މިކާލްދެކޭ ހިތުން ކެތްތެރިކަން ކޮޅުންލައިގެން ދިޔުމުން މިޝާއަށް ޒިޔާރަތްކުރުމުގެ ނަމުގައި އެގެއަށް ދާން ނިންމިއެވެ. ކުދިންނަށް ދޭން ޗޮކްލެޓް ގަނެލައިގެން ގޮސް މަގު ހުރަސްކުރަން އުޅުނީ ވެދާނެގޮތަކާއިމެދު މާ ބޮޑު ވިސްނުމެއްނެތިއެވެ. ޚިޔާލުގައި ހުރިވަރުން ބަލައިނުލާ ހުރަސްކުރަން އުޅުނުވަގުތު ކާރުން ނުޖެހުނީ އެހެން އައި މީހަކު ހަޔާތީގެ ގައިގާ ހިފާ ދުރުކޮށްލުމުންނެވެ. ކާރުވެސް ބްރޭކް ޖައްސާލުމާއެކު ހަޔާތީ ސިހިފައި ބަލައިލެވުނީ އޭނަ ސަލާމަތްކުރި މީހާގެ މޫނަށެވެ. އެއާއިއެކު ސިހުނީ މިކާލްކަން އެނގިފައެވެ.

"މިކާ....." ހަޔާތީއަށް ގޮވައިލެވުނެވެ.

މިކާލްގެ އިންޒާރުގެ ނަޒަރާއިއެކު ހަޔާތީ ޖަޒުބާތުތައް ފޮރުވަން މަސައްކަތްކުރިއެވެ. މިހިރީ މަގުމަތީގައި ކަން ހަދާންވިއެވެ. އެއާއިއެކު ދެން ސަމާލުކަން ހުއްޓުނީ ދެތިން ފޫޓު ދުރުގައި ހުރި އަޒިކިއަލް ކޮންމެވެސް މީހެއްގެ އަތުން ފޯނު އަތުލާފައި ފޮޓޯތައް ފޮހޭށޭ އަމުރުވެރިކޮށް ބުނި މަންޒަރަށެވެ. އެކުޑަ ވަގުތުކޮޅުވެސް އޭނައާއި މިކާލްގެ ފޮޓޯތައް ބަޔަކު ނަގައިފިއެވެ. އެކަމުން އިބުރަތެއް ހާސިލުވިއެވެ. އޭނަ ކުރާ ކޮންމެ ކަމެއް ސޯޝަލްމީޑިއާއަށް ލާން ތައްޔާރަށް އެތައް އަތްތަކެއް ވާއިރު މިކާލްއަށްޓަކާ އޭނަ ފަރުވާތެރިވާން ޖެހޭނެއެވެ. ގާނޫނުގައި އޮތީ މިކާލްފަދަ "ޓެރަރިސްޓުންނަށް" ހަރުކަށި އަދަބެކެވެ. މިކާލްއާއި އޭނަގެ ގުޅުމެއް އޮތްކަން އެނގޭއިރަށް މިކާލްގެ ބެކްގްރައުންޑް ޗެކްކޮށް އަޒިކިއަލްމެން ވެސް އެކަން ދެނެގަންނާނެއެވެ. އަޒިކިއަލް ހަޔާތީ ގެންގޮސް ކާރަށް އެރުވިއެވެ. އޭރުވެސް ހަޔާތީގެ ހިތުގެ ތެޅުމަށް ބަދަލެއް ނާދެއެވެ. ހިތް ރޮނީއެވެ. މިކާލް އާއެކު ގޮސް އެގެއަށް ވަދެ ކުރީގެ ދިރިއުޅުން އިއާދަ ވާން ހިތް އާދޭސްއެބަކުރެއެވެ. މިހާރު އެނބުރިގޮސް ވަންނަން މި ޖެހެނީ އެ މޮޔަ އަންހެންކުއްޖާ ދިރިއުޅޭ ގެއަށެވެ.

އޭރު ތުނިކޮށް ވެހެމުން ދިޔަ ވާރޭ ބޯކޮށްލައިފިއެވެ. ހަޔާތީ ހިތް ފުރެންދެން ރޯލަން ބޭނުންވެފައިވާކަމުން މިފަހަރުވެސް ނުކުމެވުނީ ގޭގެ ފަހަތު ފެންޑާއަށެވެ. ވާރޭތެރެއަށެވެ. ވާރެއާއިއެކު ކަރުނަތައް ދޮވެވިގެން ދިޔަވަރަކަށް ތާޒާކަރުނަތައް އަންނަމުން ދިޔައެވެ.

"ކާކުގެ ފޯލްޓެއްކަމެއް ނޭގޭ. މިކާ ޓެރަރިސްޓަކަށް ވީ ކީއްވެ؟ މިކާއަށް އެއީ ކިހާވަރެއްގެ އަނިޔާވެރި ނުބައިކަމެއްކަން ނޭގެނީތަ؟ އިނޮސެންޓް މީހުންތައް މަރާލުމުން މިކާއަށް ލިބެނީ ކޯންޗެއްތަ. އަމިއްލަ އަދި ލޯބިވާ އެހެންމީހުންނަށް ހިތާމަތައް ދިނުން ނޫންކަމެއް ނުކުރެވޭ. މިކާގެ މަންމަވެސް ދުނިޔެއާއި ވަކިވީ މިކާއަށްޓަކާ. އެ ފިކުރުގެ ސަބަބުން. އަދިވެސް އިސްލާހު ނުވާނީތަ؟ ނޫނީ އައިއެސް މީހުންގެ ކަޑަކަން އެނގުނީމަ މިކާ އެނބުރި ތިއައީ އާ ދިރިއުޅުމެއް ފަށަންތަ. ތިން އަހަރުވާންދެން ކެތްކުރިފަދައިން ދެންވެސް ކެތްކުރާނަން. އިރާދަކުރެއްވިއްޔާ އަދި އަހަރެމެން އެކީ ގައި ވާނަން......." ސުވާލު ނުލިބޭ އެތައް ޖަވާބުތަކުން ސިކުނޑި ބަރާވިއެވެ. ފިނި ފިނި ވައިރޯޅިތައް ހަމުގައި ބީހެންފެށުމުން ގަދަޔަށް ހީކަރުވާގޮތްވުމުން ގެއަށް ވަންނާން އައިތަނާ ފެނުނީ އެލީންއެވެ. އެއް އަތުގައި ހޫނުކޮފީއެކެވެ. އަނެއް އަތުގައި ދީނީ ފޮތެކެވެ. އޭނައަށް މިކާލް ދިން ފޮތެކެވެ. ވަގުތުން ހަޔާތީ އެފޮތް ޖަހައިގަންނަން އުޅުނެވެ.

"ޑޯންޓް ޓަޗް މައި ތިންގްސް...."

"މިގޭ ތެރޭ ހުރި ފޮތެއްވިއްޔާ މަށަށް އަތްލެވޭނެ. އަމިއްލަ އެއްޗެހި ކޮޓަރީގައި ބަންދުކޮށްގެން ނޮޓް އެވެއިލަބްލް ޓެގް އަޅުވައިގެން އިންދެބަލަ. ތެމިފައިވާ ބުޅާގަނޑެއްހެން ހުރީމަ މާ ރީއްޗެއްނޫން............." އެލީން ދޫ ނެރެލިއެވެ.

އެލީން ދީނީ ފޮތެއް ނަގައިގެން ކުރަން އުޅޭކަމަކާއިމެދު ވިސްނާލާފައި ހަޔާތީ ބިރުގަތެވެ. އޭނަގެ ޝޯލް އަދި ހެދުންލައިގެން އެލީން ކުރި ޖެއްސުން އަދިވެސް ހަދާންއެބަހުއްޓެވެ. މިފަހަރުވެސް އެލީން ފޮތް ގެންދާނީ އަމިއްލަ އެޖެންޑާއެއް އޮވެގެންކަމާއިމެދު އޭނަ ޝައްކެއްނުކުރެއެވެ. އެލީން އަތުން ފޮތް އަތުލަން އުޅެފިއްޔާ ހަގުރާމައަކަށް ދާނެއެވެ. މޮޔަގަނޑު އެފޮތަށް ކޮފީތަށި ޖަހާލާކަށްވެސް ފަހެއް ނުޖެހޭނެއެވެ. ކެތްތެރިވަމުން ހަޔާތީ ހިމޭންކަން ޚިޔާރުކުރިޔަސް އެލީންއަށް ލަނޑެއްދޭނެ ގޮތަކާއިމެދު ހިތުގައި އެތައް ރޭވުމެއް ރާވާލިއެވެ. ކޮޓަރިއަށްވަދެ ތެތް އެއްޗެހި ބަދަލުކޮށްލުމަށްފަހު އޭނަ ނަމާދުކޮށްގެން ދުޢާކުރަން އެތައް އިރެއްވާންދެން އިނެވެ. ކެތްތެރިކަމާއިއެކު ކޮންމެ ފިޔަވަޅެއް އަޅަން އޭނަ ނިންމިއެވެ. ފަސްޓްލޭޑީގެ ގޮތުގައި ހުރި ދުވަސްކޮޅު އޭނަ އެހެން މީހުންނަށް ނަމޫނާއަކަށް ވާން ޖެހޭނެ ނޫންހެއްޔެވެ؟

ޖެހިގެން އައި ދުވަހު ހަޔާތީ ފުރަތަމަ ފަހަރަށް ފަސްޓްލޭޑީގެ ހައިސިއްޔަތުން އުމުރުން ދުވަސްވެފައިވާ މީހުންނަށް ޚާއްސަ ނާސިންހޯމެއް ހުޅުވަދިނެވެ. މިފަދަ ތަނެއް ހުޅުވިޔަސް އިސްލާމް ދީނުގައި މައިންބަފައިން މުސްކުޅި ވީ ދުވަހު ނިކަމެތިކޮށް އެއްލާނުލާ ވީވަރަކުން އޯގާތެރިކަމާއިއެކު އަޅާލަންވާނެކަމަށް ހަޔާތީ ބުނެ ހަދާންކޮށްދިނެވެ. ނަމަވެސް މަޖުބޫރު ހާލަތުގައި ވަޒީފާއަށް ދާންޖެހޭ މީހުނަށް މިފަދަ ތަނެއް ހުރުމުގެ މުހިއްމުކަން އެނގޭކަމުގައި ބުންޏެވެ. މިތަނުން ހުރިހާ ޚިދުމަތެއް ފުރިހަމައަށް ލިބޭނެކަމަށާއި އިހާނެތިކޮށް ކަންތައް ނުކުރެވޭނެހެން ކެމެރާތައް ބަހައްޓާފައި ހުންނާނެކަމުގައި ހަޔާތީ ބުނެލިއެވެ. ފުރަތަމަ ފަހަރަށް އެފަދަ ސްޕީޗެއް ދޭންވުމުން ލަދުގެންފާ ހުރުމުން ވަކިން ރީތިކަމަށް ދެއްކިއެވެ. އޭނަ ލައިގެން ހުރި ކަޅުހެދުން ފަހާފައިވާ ގޮތާއި މޭމަތިން ފެށިގެން އެންމެ ތިރިއާއި ހަމަޔަށް އަދި އަތުކުރި ޑިޒައިންކޮށްފައިވާލެއް އެހާ ނަލައެވެ. ކަޅު ކުޑަ ބުރުގާގައި ހެދުމުގައިވާފަދަ ޑިޒައިންކޮޅެއް ހުރުމުން އެހާ ގުޅެއެވެ. އޭނަ ލައިގެން ހުރި ހެދުމަށް އެތައް ބަޔެއްގެ ތައުރީފުލިބުނެވެ. ފުރަތަމަ ފަހަރަށް ކަޅުހެދުމުގައި ހުރި ފަސްޓްލޭޑީއެއް ލިބިއްޖެކަމަށާއި ހެދުން އަޅާފައި ހުންނަގޮތަށް މުޅި ސޯޝަލްމީޑިއާގައި ތަރުހީބުލިބިފައެވެ. އަދި މުޖުތަމައަށް ކޮށްދޭން ފެށި މިފަދަ ބޮޑެތި ޕްރޮޖެކްޓްތައް އެންމެން ބަލައިގަންނަކަމުގައި ބުންޏެވެ. ހަޔާތީ ގެއަށް އައުމަށްފަހު އެދުވަހު ހުރީ އުފަލުންނެވެ. އޭނަގެ ހުވަފެނެއް ފުރިހަމަވީއެވެ. މުސްކުޅިންނަށް ލޯބިކުރާ ކުއްޖެއްކަމުން އަޅާލުމެއްނެތި އެއްލާލާފައިވާ އަޖޫޒުންނަށް ކަމެއްކޮށްދެވޭނެ ފުރުސަތު ލިބުނީއެވެ.

ހަޔާތީ ގެ އާދައަކީ އަބަދުވެސް އަމްރާން އޮފީހަށްދާން ނުކުތުމުން ކޮޓަރި ސާފުކޮށްލާ ތަންމަތި އެޅުމެވެ. އޭނަ ބޭނުންކުރަނީ ޖެހިގެން ހުރި ކޮޓަރިއެވެ. އަމްރާން ނޫޅޭވަގުތު ނޫނީ އޭނަ އަމްރާންގެ ކޮޓަރިއަކަށް ނުވަދެއެވެ. ހަމައެކަނި ނިދާގަޑީގައި ވަނަސް ވަންނަނީ އަމްރާން ގެއަށް ނާންނަނީހެވެ. އެގޮތަށް ކަންތައްކުރާތީ އޯޓަމްބްލޭޒްތެރެއިން އަމްރާންއާއި ދިމާވަނީ ހަމައެކަނި ކާގަޑީގައާއި ކޮޓަރިން ބޭރުންނެވެ. އަޒިކިއަލް އަތުން އަމްރާންގެ ދުވާލުގެ ތާވަލް ފެނުމުން އޭނަ ސިއްރުން ފޮޓޯއެއްނެގިއެވެ. އޭނަ ނާސިން ހޯމް ހުޅުވާފައި ގެއަށް އައިއިރު މިއަދު އަމްރާން މެންދުރު ކެއުން އޮތީ ކާޒްއާއެކު ނާއިބު ރައީސް ދިރިއުޅުއްވާ ގެކޮޅުގައިކަން ކަން އެނގުނެވެ. އެލީންވެސް ގޭގައި ނޫޅޭކަން އެނގެނީ ގެއަށް ވެރިވެފައިވާ ހިމޭންކަމުންނެވެ.

އަމްރާންގެ ކޮޓަރިއަށްވަދެ ހެދުން ބަދަލުކޮށްލުމަށްފަހު އަމްރާންގެ ކްލޯޒެޓަށްވަދެ އަޅިކުލައިގެ ގަމީހެއްނެގިއެވެ. މަޑު ކޮޓްންގަމީސް ލައިގެން އެނދުމަތީ އިށީދެފައި އޭނަ ސެލްފީއެއް ނެގިއެވެ.

"ނޮޓް ބޭޑް...." ހަޔާތީ ބަންޑުން އޮށޯވެލައިގެން ދެފައި ހަލުވާލަ ހަލުވާލާ އޮތީ ހެޑްސެޓް އަޅާލައިގެން ކޮންމެވެސް އެއްޗެއް ކިޔާށެވެ. ކުއްލިއަކަށް މީހަކު ފައިގާ ހިފުމުން ހަޅޭއްލަވައިގެންފާ އެނބުރުނުއިރު އަމްރާންއެވެ.

"އަހަރެން ގޭގައި ނެތިއްޔާ ކުރާ ކަމަކީ މިއީ؟ "އަމްރާން ހުރީ މަޖާވެފައެވެ. ގަދަ މުށިކުލައިގެ ސޫޓުގައި ހުރިއިރު އާދައިގެ މަތިން ސްމާޓްކަމުގެ މިސާލެކެވެ. ހަޔާތީ ދެލޯ ބޮޑުކޮށްލައިގެން އޮތްއިރު މުޅި މޫނު އެއްކޮށް ރަތްވިއެވެ. އޭނަ މިހިފުނީ ކޮންފަދަ ނުބައިގޮތަކަށް ހެއްޔެވެ؟ ލަދުން ހަލާކުވެއްޖެއެވެ. ފުންމައިގެން ތެދުވެ އެނދުގެ އެއްފަރާތުގައި ބާއްވާފައި އޮތް ކަޅުހެދުން ބޮލުން ވައްޓާލަން އުޅުމުން އަމްރާން ކަޅު ހެދުން އަތުލިއެވެ.

"ގޭތެރޭގައި ރަސްމީކޮށް ނޫޅެބަލަ..ޝާޓުގައިވެސް ހަމަ އެހާ ކިއުޓް...."

"ދިސް އިޒް ސޯ އެމްބެރޭސިން. އަމްރާން ދެން ޖެހޭތަ ނޮކް ނުކޮށް މި ރޫމަށްވިޔަސް ވަންނާން." ހިތާހިތުން ކުދި ކިޔަމުން ނުކުމެގެން ދާން އުޅުމުން އަމްރާން އެހުރިގޮތަށް ހުރެ ހަޔާތީގެ އަތުގައި ހިފަހައްޓާ ކުރިއަށް ޖައްސާލަމުން ހަޔާތީގެ މޫނަށް ބަލައިލިއެވެ.

"ހަޔާތީ. އަދި ހަދާން ނެތިފަ މިހިރީ ސްޕީޗް ވަރަށް ހިތްގައިމު. އައިމް ސޯ ޕްރައުޑް އޮފް ޔޫ. ސްޕެޝަލީ ޕޭރެންޓުންނާއި ބެހޭގޮތުން ދީނުގައި އޮތްގޮތް ބުނެދިނީމަ ތަފާތު. ސީރިޔަސްލީ ގުރުއާންގައި ޕޭރެންޓުންގެ ވާހަކަ އޮވޭތަ؟ އައި ހޭޑް ނޯ އައިޑިއާ...." އަމްރާން އެހިއެވެ.

"ވެލް.....ޔެސް. ޔޫ މީން ޔޫ ނެވާ ރީޑް ގުރުއާން ބިފޯ؟ "

"ކުޑައިރު ގުރުއާން ކިޔެވިން. އެކަމަކު ހަދާނެއްނެތް."

"އަޅުގަނޑު އަތުގައި ތަރުޖަމާއެއް އޮންނާނެ..." ހަޔާތީގެ ގަނޑުފެންކޮޅެއްހާ ފިނިވެ ތުރުތުރުލާ އަތްތިލަ އަމްރާންގެ އަތުގެ ތެރެއިން މިނިވަންކުރަން އޭނަ މަސައްކަތްކުރިއެވެ. ނަމަވެސް ހައްތަހާ އަމްރާން އިނގިލިތައް އެއްކޮށް މަހާލާފައި ބާރަށް ހިފެހެއްޓީއެވެ.

"ގުރުއާންގައި އޮވޭތަ ރަޖަމްކުރުމާއި ބެހޭގޮތުން؟ "އަމްރާން އެހިއެވެ.

"ނޭގޭ....."

"ގުރުއާން އެއްކޮށް ކިޔަވައްޗޭ. އޭރުން އަހަންނަށް ހުރިހާ ހުކުމެއް ކިޔާދެވޭނެއްނު."

"އިސްލާމިކް ޝަރީއާ އިމްޕްލިމެންޓް ކުރަން ތޯ؟ އެހެންވެއްޖެއްޔާ ހަމަ ރަގަޅުކަމެއް. ވައްކަން ކުރާ މީހުން އަތް ކަނޑާފައި މަރަށް މަރު ހިފާފައި ހުރިހާ ހުކުމެއް ދީނާއި އެއްގޮތަށް އޮތިއްޔާ ކްރައިމް ރޭޓް ދަށަށް ދާނެ. ލައިކް ކޭއެސްއޭ. އޭރުން ތަފާތު ކަމެއް އެލްޑީޕީއަށް ކުރެވުނުކަމަށް ވާނީ........" ހަޔާތީ ތުންފަތުގައި ދަތްއަޅާލަމުން ފުންނޭވައެއް ދޫކޮށްލިއެވެ. ކަންބޮޑުވަނީ ބަޔާން ނުކުރެވޭހާ ބޮޑަށެވެ. އަމްރާން އަތުން ދޫކޮށްނުލާ ހިފަހައްޓައިގެން ހުރީމައެވެ.

"ސެކިއުލާ ވެރިކަމެއްގައި ދީން އާއި ސިޔާސަތު ގުޅުވައިގެން ކަމަކުނުދާނެ." އަމްރާން ހީލިއެވެ." ހިނގާ ކާން"

"ހެދުން ބަދަލުކޮށްލައިގެން......"

"ނޮޕް. ތިހެދުމުގައި ހުއްޓަސް އޯކޭ އޭ...މިގަޑީގައި ލާވީމެންވެސް ބޭރުގައި. އައި ނީޑް ސަމް ޕްރައިވެސީ އެހެންވެ އެމީހުން ވާރޭ ކޯޓުގައި ބޭރުގައި ސިކިއުރިޓީގައި ތިބީ. މިކަހަލަ ދުވަހެއް ނުވެސް ލިބޭނެ. ވާރޭވެހޭއިރު ވައިފްއާއިއެކީ ކައިގެން ނެޕެއް ނަގައިލުމަކީ ސަޅިކަމެއް. ވަޓް ޑޫ ޔޫ ތިންކް..." އަމްރާން ހަޔާތީގެ އަތުގައި ހިފައިގެން ހިގައިގަތެވެ. ހަޔާތީގެ ހިތަށް އެތައް އެއްޗެއް އަރާ ފޭބިއެވެ. އަމްރާންގެ މި މަޑުމައިތިކަމަކީ ހަމަ ދެއްކުންތެރިކަން ހެއްޔެވެ؟ މިހާ އޯގާތެރި ކަމެއް ދައްކައިގެން މިއުޅެނީ ކޮންކަމަކާހެއްޔެވެ؟ ސްކޫލްގައި އުޅުނު އަމްރާންއާއި ހާސްބައި ތަފާތެވެ. އެންމެ ރަގަޅެވެ. މިހާރު އަމްރާންގެ ޝަޚުސިއްޔަތާއި އެކަހަލަ ކޫސަނި ކަންތައްތަކާ ނުވެސް ގުޅޭނެތާއެވެ. ރާއްޖޭގެ ރައީސްގެ މަގާމަށް އާދެވޭނީ ހަރުމީހަކަށެވެ. އުމުރުން ޅަ ވިޔަސް އަމްރާންގެ ތޫނު ވިސްނުމާއި ތައުލީމް އަދި ނަސަބާއި ހަސަބުގެ ސަބަބުން އެމަގާމާއި އެކަށީގެންވެއެވެ. ދެރައީ އަދިވެސް ބޮޑާކަން ނުފިލާތީއެވެ. ރައްޔިތުންނާއި ދުރުކަމެވެ. މީނައަށްވުރެ ނާއިބު ރައީސް ކާޒްގެ އެ ގުޅުން މާރަގަޅެވެ. ރައްޔިތުންގެ ކައިރިއަށްގޮސް ހާލު އަހުވާލު ބަލާ ހޮސްޕިޓަލްތަކަށް ކާޒް ޒިޔާރަތްކުރެއެވެ. ކާރިސާއެއް ހިނގާއިރަށް އެތަނަކަށް ކާޒްގޮސް އާއްމުންނާއި ސުވާލުކުރެއެވެ. ރައީސްކަމަށް ކާޒް މާ އެކަށީގެންވެއެވެ.

ކާމޭޒާއި އަރާ ހަމަވިތަނާ އެލީންގެ ފިޔަވަޅުގެ އަޑު އިވުނެވެ. އެލީންގެ ހީލްސް މާބްލްމަތީ ޖެހޭ އަޑު ވާރޭގެ އަޑާއި އެކުވެސް އެމީހުންގެ ކަންފަތާއި ހަމަޔަށް ފޯރިއެވެ. އަމްރާން ހީލާފައި ދެން ކުރީ ހަޔާތީ ހިތަށްވެސް ނާރާ ކަމެކެވެ. ސިހި ޝޮކެއްލިބުނެވެ. ހިތްވެސް އެވަގުތު ބޭރަށް ފުންމާލަފާނެހެން ހީވިއެވެ. ދުވަހަކު ހިތް އެގޮތަށް ތެޅިގަތް ހަދާނެއްނުވެއެވެ. އެލީން ދޮރުމައްޗަށް އަރާފައި ހަށަން ބަދެލަމުން ދެލޯ އަޅައިލިއިރު ހަޔާތީއަށްވެސް ބަލައިލެވުނެވެ.

"އާރްގްގްގް........ފޫހިވޭ. "އެލީން ކަޅި އަޅާލާފައި ނުކުމެގެން ދިޔުމުން ހަޔާތީ ވަގުތުން ދުރަށް ޖެހުނެވެ.

"ވަޓް ވޯޒް ދެޓް ފޯ......."

"ހެހެ.....ހަޒްބެންޑް އެންޑް ވައިފްވީމަ ހުރިހާ ކަމެއް ހުއްދަވާނެ ދޯ. ތީ ވެސް މީހުން ކުރާ ކަހަލަ ސުވާލުތަ. ހަޔާތީވެސް ބޭނުންވާކަން އެނގޭ. ނުރުހޭކަމަށް ހެދުނަސް އައި ކެން ރީޑް ޔޯ މައިންޑް. ޔޫ އެންޖޯއިޑް........" އަމްރާންގެ ވާހަކައާއި ވަގުތުން ދެކޮޅު ހަދަން ހަޔާތީ އުޅުނެވެ.

"ލީވް އިޓް.........އައިމް ސްޓާވިން....." ގޮނޑިއެއް ދަމާލާދީފައި ހަމަޖެހިލައިގެން ކާން އިށީނެވެ. ބާބެކިއު ކުކުޅާއި ބީފް އަދި ނާސިގޮރެންއާއި ބިރިޔާނީ ފެނުމުން ހަޔާތީވެސް ކާހިތްވެ އިށީނެވެ. ނަމަވެސް އަމްރާންގެ ހީކުރުން ގޯސްކަން އަންގަދޭން އޭނަ ބޭނުންވިއެވެ. އޭނަ އަދި މިކާލްގެ ވާހަކަ ބުނާނެއެވެ. މިކާލްދެކެ އޭނަ ލޯބިވާވަރު ހާމަކޮށްދޭނެއެވެ. ކޮންމެ ރެއަކު ލޮލުން ކަރުނަ އޮހެނީ ހަމައެކަނި އޭނަގެ މިކާލްއަށްޓަކައެވެ. މިކާލް މަރުވިކަމަށް ހީކޮށް އޭނަ އަމްރާންއާއި ކައިވެނި ކުރުމުން މި ކައިވެނި ހުއްދަވާނެބާވައޭވެސް ހިތަށް އެރިއެވެ. ދެރައީ މިކާލްއާއި އޭނަގެ ކައިވެނި ރެޖިސްޓްރީވެފައި ނެތުމެވެ. އެއްވެސް މީހަކަށް އެކައިވެނި ކުރެވުނުކަމެއްވެސް ނޭގެއެވެ. އަދި މިކާލްއަކީ ފިލައިގެން އުޅޭ ޓެރަރިސްޓެކެވެ. އޭނަގެ ހިތަށް ހާދަ ވަރެއް އެބަވެއެވެ. ހަދަންވީ ގޮތް ހުސްވެ މޮޔަވެސް ވެދާނެއެވެ. ސިކުނޑީގައި އެއްޗެހި ގިނަވެގެންގޮސް ބޮލަށް ބަރުވެއްޖެއެވެ.

އަސުރުނަމާދަށްފަހު ކާޒް އަމްރާންއާއި ބައްދަލުކޮށްލަން އޯޓަމް ބްލެޒަށް އައުމުން ދެމީހުން އެކީ ކޮފީ ބޮއިގެން އުޅުނީ ބިލިއާޑް ކުޅުމުގެ ފޯރީގައެވެ. އެކަމުގައި އުޅުނުއިރުވެސް އަމްރާން އީ ސިގްރެޓް ބޮމުން ދިޔައެވެ. ކާޒް އެކަމާއި އުދަގޫވެގެން އެވާހަކަދެއްކިއެވެ. ހަށިގަނޑަށް ނުރައްކާ ތަކެތި ދީނުގައި ހުއްދައެއް ނޫނޭ ބުނެލިއެވެ. ބެޓްރީ ގޮވައިގެން ވަރަށް ފަހުން މީހަކު މަރުވިވާހަކަވެސް ބުނެލިއެވެ. ދީނީ ވާހަކައެއް ކާޒް ފެށުމުން އަމްރާން ހޭންފެށިއެވެ.

"އަހަރެމެން ސަރުކާރު ލާދީނީއޭ ކިޔާއިރު ނާއިބު ރައީސް މިއީ ހަމަ މުފްތީއެއް. މުފްތީ ކާޒް......."

"ކޮންމެ މީހެއްގެ ދެމޫނު އިންނާނެ. އަހަރެން ދައްކާ މޫނެއްތާ އެމީހުންނަށް ފެންނާނީ." ކާޒްވެސް ހިނިގަނޑެއް ޖަހައިލިއެވެ. އަދި ބިލިއާޑް ދަނޑިންބޯޅަތަކުގައި ޖަހާ މަޑުމަޑުން ވިއްސާލާފައި ތެދުވެ ހިންދެމިލިއެވެ.

"ކާޒްއަށް ސޯލްޖާސް އޮފް މަހުދީ ކިޔާ ގްރޫޕެއް އިނގޭތަ؟ކާކު މަހުދީއަކީ؟ ހާދަ ވަރަށޭ އަހަރެމެންނަށް ފާޑުކިޔަނީ. އަހަރެމެންގެ ޕާޓީގެ އެކި ލީޑަރުންނާއި މެމްބަރުންނަށް ކާޓޫނު ކުރަހާ ލާދީނީއޭ ކިޔުމަކީ ދެން ހަމަ އާއްމު ކަމަކަށް ވެއްޖެ. އެމީހުންނަށް ފިޔަވަޅެއް އަޅަންވީކަން ނޭގޭ. ގެންގޮއްސަ ހުރިހާ ސަން އޮފް ބ......ޖަލަށް ލީމަ ހުންނާނެ ރީއްޗަށް ގްރޫޕް ހެދިގެން އަހަރެމެންނާއި ބެހެވިފައި....." އަމްރާން ބުނެލިއެވެ.

"އިމާމް މަހުދީ ވަޑައިގަންނަވާނީ އިސްލާމުންގެ އާރާއި ބާރު ކެނޑި ނިކަމެތިވެ ދުނިޔޭގެ މަސްރަހު ގޯސްވީމަ. އޭނަ ވަޑައިގެން ދުނިޔޭގެ ވެރިކަން ކުރައްވާނެ. މުސްލިމުގެ ޚަލީފާކަމުގައި ވެ ހުރިހާ ކާފަރުން މައިތިރިކޮށް ޖިޒީއަތުލާ މުސްލިމުން ދުނިޔޭގައި ވެރިކަން ކުރާނީ. އަސްލު ހުރިހާ މުސްލިމުން އެއްވިސްނުމެއް ގެންގުޅޭނަމަ މިހާރުވެސް އެމެރިކާ ތަންތަން މުސްލިމުންގެ އަޅުވެތިކަމުގެ ދަށުގައި ޖިޒީދައްކައިގެން ތިބޭނީ. މިހާރު މުސްލިމުން ނިކަމެތިކަމުގެ އިންތިހާ. އިރާގު އަފްޣާނިސްތާނު ލީބިޔާ ސީރިޔާޔަމަން ފަދަ ގައުމުތައް ހަލާކުކޮށް ނައްތާލައިފި. މުއްސަދިކަން ލޫޓުވާލައިފި. އެމެރިކާ އެހުރިހާ ޓެރަރިސްޓް ހަމަލާތައް ހިންގާއިރު ގާބިލު މުސްލިމު ސަރުކާރުތަކުން އެކަމަށް އަތްޖަހަން އެތިބީ. އަހަންނަށް ސައުދީގެ ވެރިކަން ދީފިއްޔާ އެމެރިކާ އަތްދަށުލާނަން. ހުރިހާ އެންމެން ޖެހޭނީ ދީނުގައި އޮތްގޮތަށް ޖިޒީ ދައްކައިގެން އުޅެން..." ކާޒް އެއްލޯ މަރައިލިއެވެ.

"އާ ޔޫ ސީރިޔަސް؟ " އަމްރާން ބުމަ އުފުލައިލިއެވެ.

"އައި ވޯޒް ކިޑިން......." ކާޒް ހިނިގަނޑެއް ޖަހައިލިއެވެ." ކެން އައި ހޭވް އެ ޕަފް؟ "

އެ މަންޒަރުތައް ސިއްރުން ބަލަން ކުޑަދޮރު ކައިރީ ހަޔާތީ ހުއްޓެވެ. އަމްރާންއާއި ކާޒް ބިލިއާޑް ކުޅޭ މަންޒަރާއި އުފަލުން ހީހީފައި ދެރަހުމަތްތެރިން އުޅޭއިރު މިއީ ގައުމު ހިންގާ އިސްވެރިންނޭ ބުނާނީ ކާކުހެއްޔެވެ؟ ޝަޚުސިއްޔަތު ހުއްޓަސް އެހާ ޒުވާނެވެ.

"ހާދަ ރީތި ސްމާޓް ފިރިހެނެކޭ. އީ ސިގްރެޓްވެސް އަމްރާން ބުއީމަ ކޫލް. ރީތި ވީމަ ކަން ނޭގޭ މިހާ އެރަގަންޓް މީހަކަށް ވީ. އެކަމަކު އެކުވެރިއާއާއިއެކު ކުޅޭއިރު ކިހާ މަޖާކޮށް ހީހީފައި މިއުޅެނީ. އެކަމަކު ފޮނިކަން. ފޮނިނުވާވަރަކަށް ނޫން ވިއްޔަ ރީތީ. ކޮންމެ އާދައެއްގައި ފިރިހެންކަން. އެންމެ ކުޑަވެގެން ބިލިއާޑް ދަނޑީގައި ހިފަހައްޓައިގެން ހުންނަގޮތްވެސް......................"ހަޔާތީ ހިތާހިތުން ކިޔައިލިއެވެ. ފަހަތުން އައިސް އަޒިކިއަލް ހުއްޓުނެވެ.

"މިސްޓަރ އަމްރާން މިހާވަރަށް އުފާވެރިކޮށް ހުންނަ މަންޒަރު ނުފެންނާނެ. އެހުރިހާކަމެއް ގުޅިފައިވަނީ ފަސްޓްލޭޑީއާއި. ވަރަށް ބޮޑަށް ތޭންކްސް. ޔޫ އާ ދަ ރީޒަން ބިހައިންޑް ހިޒް ސްމައިލް....." އަޒިކިއަލްގެ ޖުމްލައިން ހަޔާތީ ދެލޯބޮޑުކޮށްފައި ބަލައިލީ ގަބޫލުނުކުރެވިފައި ކަހަލަގޮތަކަށެވެ. އޭނަ އައުމުން އަމްރާން ވާންވީ ކޮން އުފަލެއް ހެއްޔެވެ؟ އަޒިކިއަލްއަށް އަމްރާން ދަސްނުވަނީއެވެ. އަމްރާން އުފާވަނީ އެހެން އަންހެންކުއްޖަކު އޭނަގެ ހަޔާތަށް އައިސްފައިވާތީއެވެ. އަޒިކިއަލްއަށް ނޭގޭ ސިއްރެއް އަމްރާންގެ ވަނީއެވެ. އެސިއްރެއް ބަލައިލާހިތުން އޭނަވެސް ކެތްމަދުވެއްޖެއެވެ. ނަމަވެސް އަޒިކިއަލް ގާތު އެކަހަލަ ވާހަކައެއް ދައްކާލާކަށް ނުކެރުނެވެ.

އަބުދުލްއަޒީޒުއާއި އަމްރާން ސިޓިން ރޫމްގައި ވާހަކަދައްކަން އެތައް އިރެއްވާންދެން ތިބުމަކީ އާއްމުކަމެކެވެ. ދަރިފުޅަށް ދަސްކޮށްދެނީ މުޅިންވެސް ރީތިގޮތުގައި ދިރިއުޅުމަށެވެ. އަމާނާތްތެރިކަމާއި ހަރުދަނާކަމާއިއެކު ކޮނޑުގައި އެޅިފައިވާ ބޮޑު މަސްއުލިއްޔަތުގައި ހިފުމަށެވެ. އެއްވެސް ގޮތަކަށް ރައްޔިތުންގެ ފައިސާ ފޮތްޗެއްގައި އަތްނުލާ އަދި އެހެން މީހަކަށްވެސް ޚިޔާނާތެއް ވިޔަނުދިނުމަށެވެ. ހުރިހާ ރައްޔިތުންނަށް އަދުލު އިންސާފުން ވެރިކަން ކޮށްދިނުމަށެވެ. ދެބަފައިން ސިޔާސީ އަދި ވިޔަފާރި ވާހަކަތަކުގައި ކިތަންމެ އިރެއްވާންދެންވެސް ތިބެދާނެއެވެ. އެލީންއާއި ހަޔާތީ އާއި ދެކުދިން ގެ ކޯޅުމާއި އެކަކު އަނެކަކަށް ބަލައިލާ ރުޅިވެރި ނަޒަރު އަބުދުލްއަޒީޒުއަށް ފާހަގަކުރެވެއެވެ. ހަޔާތީ ހަރުކުއްޖެއްކަމަށް ހީކުރެވުނަސް އެހެނެއްނުވިއެވެ. ހަޔާތީވެސް އެލީންއެކޭ ތަފާތެއް ނުހުރެއެވެ. ނަމަވެސް އަޚުލާގާއި އެކު "މާތް" ގޮތެއް ހަޔާތީގެ އުޅުމުން ދައްކުވައިދެއެވެ. ހެދުން އަޅާފައި ހުންނަލެއް ޑީސެންޓްކަމާއިއެކު މީހުންގެ ތެރޭ ހަޔާތީ އުޅޭލެއް ގަދަރުވެރިކަމުން އެންމެން އިހުތިރާމްކުރާ ފަސްޓްލޭޑީއަކަށް މިހާ ކުޑަދުވަސްކޮޅެއްގެ ތެރޭ ވެއްޖެއެވެ. ގޭތެރޭގައި އުޅޭލެއް އެއީ އަދި އެހެން ކަމެއްތާއެވެ.

"ދަރިފުޅާ. މާމަ އަބަދު އެހެން ކިޔަނީ. ދަރިފުޅު އެލީންއާއި ކައިވެނި ކުރާށޭ. ހިލޭ އަންހެންކުއްޖަކު ގޭގައި ގެންގުޅުނީމަ މީހުން ފާޑު ފާޑު ވާހަކަދައްކާނެއޯ. މިސްޓްރެސްއެއް ގެންގުޅެނީއޭ މިހާރުވެސް ނޫސްތަކުގައި ލިޔަން ފަށައިފި....."

"އޯ...." އަމްރާންއަށް ބުނެވުނެވެ.

"ދެ އަނބިން ކީއްކުރަން ހަތަރު އަނބިން ގެންގުޅެވޭވަރަށް ބައްޕަގެ މި ދަރިފުޅަށް ފައިސާއާއި ސިއްހަތު ދެއްވާފައިވޭ. އެކަމާ ވިސްނާލައްޗޭ އިނގޭ.........." އަބުދުލްއަޒީޒު ދަރިފުޅަށް ބަލައިލީ ފަޚުރުވެރި އަދި ލޯބިން ފުރިގެންވާ ނަޒަރަކުންނެވެ. އަމްރާންގެ ހިތަށް އުދަގޫވިއެވެ. ބައްޕަގެ އުފަލަށްޓަކާ އެލީންއާއި ކައިވެނި ކުރަންވީހެއްޔެވެ؟ ދެމީހުން މިހާރުވެސް އެކަކު އަނެކަކު މަރާލާފައި ކާލަން އުޅޭފަދައެވެ. ކައިވެނިކޮށްފިއްޔާ ކިހާވަރަކުން ދާނެހެއްޔެވެ؟ އޭނަ ހަޔާތީއައި ކައިވެނިކުރީވެސް އެލީންގެ އުދަގުލުން ސަލާމަތްވުމަށެވެ.

އަމްރާން ކަޅު ކޮފީއަކާއި އީސިގްރެޓެއް ހިފައިގެން ގޮސް ބެލްކަނީގައި ހުރި މާބްލް މޭޒެއްގެ ކައިރީ އިށީނެވެ. އުޑުމަތި ކަޅު ސާލެއްހެން ފެންނައިރު ކުދި ތަރިތައް ފިޔަ ޖަހާ މަންޒަރުން ހިތްތަކަށް ހާ އުފާވެރިކަން ލިބޭނެއެވެ. ބެލްކަންޏާއި ހަމަޔަށް ފޯރާ ގަހެއްގެ ގޮފިތައް ވަޔާއިއެކު ހެލިލާއިރު ނަނާއެއް އަޅުވާފައިވެއެވެ. އަޒިކިއަލްވެސް އިނީ ފިކުރު ބޮޑުވެފައެވެ.

"ސީރިޔަސްކޮށް އަހަރެން އެލީންއާއި އިންނާނީ ކިހިނެއް؟"

"އެލީން ކިޑްނެޕްކުރުވަންވީ......."

"އޭރުން ބައްޕަ ފިކުރުބޮޑުވެލައްވާނެ. ޝީޒް ދަ ޑޯޓާ ހީ ނެވާ ހޭޑް....." އަމްރާން ސިގްރެޓް ދަމާލުމުން ދުންތައް ފޮނުވައިލިއެވެ. އަދި ކަޅުކޮފީތަށި ތުނބުގައި ޖެހިއެވެ. ކަޅުނޫ ކުލައިގެ ޓީޝާޓު އަތަށް ހިފާލާފައިވާއިރު ހަށިގަނޑުގެ ކަސްރަތީކަން ހާމަވާން ހުއްޓެވެ. ކޮންމެވެސް ވަރަކަށް އެހިސާބަށް އަނދިރިކަން ވެރިވެފައިވާއިރު ފަނޑު އަލީގެ ތެރެއިން އޭނަގެ މޫނު ފެންނަލެއް ނިކަން ހިތްގައިމެވެ. ހަޔާތީ ފަހަތަށް ޖެހި އަނދިރީގެ ތެރެއަށް ގެއްލުނެވެ. އަމްރާންގެ ހިޔަނިހެން ފާރަލާ މީހަކަށް އޭނަ ވީ ކޮންއިރަކުން ހެއްޔެވެ؟ އަމްރާންއަށް އެނގުނަސް އެނގުނުކަމަކަށް ނަހަދައެވެ.

ދެމީހުން އިރުކޮޅެއްވާންދެން އެލީންއާއިމެދު މަޝްވަރާކުރަން ތިއްބެވެ. އަޒިކިއަލް ހިތްވަރުދިނެވެ. ބައްޕަކައިރީ ހަގީގަތް ހާމަކޮށް އެލީންއާއި ކައިވެނިނުކުރެވޭނެކަން ބުނެދޭން ވީއެވެ. އޭރުން ބައްޕަ އެކަމާއި ހިތާމަކުރެއްވިޔަސް އަމްރާންއަށްޓަކާ އެކައިވެނީގެ މަތިން ހަދާންނައްތާލާނެއެވެ.

އަމްރާން އެހެން ރޭ އާއްމުކޮށް ކައިގެން ޖަލްސާއެއް ނޫނީ ކޮންމެވެސް ބައްދަލުވުމަކަށް ދާނެއެވެ. މިރޭ އޭނަހުރީ ގެއިން ބޭރަށް ދާކަހަލަ މޫޑެއްގައެއްނޫނެވެ. ކައިގެން އަޒިކިއަލްއާއި ވާހަކަދައްކާލަން އިރުކޮޅަކު އިނދެފައި ކޮޓަރިއަށް ވަންއިރު ހަޔާތީ އިނީ ނަމާދުކުރާށެވެ. ސަލާމް ދީފައި އަނެއްކާވެސް ނަމާދު ކުރަންފެށިއެވެ. ބައިގަޑިވީއިރުވެސް ނަމާދުކޮށް ނިމުނުކަމަކަށް ނުވިއެވެ. އަމްރާންއަށް ވީގޮތް ވިސްނުނެވެ. އޭނަ ކޮޓަރީގައި ހުރީމަ ހަޔާތީ ނަމާދު ނިންމާލަން ބޭނުންނުވީއެވެ.

"ތިހާ ގިނަ ނުކުރިޔަސް ގޯޑް ވިލް އެކްސެޕްޓް. ކެން ވީ ޓޯކް......."

ހަޔާތީ ދޮޅި ފަތްޖަހާލާފައި މުސައްލާ އޮޅައިލިއެވެ. މިރޭ އޭނަ ހުރީ ކަޅާއި ރަތުގެ އަތްދިގު މިޑީ ހެދުމަކާއިއެކު ވިކްޓޯރިއާ ސިކްރެޓް ހަރުވާޅެއްގައެވެ. ކުޑަ ބުރުގާއެއް ބޮލަށް މަހާލާފައި ހުރިއިރު ނިކަން ލޯތްބެވެ. ހަޔާތީ އާއްމުކޮށް ނިދަން އޮންނަ ސޯފާގައި އިށީދެ ކުޝަން އެއް ނަގާ އުނގުގައި ބޭއްވިއެވެ.

"ޔެސް މިސްޓަރ ޕްރެޒިޑެންޓް...."

"ތިހާ ދުރުގައި އިނީމަ ވާހަކަދެއްކޭތަ؟ ކަމް އެންޑް ސިޓް ހިއާ..." އަމްރާން އަމުރުވެރިގޮތަކަށް ބުނެލިއެވެ. ބޯދަށަށް އަތްލައްވައިގެން އޭނަ އޮތީ ހަށިގަނޑު ދަމާލައިގެންނެވެ. އެ ކަތި ނަޒަރުން އަންހެންކުދިންގެ ހިތްތައް ކަތިލައިލާނެއެވެ. ފަޅި ސިކުންތުކޮޅަކަށް އެލޮލާއި ލޯ ގުޅުމުން ހަޔާތީގެ އަތުން ހީބިހިނެގިއެވެ. ނޫނެކެވެ. މިތަން ފިނިގަދައީއެވެ. ހީލިގަނޑެއް އަރާފައި ހިގައްޖެއެވެ. ހަޔާތީ ޖެހިލުންވެފައިވެސް އެ ކިންގްސައިޒް ބެޑްގެ ފަށުވިކަމާއި މަޑުކަން އިހުސާސްކުރިއެވެ. ފިނިފިނިރެއެއްގައި މި އަރާމް އެނދުގައި ބޯ ރަޖާތެރޭ ހުރިހާ ބާލީސްތައް ޖަހައިގެން ނިދުމުގެ އަރާމު ބޭނުންނުވާނެ އެކަކުވެސް ނުހުންނާނެއެވެ. ގޮދަޑި އުސްކަމުން އެނދަށް އެރީމަ ކިރިޔާ ފައިތިލަ ބިންމަތީ ޖެހޭކަމެވެ.

"މާދަން އެބަޖެހޭ ކެންސާ ހޮސްޕިޓަލެއް ހުޅުވަން ދާން. ފެމިލީ ބަޔަކު ހުޅުވާތަނެއް. ހެދުނު އަންނާނެ ހެދުން ފަހާމީހެއް. އޭނަލައްވާ މިން ޖަހައިގެން މާދަން ރެއަށް ރީތިކޮށް ހެދުމެއް ޑިޒައިންކުރުވަންވާނެ. ޔޫ ލުކް ޕްރިޓީ އިން ބްލެކް އެކަމަކު ހެދުމުގައި އެކި ކުލައިގެ ޖަރީ ނޫނީ ކުރެހުންތައް ހުރީމަ ދޯ ބޮޑަށް ރީތިވާނީ. މިކަހަލަ ހެދުންތައް ލީމަ އަންހެންކުދިންގެ އަންހެންވަންތަކަން ބޮޑަށް ހާމަވަނީ. އެހެންވެ އެހާ ރީތީ...."އަމްރާން ތެދުވެ އިށީދެލީ ކައިރީގައެވެ. މާބޮޑަށްވެސް ކައިރީގައެވެ. އަތުގައި މަޑުމަޑުން ހިފައިލިއެވެ. ބިޗުލެއް ކަށިޖެހުމުން އަތް ފޮޅުވައިލާފަދަ ގޮތަކަށް އަތް ދަމައިގެންފާ ހަޔާތީއަށް ކޮޅަށް ތެދުވެވުނީ ހާސްކަމާއިއެކުގައެވެ.

ޖެހިގެން އައި ދުވަހު ކެންސަރ ހޮސްޕިޓަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވާން އަމްރާންއާއިއެކު ހަޔާތީ ދިޔައެވެ. ލައިވްކޮށް އެމަންޒަރު ކަވަރުކުރާތީ ހަޔާތީ އިނީ ލަދުގެންފައެވެ. ނަމަވެސް އެކަން ފޮރުވުމުގެ ގޮތުން އޭނަ އިނީ ހީލައިގެންނެވެ. އަމްރާންއާއި ޖެހިގެން ހުރި ގޮނޑީގައި އިށީނދެގެން އިންއިރު ކެމެރާތައް އަބަދާއަބަދުހެން އެދެމަފިރިންނަށް ހުއްޓިފައިވާކަމުގެ އިހުސާސްކުރެވުނެވެ. އަމްރާންވެސް ދޭތެރެއަކުން ހަޔާތީއަށް ސަމާލުކަންދީފައި ރީތި ހިނިތުންވުމަކާއި އެކު އެއްޗެކޭ ބުނެލައެވެ. ހަޔާތީވެސް އަލަތު އަންބެއްހެން ރަކިވެފައި ޖަވާބުދެއެވެ. އެހާ ރަކިވަނީވެސް އޭނައަށް އެތައް ލޯތަކެއް ހުއްޓިފައިވާކަން އެނގިފައެވެ.

"އައި ހޭޓް ދިސް. މިއިވެންޓްގަނޑު ނިމޭނެނަމަ..." ހަޔާތީ ހިތާހިތުން އެއްޗެހި ގޮވައިގަތެވެ.

ޖެހިގެން އައި ރޭ އަނެއްކާވެސް އަމްރާންއާއި ހަޔާތީއަށް ރޭގަނޑުގެ ކެއުން އެކަނިވެރި މާހައުލެއްގައި ކެވޭނެގޮތްވިއެވެ. އެރޭ އަމްރާންގެ ޚާއްސަ ޝެފް ލައްވާ ތައްޔާރުކުރުވީ ޕިއްޒާއާއި ޗީޒްކޭކެވެ. ރަސްމީކަމެއްނެތި ޓީޝާޓަކާއި ޖިންސެއްލައިގެން ހުރިއިރު އިސްތަށިގަނޑުވެސް އޮތީ ކޮންމެވެސް ވަރަކަށް ހޭވިފައެވެ. ހަޔާތީ އަންނަންވާއިރަށް އަމްރާން އުއްބައްތިތައް ދިއްލާލާފައި މޭޒު ޒީނަތްތެރިކޮށްލިއެވެ. ދިހަވަރަކަށް މިނިޓް ތެރޭ ހަޔާތީ އައެވެ. އޭނަ ހުރީ އަތްދިގު ޓީޝާޓަކާއި ޑެނިމް ޖިންސެއްގައެވެ. އިސްތަށިގަނޑު ވޫލްކޮޅަކުން އައްސާލައިގެން އެއްވެސް މޭކަޕެއްނެތި ހުއްޓަސް އެހާ ނަލައެވެ. އުރުގައި ކަފަލޮލީ އިނުމުން އިންސްޓަގްރާމަށް ލާން އެންމެ ރީތި އެއް މަންޒަރެވެ.

"ހޫ އިޒް ދިސް އަންއިންވައިޓެޑް ގެސްޓް؟ " އަމްރާން އަހައިލިއެވެ.

"ކާންޓް ލީވް މައި ހާޓް ފާ......" ހަޔާތީގެ އެ ޖުމްލައާއިއެކު އަމްރާން މޫނު ހަދައިލިއެވެ.

"އަންހެންކުދިން ހާދަ ކްރިންޖީ ލައިންސް ކިޔާލައޭ ދޯ....." އަމްރާން ބުނެލިއެވެ. ހަޔާތީ އެހާވަރުން ކަފަލޮލީއަށް އަޅާލާއިރުވެސް އެސޮރު ބޮޑަށް އުޅެނީ އަމްރާންއާއިހެދިއެވެ. ހަޔާތީ މާބްލްމަތީ ބާއްވާއިރަށް ގޮސް އޮށޯވެލީ އަމްރާންގެ ފައިތިލަމަތީގައެވެ.

"ދިސް ކެޓް އިޒް ޝުއަލީ އެ ގާލް..." އަމްރާންއަށް މަޖާވިއެވެ.

ދެމީހުން އެކީ ޕިއްޒާ ކޭއިރު އަމްރާންގެ ކަތި ނަޒަރު އޭނައަށް ހުއްޓޭކަން ހަޔާތީއަށް އިހުސާސްކުރެވުނެވެ. އަމްރާން "އެކްޓް" ކުރަނީބާވައެވެ. ދެވަނަފަހަރަށް އޭނަދެކެ ލޯބިވާކަމުގެ އެކްޓްކޮށްގެން އޭނަގެ ހިތާއި ކުޅެލަން އުޅެނީހެއްޔެވެ؟ މިހާވަރަށް އުއްބައްތިތައް ދިއްލާލައިގެން ރޮމެންޓިކް ޑިނާއެއް އެކީ ނެގުމުން ދޭހަވާން އުޅެނީ އަމްރާންއަށް އޭނަ ޚާއްސަކަމެވެ.

"ވަޓް؟ " ހަޔާތީ ބަލަން އިނުމުން އަމްރާން އަހައިލިއެވެ.

"ވައި އާ ޔޫ ސްޓެއަރިން އެޓް މީ...ލައިކް ދިސް........"

"ކޮންގޮތަކަށް؟ " އަމްރާން މޭޒުގައި އުޅަބޮށި ވިއްދާލައިގެން ދަތްދޮޅީގައި އަތްތިލަ އަޅުވައިލިގޮތަށް އޭނައަށް ބަލަމުން ދިޔައީ ނިމުމެއްނެތް ގޮތަކަށެވެ.

(ނުނިމޭ...)

http://sun.mv/115630

comment ކޮމެންޓް