ކަޝްމީރުގެ ހަނގުރާމަވެރިންނަށް އޮތީ ހަތިޔާރު ދޫކޮށް އަމާންދިނުން ނޫނީ މަރު: އިންޑިއާ

ކަޝްމީރުގެ މުސްލިމް އަންހެން ކުދިން އިންޑިޔާ ސިފައިންނާ ދެކޮޅަށް ހަރަކާތްތެރިވަނީ

ނިއުދިއްލީ (ފެބްރުއަރީ 19) : ޖަންމޫ ކަޝްމީރުގެ ހަނގުރާމަވެރިންނަށް އޮތީ ހަތިޔާރު ދޫކޮށް އަމާންދިނުން ނޫނީ މަރު ކަމަށް އިންޑިއާ އިން ބުނެފި އެވެ.

ޖަންމޫ ކަޝްމީރުގައި ހަރަކާތްތެރިވާ އިންޑިއާގެ އިސްކޮމާންޑަރު ލެފްޓިނެންޓް ޖެނެރަލް ކޭޖޭ އެސް ޑިލޯން ކަޝްމީރުގެ ހަނގުރާމަވެރިންނަށް އިންޒާރު ދެއްވަމުން ވިދާޅުވީ އެމީހުންނާ ދެކޮޅަށް ވަރުގަދަ ޙަމަލާތަކެއް ފަށާނެ ކަމަށާއި މި ހަމަލާތަކުގެ މަގްސަދަކީ ހަތިޔާރު ދޫކޮށް އަމާންދިނުން ނޫނީ މަރާކުރިމަތިލުމަށް އެމީހުންނަށް މަޖްބޫރު ކުރުވުން ކަމުގަ އެވެ.

ޖަންމޫ ކަޝްމީރުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ ޖައިޝު މުހައްމަދު އިން ދިން ޙަމަލާ އެއްގައި އިންޑިއާގެ ޕެރަ މިލިޓްރީ ސިފައިންގެ 44 މީހުން މަރުވުމާ ގުޅިގެން އިންޑިއާގެ މަސްއޫލުވެރިން ނާއި އެގައުމުގެ އަސްކަރީ ކޮމާންޑަރުން ގެންދަވަނީ ޕާކިސްތާނަށާ އަދި ކަޝްމީރުގެ ޖަމާއަތްތަކަށް ހަރުކަށި އިންޒާރުތައް ދެއްވަމުންނެވެ.

ޖެނެރަލް ޑިލޯން ވިދާޅުވީ ޕާކިސްތާނުގެ ޖާސޫސީ އިދާރާ އިންޓާ ސާވިސް އިންޓަލިޖެންސް (އައިއެސްއައި) އިން ޖައިޝު މުހައްމަދު ޖަމާއަތަށް ޖާސޫސީ ގޮތުންނާއި ފަންނީ ގޮތުން އެހީތެރިވާ ކަމަށާއި އަދި ޕާކިސްތާން ސިފައިންވެސް ކަޝްމީރުގެ ޖަމާއަތްތަކަށް ތަމްރީނާއި ހަތިޔާރު ފޯރުކޮށްދޭ ކަމުގަ އެވެ.

އޭނާ ކަޝްމީރުގެ ޖަމާއަތްތަކުގެ ހަނގުރާމަވެރިންގެ މަންމައިންނަށް ގޮވާލެއްވީ އެމީހުންގެ ދަރިން އެޖަމާއަތްތަކުން ބޭރުކުރުމަށް މަސައްކަތް ކުރުމަށާ އަދި ހަތިޔާރު ދޫކޮށް އިންޑިއާ ސިފައިންނަށް އަމާންދިނުމުގެ މުހިއްމުކަން އެމީހުންނަށް ވިސްނައި ދިނުމަށެވެ.

ޖަންމޫ ކަޝްމީރުގައި އިންޑިއާ ސިފައިންގެ 44 މީހުން މަރާލި ހަމަލާތަކަށް ފަހު އިންޑިއާގެ ކަންކޮޅުތަކުގައި ދަނީ އެހަމަލާއާ ގުޅުންނެތް އެގައުމުގެ މުސްލިމުންނަށް ގޯނާކުރުމާއި އެމީހުންގެ އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ހަރުކަށި އަމަލުތަކެއް ހިންގަމުންނެވެ.

އަނެއްކޮޅުން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާންޚާން ވަނީ މި މައްސަލާގައި އިންޑިއާ އިން ޕާކިސްތާނާ ދެކޮޅަށް ދޭ އިންޒާރުތަކަށް މިއަދު ރައްދު ދެއްވައިފަ އެވެ. މިގޮތުން އިމްރާންޚާން ވަނީ ޕާކިސްތާނުގެ މިނިވަން ކަމަށް ނޫނީ ޕާކިސްތާނުގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އެއްވެސް އަމަލެއް ނުހިންގުމަށް އިންޑިއާ އަށް އިންޒާރު ކުރައްވައިފަ އެވެ.

ކަޝްމީރުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކާ ދެކޮޅަށް އިންޑިއާ ސިފައިން ބަރުހަތިޔާރާ އެކު ހަނގުރާމަ ކުރަމުން ގެންދާތާ ސާޅީހަށް ވުރެ ގިނަ އަހަރު ވެފައވާއިރު ވެސް އެޖަމާއަތްތައް އަސްކަރީ ގޮތުން ބަލިކުރުމުގައި އިންޑިއާ ސިފައިންނަށް ކާމިޔާބު ލިބިފައެއް ނުވެ އެވެ.

މިދިޔަ ހަފްތާގައި އިންޑިއާ ސިފައިންނާ ދެކޮޅަށް އަމިއްލައަށް މަރުވެގެން ހަމަލާދިން ކަޝްމީރުގެ ހަނގުރާމަވެރިޔާ އަކީ އިންޑިއާ ސިފައިން ހަމަލާދީ މަރާލި ކަޝްމީރުގެ އާންމު ރައްޔިތެއްގެ ދަރިއެއް ކަމަށް މީޑީއާ ރިޕޯޓްތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް