިތާއި ކުޅެލާ ދަމައިގަންނަގޮތެއް ހުރުމަކީ އޭނަގެ ކުށެއްނޫންތާއެވެ.

"ވަޓް......އާ. ޔޫ..." ހަޔާތީ އެއްޗެކޭ ބުނަން އުޅުނެވެ.

"އަހަރެމެން އެކްޓްކުރަންވާނީ ކަޕްލްސްއިން އުޅޭގޮތަކަށް ނޫންތަ؟ " އަމްރާން އެހިއެވެ.

"މީހަކު ނެތްތާ އެކްޓްކުރުމުގެ މާނައެއް އޮތްކަމަކަށް އަޅުގަނޑަކަށް ނުފެނޭ. ބަޓް ޔޫ އާ ރައިޓް. އެލީންގެ ނަން ކިޔާއިރަށް އޭނަ ނުފެންނައިރެއް ނާދޭ. ލައިކް ހަމަ ޝައިތާނާގެ ނަންގަންނައިރަށް ފާޅުވާނެއޭ ބުނާގޮތަށް އެލީންވެސް ހަމަ ތަފާތެއްނެތް..................." ހަޔާތީ އެހެން ބުނެ ނުނިމެނީސް ދޮރު ހުޅުވާލާފައި އެލީން ވަނެވެ. ހަޔާތީ ހިނިގަނޑެއްޖަހައިލިއެވެ. "ނަން ކިޔާއިރަށް ދައްކައިލީ........"

"ގްރްރރް....ހަމަ އަހަރެންގެ ނަން ތަސްބީހައެއް ނުކިޔަންޏާ ފޭކް ފަސްޓްލޭޑީ ގަނޑަށް އެއްޗެއް މަދުވަނީތަ؟ "

"ކިޔާއިރަށް ތިހިރީ އައިހެއްނު...." ހަޔާތީ ދުލެއް ނުކުރިއެވެ. އެލީން ދަތްތައް ވިކައިގެންފާ ކުރިއަށް ފިޔަވަޅެއްއެޅިއެވެ.

"ކާމް ޑައުން އެލީން. އަހަރެން މިއުޅެނީ ޕްރޮގްރާމެއް ބަލައިލަން. އިފް ޔޫ ވޯންޓް ޔޫ އާ ވެލްކަމް ޓު ޖޮއިން....." އަމްރާން އޭނަގެ އަނެއްފަރާތުގައި އިށީންނަން އެލީންއަށް ދައުވަތި ދިނުމުން އުނގަށް ވެއްޓިނުގަތީ ހަމަކިރިޔާއެވެ. އިށީންނަން ބޮޑު ޖާގައެއްހުރިއިރު ހަޔާތީއަށް ވުރެ ގާތްވާންވެގެން އިށީނީ އަމްރާންއާއި ޖެހިފިތިގެންނެވެ. އަދި އަމްރާން މޭޒުމަތީ ބެހެއްޓި މަގުގައި ހުރި ކޮފީކޮޅުވެސް ތުންޖަހާ ދަމާލަމުން ހާދަ މީރޭ ބުނެލިއެވެ.

"ނައު ޒިޕް ޔޯ މައުތް އެލީން އެންޑް ލެޓް އަސް ވޮޗް ދިސް އިން ޕީސް..." އަމްރާން އަމުރުވެރިގޮތަކަށް ބުންޏަސް ހިތަށް ފިނިކަން ލިއްބާދެނީ ނަމުން ގޮވާފައި ބުނިގޮތުންނެވެ. އެކަމާއި ހަޔާތީ ރުޅިއައެވެ. އެލީން އުޅޭވައްތަރަކުން ބޮލަށް އުދަގޫވެގެން އޭނަ ދާންވެގެން ތެދުވާން އުޅުނަސް އަމްރާން ހިފަހައްޓާލައިގެން އިންގޮތަކުން ތެދުވެވޭކަށް ނެތެވެ. އެލީން މިވަރަށް ތުއިދެއްކެއްޏާ އެމަންޒަރު ބަލަން އިނދެވޭހެއްޔެވެ؟

އެޗްއެމްގެ ދީނީ ޕްރޮގްރާމް ފެށުނެވެ. މިކާލް ބޭނުންވާ ފަދައިން ތައުހީދުއާއި ބެހޭގޮތުން ތަންކޮޅެއް ފުޅާކޮށް އެޗްއެމްއިން ގެނެސްދޭން ނިމްމާފައި އޭނަ ޝޭޚުން ގެނެސްގެން އެކަމާ ބެހޭގޮތުން ވާހަކަ ދައްކުވާފައި ސުވާލު ޕްރޮގްރާމަކަށްވެސް ހެދިއެވެ. ބޭނުން މީހަކަށް ގުޅާފައި ސުވާލުކުރެވޭނެއެވެ. އެންމެ ފުރަތަމަ އޮތީ ޝިރުކާއިބެހޭ ގޮތުން މައުލޫމާތު ދިނުމެވެ. އިހު ޒަމާނުގައި ނޭގިނަމަވެސް ކާބަފައިންނަށް ކުރެވިފައި ހުރި ޝިކުރުތަކަށް އަލި އަޅުވައިލިއެވެ. ވަލީވެރިންކަމަށް މީހުން ގަބޫލުކުރާ މަހާނަ ޒިޔާރަތްތަކަށް ހަދާ އެތަނަށް އެކި ބޭނުންތަކަށް ގޮސް އުޅެއެވެ. ނަދުރު ބުނެ ބަލިމީހުންނަށް ޝިފާއަށް އެދިގެން އެފަދަ މިގުބަރާތަކަށް ގޮސް ދުޢާކުރެއެވެ. ސްކޫލްތަކުގެ ކުދިން ފާސްވުމަށް އެދި އެފަދަ މަހާނަތަކަށް ބޮލި އަރުވައެވެ. ގަބުރަށް އަޅުކަން ކުރުން އަދި ބަރަކާތްލެއްވުމަށް އެދި އެ ނިޔަތުގައި އަޅާ ފާޑުފާޑުގެ އެމިއުލެޓް އަދި ސިހުރަކީވެސް ޝިކުރެކެވެ. ތަވީދުވެސް ހިމެނެނީ އޭގެ ތެރޭގައެވެ. ފީރޯޒް ނުވަތަ ސުލޭމާން ކަހަލަ ހިލައިން ބަރަކާތްލައްވާ މުއްސަދިވާނެކަމަށް ގަބޫލުކޮށް އެފަދަ އެއްޗެހިން ގަހަނާ އެޅުމަކީވެސް ޝިރުކެވެ. ދެން އޮތީ ބިދުއަތަކެވެ. މައުލޫދު ކިޔުމާއި ދުންދަނޑި ޖަހައިގެން ސަލަވާތް ކިޔެވުންފަދަ ކަންތައްތައް އޭގައި ހިމެނެއެވެ. ޕްރޮގްރާމް ނިމެންގެން އެލީންވެސް އެވާހަކަތައް އަހަން އިނީ ގަޔާވެފައެވެ. މީގެ ކުރިން ރާއްޖޭގެ ތާރިޚާއި ބެހޭގޮތުން އެލީންއަށް މިފަދަ ކަމެއްވެސް އެނގިފައެއްނެތެވެ.

"ވީއިރު ކާބަފައިން ދީނަށް އުޅުނަސް ދާނީ ނަރަކައަށްތަ؟ " އެލީން ފާޑަކަށް ހީލާފައި ކިޔާލައިފިއެވެ. "އެމީހުން އިގްނޮރެންޓްވީމަ. ޝިކުރުކުރީމަ........."

ތި ސުވާލުކުރަން ޝޭޚެއްގެ ކައިރިއަށް ދޭ..." ހަޔާތީއަށް ނީދެވިގެން ބުނެލިއެވެ.

"އައިމް ނޮޓް ޓޯކިން ޓު ޔޫ. ރެން ކައިރީން މިއެހީ. ޕްލަސް އަމިއްލަ ކޮންކްލޫޝަންއަކަށް ގޮސްދާނަން. އިފް ދެއާސް އެ ގޯޑް ދެން ހީ ވިލްނޮޓް ޕަނިޝް އިގްނޮރެންޓްކަމުން ޝިރުކުކުރިއޭ ކިޔާފައި......." އެލީން ހަޔާތީއަށް ލޯ އަޅައިލިއެވެ.

"ތިބޭފުޅާ ކޮން ކެޓަގަރީއަކަށް ފެތިގެން އިފް ދެއާޒް އެގޯޑްއޭ ކިޔައިގެން މާ އެތިއެސްޓްވެގެން ތިއުޅެނީ؟ ޖާހިލުކަމުންނެއް ނޫން. މިހާރު ގުރުއާން އަދި ހަދީސް ކިޔެވި ތައުހީދާއި ޝިރުކު ބޭނުންވަރަކަށް ކިޔަވާ ދަސްކުރެވެން އޮތްއިރު ނޭގިގެންނޭ ކިޔާފައި ބަހަނާއެއް ނުދެއްކޭނެ. ދީން ދަސްކުރަންޖެހޭނީ. ގިނަފަހަރު އެކްސް މުސްލިމުންނޭ ކިޔާފައި ދީނުން ބޭރުވަނީ ހަގީގަތުގައި ޓްރޫ މުސްލިމުންނެއްނޫން. އިސްލާމްދީނުގެ ފޮނި މީރުކަން ލިބުމަށްފަހު ހިދާޔަތް ލިބުމަށްފަހު ދީން ދޫކޮށްފައެއް ނުދާނެ. ބަދުނަސީބުކަމުންގޮސް އެ ނިއުމަތް ލިބުނީމަ ފުރަގަސްދީފައި ގޮސް އަނދިރީގެތެރެއަށް ވަދެ ދެދުނިޔެ ހަލާކުވެގެންދާ މީހުން ދީން ދޫކޮށްލަނީ. އެފަދަ މީހުންނަށް ރޫހާނީ ހިތްހަމަޖެހުމެއް ނުހޯދޭނެ. އަދި އެންމެ ހެއްވައީ މި މީހުން ދީނުން ބޭރުވީމަ އިސްލާމްދީނަށް އޮބެސެސްވާ ވަރު ބޮޑުކަން. އިސްލާމް ދީނުގެ ނަން ބޭނުންކޮށްގެން މަޝްހޫރުކަން ހޯދުން....ތީވެސް އެކެއް......" ހަޔާތީ ހުރިހާ ރުޅިއެއް އެއްފަހަރާ ބޭލިއެވެ.

އަމްރާން ހަމަޖެހިލައިގެން ދެވަނަ ކޮފީއެއް އަޅައިގެން ބޯންފެށިއެވެ. ދެއަންހެންކުދިން ދައްކާ ވާހަކަތަކަށް ޖަވާބުދާރީވުމެއް ނެތްތާ ހުއްޓުވާކަށްވެސް ނޫޅުނެވެ. އޭނަ އެވާހަކައަށް ސަމާލުކަން ދޭހެނެއްވެސް ހިޔެއްނުވެއެވެ. ފޯނުން ކޮންމެވެސް އެއްޗެއް ބަލައިލަން އިންއިރު ސީރިޔަސް ކުލަވަރެއް މޫނުމަތިން ފެނެއެވެ.

"ވަޓް ދަ ފ........." އެލީން ފުންމައިގެން ތެދުވުނެވެ.

"ރެޑިކަލައިޒްވާ މީހުންނެކޭ އެއްވަރަށް ތިގޮތަށް ހައްދު ފަހަނަޅާ ދާމީހުންނަށްވެސް މި ސަރުކާރުން ފިޔަވަޅު އަޅާނެ. އުމުރަށް ޖަލަށް ލާނީ..." ހަޔާތީ ބުމަ ކައިރިކޮށްލިއެވެ.

"އަހަރެމެންގެ ވެރިޔާ އަކީ އެތީސްޓުންގެވެސް ލީޑަރުކަން އޮޕެންކޮށް އިއުލާން ކުރީމަވެސް ގަބޫލުކުރަން ފަސޭހައެއްނޫން ދޯ. ފައިސާއާއި ޕަވާ އާއިހެދި މޮޔަވީމަ ދީންވެސް ހަދާނެއް ނުހުންނާނެ. އާ ކެރިގެން މިބުނަނީ އައިމް އެން އެތީސްޓް. ދީން ގަބޫލެއްނުކުރާނަން. ދެން ކީއްކުރާނީ؟ ޖަލަކަށް ނޫން ލާނީ. ތީ އަހަރެމެންގެ ވެރިޔާތަ؟ ފަސްޓްލޭޑީއަށް ވަގުތީގޮތުން ގެނެސްފަ ތިހިރީ ކީއްވެކަން މުޅި ރާއްޖެ ދެނެހުރި. ވެރިކަން ކުރާ ހިތުން ވަރަށް އެބައުޅޭހެން ހީވޭ. ކަލޭމެން ތި ގެންނަން އުޅޭ ތޯލިބޯނުންގެ މުއްލާ ވެރިކަން މި ރާއްޖެއަކު ނުދިރޭނެ..."

"ތޯލިބޯނުންނޭ......." ހަޔާތީ ހިނިގަނޑެއް ޖަހައިލިއެވެ.

"އިޑިއަޓް.. މުއްލާ އުމަރުގެ އެޖެންޓަކަށްވެގެން އަފްގާނަށް ދޭ......."

"ދާ ހިތްވާ ތަނެއް. އިރާދަކުރެއްވިއްޔާ ބަކެޓްލިސްޓުގައި އެބައޮތް. އެކަމަކު ތިކަހަލަ ދެއުޅިއެއްނުވާ ސޭކުންނާއި ވާހަކަދެއްކުމަކީ އަގުހުރި ވަގުތުތައް ބޭކާރުކޮށް ނަގާލުން ބާވައޭ ހިތަށް އަރައިފި. ބައެއްމީހުންނަށް ނުވިސްނޭނެ. ހިތަށް ދުނިޔެއަށް އައިކަމަށް ގަބޫލުކުރާ މީހަކާއި ޖަދަލުކުރުމުގެ މާނައެއްވެސް ނެތް.........." ހަޔާތީ ޖަވާބުދިނެވެ.

"ސްޓުޕިޑް ފްލައި......." އެލީން ދޫ ނެރެލާފައި އިތުރު އެއްޗެކޭ ބުނަން އުޅެނިކޮށް އަޒިކިއަލް ދޮރު ހުޅުވާލިތަން ފެނިފާ އެލީން ހިމޭންވިއެވެ. އަދި އަވަސްއަވަހަށް އެތަނުން ތެދުވެގެން ސިޑިއާއި ދިމާލަށް ހިނގައިގަތުމުން އަޒިކިއަލްއަށް މަޖާވިއެވެ. އަމްރާންއާއި އަޒިކިއަލް މާނަވީ ނަޒަރެއް ބަދަލުކޮށްލިއެވެ. ހިމޭންކަމުގެ ބަސްމޮށުމުން ދެމީހުން ވާހަކަދެއްކިފަދައެވެ. އެލީން ދިޔުމުން އަމްރާންއާއި ހަޔާތީ ދެއްކީ އެލީން ފާޅުގައި ދީނަށް މަލާމާތްކޮށް އެފްބީ ޕޭޖް ހުޅުވައިގެން އުޅޭތީ އެވާހަކައެވެ. އެކަމާއި ހަރުކަށި ފިޔަވަޅު އަޅަން އެދުނެވެ. ހަޔާތީ އެވަގުތު ގަސްތުކުރީ ފަސްޓްލޭޑީގެ ހައިސިއްޔަތުން ދީނަށް އެހެންމީހުން ކައިރިކުރުމަށް ޕޭޖެއް ހެދުމަށެވެ. އެޕޭޖުގައި އޭނައަށް ތައުހީދާއި ބެހޭގޮތުން އަދި ދީން ގަބޫލުނުކުރާ މީހުންނާއި ވާހަކަދެއްކި އެމީހުންނަށް އެއްޗެއް ވިސްނައިދޭން މަސައްކަތްކުރެވިދާނެއެވެ. ސައްތައިން ސައްތައިގެ މުސްލިމު ގައުމެކޭ ބުނުމުން އެލިބޭ ފަޚުރާއި ހިތްހަމަޖެހުން ނެތިގެން ދާތަން ދެކެން ހަޔާތީގެ ހިތަށްވެސް ކުޅަދާނައެއް ނޫނެވެ.

ބައިގަޑިއެއްހާއިރު ފަހުން އެލީން ނުކުތްއިރު އޭނަ ހުރީ ނިދަން ލާ ފިޔާތޮށިކުލައިގެ ޕިޖާމާއެއްލައިގެން ނުކިޔަމަންތެރި އިސްތަށިގަނޑު ވޫލްކޮޅަކުން ގައިދުކޮށްލައިގެންނެވެ. ނައިޓްކްރީމްގެ ސަބަބުން ހަން ދަޅައަރާއިރު ނިކަން ނަލައެވެ.

"ހޭއި ހަޔާތީ. އާތް އިޒް ފްލެޓްތަ؟"

"ވަޓް........ރައުންޑް ކަން ނޭގޭ....އޮސްޓްރިޗް ޝޭޕަށް.. ޑާލިން..އާތް ފްލެޓްހެއްޔޯ....." ގަސްތުގައި އެލީން ރުޅިއަރުވާލަން "ޑާލިން"ގެ ނަމުން މުޚާތަބުކުރަމުން ހަޔާތީ އަމްރާންއަށް ބަލައިލިއެވެ.

"ދަ ބައިބަލް ސޭ އާތު އިޒް ފްލެޓް އަދި ހަތަރު ކޯނާ ހުރެޔޯ...."

"ސޯ އިޓްސް ސްކުއޭ އެއް ދޯ. ތެންކިއު ރެން............." އެލީން ދުވަމުން ދުވަމުންގޮސް ލޯމަތިން ގެއްލުނެވެ. ހަޔާތީ ހުނުންގަނޑު ހިފަހައްޓާލައިގެން އިނދެފައި ފޯނުން އެލީންގެ އެފްބީ ހާވާލަންކަމަށް ވަނެވެ. ސްޓޭޓަސް އެއް ޖަހަންވެގެން އަހައިލި އެއްޗެއްހެއްޔެވެ؟ ބައެއްފަހަރު އެލީން އެގޮތަށް ރުޅިދައްކާލާފައި ދެމިނިޓްވާއިރު ވަރަށް ގާތްކޮށް އެއްޗެކޭ އަހާލާގޮތުންވެސް މީހަކު މޮޔަކޮށްލާނެއެވެ. އެލީން އެފްބީ ޕްރައިވެސީ ހަދާފައި ހުރީ މާ ވަރުގަދައަށެވެ. ކޮންމެވެސް މީހަކަށް ފިލަންވެގެން އެލީން އެބަމަސައްކަތްކުރެއެވެ. މިކުއްޖާ މިކުޅޭ ކުޅިގަނޑެއް ދެނެގަންނަ ހިތުން ހަޔާތީ ޝައުގުވެރިވިއެވެ.

އޭނަ އޯޓަމްބްލޭޒުން ޚާއްސަކުރި ކޮޓަރިއަށް ވަދެފައި އެނދުގައި ޖައްސައިލިގޮތަށް ވިސްނާން އެތައް އިރެއްވާންދެން އޮތެވެ. އަމްރާންއާއިއެކު މިގެއިން އޭނައަށް ދިރިއުޅުމެއް ނުހޯދޭނެއެވެ. އާއިލާގެ މީހުންގެ ފަރާތުން ފެންނަ ފިނިކަމާއި އެއްވަރަށް އަމްރާން ސީރިޔަސްއެވެ. އެހެނެއްވެސް ނޫނެވެ. އޭނައާއި އެކަށީގެންވާވަރަށް ވުރެ އަމްރާން ހުރިހާގޮތަކުން ފުރިހަމައީއެވެ. އަމްރާންއާއި ގުޅެނީ އެލީންއާއެވެ. ފަސްޓްލޭޑީގެ ޝަރަފު ލިބެންޖެހެނީ އެލީންއަށެވެ. ނަމަވެސް މިވަގުތު އެމަގާމުގައި ހުރުމުން އެކަމުގެ ފައިދާ ނަގަންޖެހޭނެއެވެ. ހަޔާތީ ލެޕް ހުޅުވައިލިއެވެ. ހަޔާތީ އެންމެކުރިން ފަސްޓްލޭޑީ ހަޔާތީގެ ނަމުގައި ފޭސްބުކް ޕޭޖެއްހުޅުވުމާއެކު ލައިކް އަންނަންފެށީ ހައިރާންވާހާ ގިނައިންނެވެ.

"އެތީސްޓުން މި ޕޭޖާއި އެންޓިވާނެ. އެކަމަކު އެމީހުން ހެޔޮމަގަށް ރުޖޫއަ ކުރަން އެންމެންވެސް އެބަޖެހޭ މަސައްކަތްކުރަން. ވިސްނައިދޭން. މޭބީ ދޭ ޑޯނޯ. ގިނަ ޕޭރެންޓުން ދަރިންނަށް ދީން އުގަންނައިދީ އަހުލުވެރިނުކޮށް މާއްދިއްޔަތަށް ލޯބިކުރަން އެކުދިންނަށް ދަސްވީ....އައި ވިލް ޓްރައި މައި ބެސްޓް. އަހަރެންވެސް އެބަޖެހޭ އިސްލާހު ވާން. ހިދާޔަތް ލިބުމަށް އެދި ދުޢާކުރަންވީ. ކޮންމެ ވަގުތަކުވެސް މަރުވެދާނެ. ހަގީގީ ހިތްހަމަޖެހުމަކީ ރޫހާނީ ހިތްހަމަޖެހުން. އިރާދަކުރެއްވިއްޔާ އެހިސާބަށް ދިޔުމަށް މާތް ﷲ ތައުފީގު ދެއްވާނެ. މި މަގާމުގައި ހުރެގެން ބަޔަކަށް ކަމެއް ކޮށްދެވުނު ކަމަކަށްވާނީ އެހެން މީހުންނަށްވެސް އަމިއްލައަށް އެނގޭ އެއްޗެއް ބުނެދިނުން. އިރާދަކުރެއްވިއްޔާ މި ކުރާ މަސައްކަތުގައި ބަރަކާތް ލައްވާނެ..................." ހަޔާތީ ވިސްނައިލިއެވެ.

ސަޖަލްއަށް ހަޔާތީ ގުޅަން މަސައްކަތްކުރާއިރު ސަޖަލް އަވަދިނެތި އުޅޭވަރުން ވާހަކަދައްކާނެ ވަގުތެއްނުވެއެވެ. ބައްދަލުކުރާނެ ވަގުތެއްވެސް ނުވެއެވެ. ސަޖަލްގެ އުޅުމަށް އައި ބަދަލާއި ބެހޭގޮތުން އޭނަ ވިސްނިއެވެ. އަނެއްކާ ލޯބިވެރިޔެއް ހޯދީހެއްޔެވެ؟ ލޯބިވެރިޔާއަކީ ކާކުބާވައެވެ. އެހާ ފޮރުވައިގެން އުޅޭ ސަބަބަކީ ކޮބާހެއްޔެވެ؟

ހަޔާތީ މިޝާ ކައިރީ ސިއްރުކުރަން ހުވާކުރުވާފައި މިކާލް ނަމްބަރު ހޯދިއެވެ. ނަމްބަރު ލިބުމުން ގުޅަން ހިތަށް އަރާފައިވެސް ހަޔާތީކޮށްލީ މެސެޖެކެވެ. އޭނަ އަމްރާން ކައިން ވަރިވާން ބޭނުންކަމަށާއި ބައްދަލުކުރަން ޚާއްސަތަނަކަށް އަންނަން އެދި އާދޭސްކުރިއެވެ.

"އައި ބެގް ޔޫ މިކާ. ދުވަހަކު ކަމެއްކޮށްދެންޏާ އައިސް ދީ. އައި ވިލް އެކްސްޕްލެއިން އެވްރީތިން. މިހާރުވެސް ލޯބިވޭ..............."

މިކާލްގެ ޖަވާބެއް ނުލިބުމުން ހަޔާތީގެ ހިތުގައި މީހަކު ހިފާ ޗިސްކޮށްލިފަދަ އަސަރުތަކެއް ކުރިއެވެ. ހިތަށް ކުރާ ބާރު ދެނެވޮޑިގެންވަނީ ހަމައެކަނި މާތް ﷲއެވެ. ނަމަވެސް އެވަގުތުވެސް ހަޔާތީގެ ހިތަށް ތަފާތު އެއްޗެހިތައް އެރިއެވެ. އެއާއިއެކު އުއްމީދު އާލާވެ ހިނިތުންވެލެވުނެވެ. " މިކާލް ރިޕްލައި ނުކުރިޔަސް އަހަރެން ބުނީތީވެސް އަންނާނެ. ދެޓްސް ދަ ކައިންޑް އޮފް ގައި ހީ އިޒް. ސްވީޓް އެންޑް ކެއަރިން.........."

މިކާލްއާއި ބައްދަލުވާން ދާންވެގެން ހަޔާތީ ތައްޔާރުވާންފެށިއެވެ. ކަޅުކުލައިގެ ބަޓާފްލައި އަބާޔާ ރިހިން ޖަރީކޮށްފައިވާއިރު އޭނަގެ ދޮންމޫނު ފެންނަގޮތުން ހޫރެއްފަދައެވެ. ލޮލުގައި އަނދު އަޅާފަވައިލިއެވެ. މަޑުމަޑު ތުންފަތުގައި ލިޕްގްލޮސްއެއް ހާކާލުމުން ތެތްކަމެއް ހުރެފައި ވިދައެވެ. ބްލަޝް ހޭކުމުގެ މާނައެއްނެތެވެ. ދޮންމޫނަށް ވެރިވެފައިވާ ކުލައައިމެދު އޭނަ ހިތްހަމަޖެހެއެވެ. ސިޓިން ރޫމްގެ ސޯފާއެއްގައި ހަޔާތީ އިށީނީ ވަރަށް މޮޑެލްކޮށެވެ. ރަންކުލައިގެ ބޫޓަކަށް ކަނައަތު ފައިތިލަ ކޮށްޕާލުމަށްފަހު ފަހަތުގައި ހުރި ޒިޕް ނޭޅުވިގެން އުޅެނިކޮށް އަމްރާން އެތަނަށް އައެވެ.

"ކެން އައި ހެލްޕް....." ހަޔާތީގެ ޖަވާބަކަށް މަޑުކޮށްލުމެއްނެތި އަމްރާން އެއްކަކޫ ބިންމަތީގައި ޖައްސާލުމަށްފަހު ޒިބް އަޅުވާދިނެވެ. އަނެއްފައިތިލައިގާ ހިފަހައްޓާލުމުން ހަޔާތީ ކަންބޮޑުވިއެވެ. އަވަސްއަވަހަށް ބޫޓުގެ އެ ކިބަ އަތުލިއެވެ. " ތިކަހަލަ ކަންތައް ނުކުރޭ. އައިމް އެފްރެއިޑް އޮފް ފޯލިން ފޯ ޔޫ. ޔޫ އާ މައި ފަސްޓް ލަވް. ކިތަންމެ ވަރަށް ނަފްރަތުކުރަން އުޅުނަސް ހިތުގެ ކަނެއްގައި އެ ހަނދާންތަކާއި ލޯބި ފޮރުވިފައިނެތެކޭ ބުނެފިއްޔާ އެވާނީ ދޮގަކަށް. އެހުރިހާ އިހުސާސްތަކާއި ހަގުރާމަކޮށްގެން ކުރިހޯދަން އެބަޖެހޭ. ސަބަބަކީ މިހިތަކީ އަދި ޖިސްމަކީވެސް މިކާލްގެ ހައްގަކަށް ވީމަ. އަމްރާން ތިގޮތަށް މިހިތާއި ކުޅެ އިތުރު އަނިޔާދިނުމުގެ ބޭނުމެއްނެތް. އެއްފަހަރު ކުރި ޒަޚަމްތައް ފަސޭހަވިޔަސް އެލަކުނު ފިލައިގެނެއް ނުދާނެ. އައި ވޯންޓް ފޯލް ފޯ ޔޫ . ނެވާ އެވާ. މިދަނީ މިކާ ކައިރިއަށް. އަދިވެސް ހަގީގީ ހަޒްބެންޑަކީ މިކާ. މިއީ ހަމައެކަނި މިކާގެ ހައްގެއް.........." ހަޔާތީ ހިތާހިތުން ވާހަކަދެއްކީ އަމިއްލަ ނަފުސަށް އެކަން ސާބިތުކޮށްދޭން ބޭނުންވެފައެވެ.

"އެޗްއެމްގައި ޕްރޮގްރާމެއް އޮތީތަ؟ "

"ނޫން. ކްލޯޒް ފްރެންޑަކާއިއެކީ........" ހަޔާތީ އަޑަށް ހަރުކަށިކަމެއް ގެންނަން މަސައްކަތްކުރިއެވެ.

"ހޫޒް ދެޓް ފްރެންޑް....." އަމްރާން އަހައިލީ އެއްވެސް ޝައުގެއް ނެތްގޮތަކަށެވެ. ހަޔާތީ އިނީ ފޯނާއި ކުޅެކުޅެއެވެ. އަމްރާންއާއި ވަކިވެގެން މިކާލްކައިރިއަށް އަބަދަށްޓަކާ ދަނީކަމުގައި ބުނަން ބޭނުންވިއެވެ. ހުވަފެނެއްގައި އުޅުމަށްވުރެ އޭނަ ބޭނުމީ ހަގީގަތާއި ކުރިމަތިލުމެވެ. ލޯބިވާ ފަރާތާއިއެކު އުމުރު ހުސްވާންދެން އެކީ އުޅުމަށެވެ. އޭރުން އަމްރާންވެސް ބޮޑު ބަދުނާމަކުން ސަލާމަތްވާނެއެވެ. ރައީސްގެ އަންހެނުންނަކީ ޖިހާދީއެއްގެ ކުރީގެ އަންހެނުން ކަން އެނގުމުން އަމްރާން ކިހާ ލަދުގަންނާނެހެއްޔެވެ؟

"ޖަސްޓް.........ޔޫ އާސްކްޑް އެބައުޓް ދަ ޕްރޮގްރާމްސް ރައިޓް؟ މިހާރު އަޅުގަނޑުމެން އުޅެނީ އިސްލާމިކް ކްލަބެއް ހަދަން. އެތަނުގައި ހިގާ ހަރަކާތްތައް ޗެނެލްއިން ދައްކާދޭނެ. އިސްލާމިކް ކޯސްތަކަށް ފަންޑުކުރަން ހެލްޕްވެދީފިއްޔާ ވަރަށް އުފާވާނެ. އަދި ބައެއް ޗެރިޓީ ކަންތައްތަކެއް ހިންގަންވެސް އެބަވިސްނަން.. ސެލެރީއެއް ނެތަސް ފަސްޓްލޭޑީއެއްގެ ގޮތުގައި ހުރެ ދީނަށްޓަކާ ކަމެއްކޮށްދޭން ބޭނުންވޭ. ފެރެންޑްއާއިއެކު އެކަހަލަ ކަންތައް ޑިސްކަސްކޮށްލާ ހަދަންވެސް އެބަޖެހޭ..........." ހަޔާތީ ބޫޓު ކިބަ ލުމުން މިފަހަރުވެސް ޒިބު އަޅުވަދިނީ އަމްރާންއެވެ. ތެދުވެފައިވެސް އަރި އަޅާލާގޮތްވުމުން އަމްރާން އަތްދިއްކޮށްލިއެވެ. ހަޔާތީ އަމިއްލައަށް ހަށިގަނޑު ސަމާލުކޮށްލީ އަމްރާންގެ އެހީއެއް ނެތިއެވެ.

އަމްރާން އިތުރު އެއްޗެއް ނާހައެވެ.

ހަޔާތީ ހިނގައިގަތުމުން ދެވަނަފަހަރަށްވެސް ފައި ފުރޮޅާގޮތްވިއެވެ.

"ކެއަރފުލް...." އަމްރާން ބުނެލިއެވެ.

"އައިމް ފައިން......."ހަޔާތީ އާއިއެކު އަމްރާންވެސް ފެންޑާއާއި ހަމަޔަށް ނުކުތެވެ. ކަފަލޮލީ މަޑުމަޑުން އައިސް އަމްރާންގެ ފައިގާ އުނގުޅިގަތެވެ.

"ފޮނި ބުޅާގަނޑެއް. އަދި އަހަރެން ހުއްޓާ އަމްރާންގެ ފައިގާ ދޫ ލަނީ......." ހަޔާތީ ހިތާ ހިތުން ކުދި ކިއެވެ. ދެން ވީ ހިތަށް ނާރާ ފަދަ ގޮތެކެވެ.

(ނުނިމޭ...)

https://sun.mv/115773

comment ކޮމެންޓް