ފައިސާއަށް ޕްރޮޕަގެންޑާ ފަތުރަން އިންކާރު ކުރީ އެންމެ ހަތަރު ފަންނާނުން!

ބޮލީވުޑްގެ ގިނަ އަދަދެއްގެ ފަންނާނުން ފައިސާއަށް، ސިޔާސީ ޕްރޮޕަގެންޑާ ފަތުރަން އެއްބަސްވިކަން ފަޅާއަރައިފިއެވެ.

ފައިސާއަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ސިޔާސީ ފިކުރުތައް ޕްރޮމޯޓުކޮށްދޭން އެއްބަސްވި ފަންނާނުން ފަޅާއަރުވާލީ ކޯބްރާޕޯސްޓްއިން ކުރިއަށް ގެންދިޔަ ޚާއްސަ ސްޓިންގް އޮޕަރޭޝަނެއްގައެވެ.

މި އަހަރުގެ އާންމު އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނުގައި ބޮލީވުޑްގެ ނަން މަޝްހޫރު 36 ފަންނާނުން ވަނީ ފައިސާއަށް ސޯޝަލް މީޑިއާގައި ޕްރޮޕަގެންޑާ ފަތުރަން އެއްބަސްވެފައެވެ. އޭގެ ތެރޭގައި އެކްޓަރުންގެ އިތުރުން ލަވަކިޔުންތެރިންނާއި ކޮމީޑިއަނުން ވެސް ހިމެނެއެވެ.

ފައިސާއަށް ޕްރޮޕަގެންޑާ ފަތުރަން އެއްބަސްވި ފަންނުންނަކީ އަބިޖީތު ބަޓަޗާރިއާ، ކެއިލާޝް ކޭރު، މީކާ ސިންގ، ބާބާ ސޭގަލް، ޖެކީ ޝްރޯފް، ޝަކްތީ ކަޕޫރު، ވިވެކް އޮބެރޯއި، ސޯނޫ ސޫދު، އަމީޝާ ޕަޓޭލް، މަހީމާ ޗޯދުރީ، ޝްރެޔާސް ތަލްޕާޑޭ، ޕުނީތު އިއްސާރް، ސުރެންދުރާ ޕަލް، ޕަންކަޖް ދީރް، ޓިސްކާ ޗޯޕްރާ، ދީޕްޝިކާ ނާގްޕަލް، އަކިލެންދުރާ މިޝްރާ، ރޯހިތު ރޯއީ، ރާހުލް ބަޓް، ސާލިމް ޒައީދީ، ރާކީ ސާވަންތު، އަމަން ވަރްމާ، ހިތެން ތޭޖްވާނީ، ގޯރީ ޕްރަދާން، އެވެލީން ޝަރްމާ، މިނީޝާ ލާމްބާ ކޮއެނާ މިޓްރާ، ޕޫނަމް ޕާންޑޭ، ސަނީ ލިއޯނީ، ކްރުޝްނާ އަބީޝެކް، ރާޖޫ ޝްރިވާސްތަވާ، ސުނިލް ޕަލް، ރާޖްޕަލް ޔާދަވް، އުޕްސަނާ ސިންގއެވެ.

ކޯބްރާޕޯސްޓްއިން ބުނީ އެމީހުންގެ އަންޑަކަވާ ނޫސްވެރިން ފަންނާނުންނާ މުއާމަލާތް ކުރީ ފަންނާނުންގެ މެނޭޖަރުން މެދުވެރިކޮށް، އެ ނޫސްވެރިންނަކީ ބީޖޭޕީ، ކޮންގްރެސް ޕާޓީ އަދި އާމް އާދްމީ ޕާޓީ ތަމްސީލު ކުރާ ޕަބްލިކް ރިލޭޝަން އޮފިސަރުން ކަމަށް ބުނެއެވެ. އޮޕަރޭޝަނަށް ފަހު ކޯބްރާޕޯސްޓުން އާންމު ކުރި ރިޕޯޓުގައި ބުނެފައި ވަނީ ސިޔާސީ ފިކުރުތައް ޕްރޮމޯޓު ކުރުމަށް އެ ފަންނާނުން ބޮޑެތި އަގުތައް ހުށަހެޅި ކަމަށެވެ.

އެގޮތުން ކޮންމެ ޕޯސްޓަކަށް ދެ ލައްކައާއި ފަސް ލައްކައިގެ އަދަދެއް އެ ފަންނާނުން ކިޔައިފައިވާ ކަމަށް ރިޕޯޓުގައިވެއެވެ. އަދި އެކަމަށް ތައްޔާރަށް ތިބިކަން ހާމަކުރުމަށް ބައެއް ފަންނާނުން ވަނީ ފައިސާ ދިނުމުގެ ކުރިން ވެސް ބައެއް ޕޯސްޓުތައް ކޮށްފައެވެ.

ގިނަ ފަންނާނުން ކުރާ ކޮންމެ ޕޯސްޓެއްގެ ބަދަލުގައި ނަގުދު ފައިސާއަށް އެދުނު އިރު، އެއް ބަޔަކު ވަނީ ދެ ކުރޯރަށް އަށް މަހުގެ ކޮންޓްރެކްޓެއް ހަދަންވެސް އެއްބަސްވެފައެވެ.

އެހެން ނަމަވެސް، ކިތަންމެ ބޮޑު އަދަދެއް ދިން ނަމަވެސް ސިޔާސީ ފިކުރުތައް ޕްރޮމޯޓު ކުރަން ދެކޮޅު ހެދި ހަތަރު ފަންނާނެއް ވެސް ކޯބްރާޕޯސްޓުގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެއީ ކުޅަދާނަ ބަތަލާ ވިދްޔާ ބާލަން އާއި، އެކްޓަރު އަރްޝަދު ވާރްސީ، ރަޒާ މުރާދު އަދި ސޯމްޔާ ޓަންޑަންއެވެ.

ކޯބްރާޕޯސްޓުގެ އަންޑަކަވާ ނޫސްވެރިން ހުށަހެޅި ފައިސާއަށް އިންކާރުކޮށް އެ ހަތަރު ފަންނާނުންވެސް ވަނީ ފައިސާއަށް ސަޕޯޓަރުންނާއި އާންމު ރައްޔިތުންނަށް އޮޅުވާނުލާނެ ކަމަށް ބުނެފައެވެ.

އެއާއެކު އެ ހަތަރު ފަންނާނުންނަށް ސޯޝަލް މީޑިއާގައި އަންނަނީ ތައުރީފު އޮހެމުންނެވެ.

އަދި ފައިސާއަށް ސިޔާސީ ފިކުރު ޕްރޮމޯޓު ކުރަން އެއްބަސްވި ފަންނާނުންނަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

comment ކޮމެންޓް