މިސްރުގެ ޓީޗަރުން ޑީޕޯޓްކޮށްލުމުން އަޒްހަރު ޔުނިވާސިޓީ އިން ވަރަށް ބޮޑަށް ކޯފާވި: އަލީ ޒާހިރު

އަރަބިއްޔާއަށް ޓީޗަރުން ހަމަނުވާ މައްސަލަ ހައްލުކުރުމަށް މިސްރަށް ވަޑައިގެންނެވި ސަރުކާރުގެ ވަފުދު އެނބުރި މާލެ އައުމަށް ފަހު މީޑީއާއަށް މައުލޫމާތު ދެނީ --- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މިސްރުގެ އަޒްހަރު ޔުނިވާސިޓީން އަރަބިއްޔާ ސްކޫލަށް 2017 ވަނަ އަހަރު ފޮނުވި ހަތް ޓީޗަރެއް ރާއްޖެއިން ޑީޕޯޓްކޮށްލި މައްސަލައިގައި އަޒްހަރުން، ރާއްޖެއާ މެދު ވަރަށް ބޮޑަށް ނުތަނަވަސްކަމެއް އުފެދިފައިވާ ކަމަށް ރައީސް އޮފީގެ ޗީޕް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ދިރާސީ އަހަރު ފެށި މިހާތަނަށްވެސް އަރަބިއްޔާ ސްކޫލަށް ޓީޗަރުން ހަމަނުވާ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ. އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ވަފުދެއް ދާދި ފަހުން ވަނީ މިސްރަށް ވެސް ވަޑައިގެންފަ އެވެ.

އެ ދަތުރަށް ފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވަފުދުގައި ހިމެނޭ އަލީ ޒާހިރު ވިދާޅުވީ ޓީޗަރުން ހަމަޖެއްސުމަށް އަޒްހަރު ޔުނިވާސިޓީގެ އެންމެ މަތީ ވެރިޔާ ޝައިހުލް އަޒްހަރުއާއެކުވެސް ބައްދަލުވުމެއް ބޭއްވެވި ކަމަށެވެ.

"ޝައިހުލް އަޒްހަރު ކޯފާޥެފަ ވަރަށް ބޮޑަށް ހުންނެވީ. އެ މަންޒަރު އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފެނިގެން ދިޔަ. އެއީ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ އެހާ ބޮޑު ޑިލޭއެއް އައިސްގެން އުޅެނީ،" އޭނާ ވިދާޅުވިއެވެ.

އަޒްހަރުގެ ޓީޗަރުން ޑީޕޯޓްކޮށްލީ ކުރިން ވިސާ ނުނަގާ، ޓޫރިސްޓް ވިސާގައި ރާއްޖެއައިސް ވާކް ވިސާއަށް ބަދަލުކުރަން އުޅުމުން ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

އެ ވަފުދުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރުވެސް ބައިވެރިވެޑައިގެންނެވިއެވެ،

އެ ދަތުރުގައި، އެ ވަފުދުން ވަނީ މިސްރުގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނާވެސް ބައްދަލުކުރައްވައި އެ ދަރިވަރުންނަށް ދިމާވެފައިވާ ދަތިތަކާ މެދު މަޝްވަރާތައް ބާއްވައިފައެވެ.

އަަލީ ޒާހިރު ވިދާޅުވީ މި ސަރުކާރުން އަރަބި އިސްލާމީ ތައުލީމަށް އެއްވެސް ވަރަަކަށް ހުރަސް ނާޅާނެ ކަަމަށެވެ.

comment ކޮމެންޓް