ރާއްޖޭގެ ނޭޝަނަލް ބުރޯޑް ކާސްޓިންގެ ކޮމިޝަނުން، މީގެ ދުވަސްކޮޅެއްކުރިން ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑު ދެމެހެއްޓުމަށް އެޅުއްވި ފިޔަވަޅަކީ، ޝަޚުޞީގޮުތުން، އަޅުގަނޑަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނު ފިޔަވަޅެކެވެ. ނޫސްވެރިޔަކާއި މެދު ފިޔަވަޅެއް އެޅިގެންނެއް ނޫނެވެ. ނޫސްވެރިކަމަށް ޝަޢުޤުނަގާ، ނޫސްވެރިކަމުގެ ހަމަތަކަށް ތަރުޙީބުދީ، ނޫސްވެރިކަމުގެ ހަމަތައް ދަމަހައްޓާ، ނޫސްވެރިންގެ ސްލޫކީ މިންގަނޑެއް އޮތުމަށް ބޭނުންވާ، ނޫސްވެރިކަން ތަރައްޤީކުރުމަށް އެދޭމީހަކަށްވީތީވެއެވެ. ކޮމިޝަނުން އެފަހަރު އެފިޔަވަޅު އެޅުއްވުމުން އަޅުގަނޑަށް ވިސްނުނީ، ނުވަތަ ހީކުރެވުނީ ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި ހިނގާ ކަންތައްތައް އެބޭފުޅުންވެސް ކޮންމެދުވަހަކު ބައްލަވާ ދިރާސާ ކުރައްވަމުން ގެންދަވާކަމުގައެވެ. އަދި އިޞްލާޙްކުރައްވަންޖެހޭ ނުވަތަ ފިޔަވަޅު އަޅުއްވަންޖެހޭ ކަންކަމުގައި ފިޔަވަޅު އަޅުއްވަމުން ގެންދަވާކަމަށެވެ. ކޮންމެހެން މީހަކު ޝަކުވާއެއް ކުރަންދެން މައްސަލައެއް ބައްލަވަން އިންތިޒާރު ނުކުރައްވާނެކަމަށެވެ. އަޅުގަނޑުގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް ދެންނެވޭނީ މިބާވަތުގެ މައްސަލަތަކާއިމެދު ކަންބޮޑުވާ، މިބާވަތުގެ ކަންތައްތައް ރަގަޅުކުރުމަށް ބޭނުންވާ ސީރިއަސް، ގިނަމީހުން، ސީދާ އެމީހަކަށް އިންތިހާ ދަރަޖައިގެ ނުޤްޞާނު ލިބޭ ކަންކަމުގައި ފިޔަވައި އެހެންކަންކަމުގައި މަތީފަރާތަކަށް ޝަކުވާކޮށްގެން ފިޔަވަޅުއަޅަން ބޭނުންނުވާނެކަމެވެ. އެފަދަމީހުންގެ ލިއުންތަކުގައި އެކަންކަމާއިބެހޭގޮތުން ލިއެފާނެއެވެ. ޢާއްމު ސްޓޭޖެއްގައި ނުވަތަ މީޑިއާއިން ލިބޭ ފުރުޞަތެއްގައި، އެފަދަ ކަންކަމާމެދު ޚިޔާލު ފާޅުކޮށްފާނެއެވެ. އެހެންނަމަވެސް ޝަކުވާއެއްގެ ސިފައިގައި އެފަދަ މައްސަލައެއް ކަމާއިބެހޭ ފަރާތަށް ހުށައެޅުއްވުމަކީ ވަރަށް ދުރުކަމެކެވެ. މިހެން މިކަންއޮތުމުން ރާއްޖެކަހަލަ އަލަށް މީޑިއާގެ މިނިވަންކަން ބޭނުންކުރުމުގެ ފުރުޞަތު، އިމެއްނެތި، ބެލުމެއްނެތި، އަޅާލުމެއްނެތި، ބޭނުންކުރުން ފުޅާވެފައިވާ ޤައުމެއްގައި، މީޑިއާގެ ބެލެނިވެރިންގެ ޒިއްމާ ވަރަށް ބޮޑެވެ. ރާއްޖޭގެ މިއަދުގެ ޙާލަތު އަދިއޮތްގޮތުން ކަމާއިބެހޭ މުސްތަޤިއްލު ފަރާތްތަކުން ފިޔަވަޅު އަޅުއްވަން ބޭނުންފުޅުވިޔަސް، އެކަންކަމުގައި ސަރުކާރުގެ ކަމާއި ބެހޭފަރާތްތަކުގެ އެއްބާރުލުން ނުލިބޭކަމަށްވާނަމަ އެކަމެއް އެންމެ ފުރިހަމަކޮށް ކާމިޔާބުވުމަކީ ދުރުކަމެކެވެ. ތެދުފުޅެކެވެ. ޤާނޫނާއި ޤަވައިދުތައްވެސް ހުރެއެވެ. އެހެންނަމަވެސް ސަރުކާރުގެ އެއްބާރުން ނުލިބޭކަމަށްވާނަމަ ލިޔެކިޔުމުން ކޮންމެ އެއްޗެއް ދެއްކިޔަސް ނުވަތަ ފެނުނަސް ސަރުކާރުގެ އެއްބާރުލުން އެކަމަކަށް ނުލިބޭހާ ހިނދަކު އެކަމެއް ތަންފީޒުކުރުމަކީ މިއަދު ރާއްޖޭގައި އަދިކުރެވޭނެ ކަމެއްނޫންކަން އިއްޔެއާއި މިއަދުގެ ތަޖުރިބާއިންވެސް ފެންނަންއެބައޮތެވެ.

ބުރޯޑްކާސްޓްކުރެވޭ ބައެއް ޕްރޮގްރާމްތަކުގައި، ބައެއްފަހަރު ވަކިބޭފުޅަކަށް ތާއީދުކޮށް، މުޅިން ޙަޤީޤަތާއި އެއްގޮތްނޫން ވާހަކަތަކުގެ އަޑުވެސް އިވެއެވެ. އެހެންނަމަވެސް އެއީ މައްސަލައަކަށްވެގެން ނުވާނެއެވެ. ސަބަބަކީ އެކަމުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ނުވާނެތީވެއެވެ. ތެދުފުޅެކެވެ. ރައްޔިތުންނާއި ހަމައަށް ތެދު މަޢުލޫމާތު ފޯރުކޮށް ނުދިނުމުގެ މައްސަލައެއް އޮންނާަނެއެވެ. އެހެންނަމަވެސް މިބާވަތުގެ މައްސަލަތަކަކީ މީޑިއާތަކުގައި އާ މައްސަލަތަކެއް ނޫނެވެ. މިކަމުގައި އަޅުގަނޑުމެން ކަންބޮޑުވާންވީ ހަޤީޤަތާއި ޚިލާފް ވާހަކަތައް ޢާއްމުކުރުމުގެ ޕްރޮގްރާމްތަކާމެދުގައެވެ. ޢާއްމު ރައްޔިތުންގެ ޚިޔާލު ފާޅުކުރުމުގެ ނަމުގައި، މީހުންގެ އަބުރާބެހުމުގެ ފުރުޞަތުދެވޭ ޕްރޮގްރާމްތަކާމެދުގައެވެ. "އަބުރާބެހުމުގެ ފުރުޞަތު" ހުޅުވާލެވެނީ ޚިޔާލު ފާޅުކުރުމުގެ ނަމުގައެވެ. ވަރަށްގިނަފަހަރު އެޗެނަލެއްގެ ސިޔާސަތު ނުވަތަ ޕްރޮގްރާމް ހުށައަޅާ މީހެއްގެ ބުރަވުން، ފާޅުކުރެވޭ "މިނިވަން ޚިޔާލުން" ހާމަވެގެންދެއެވެ. ނޫސްތަކުގައި ޚިޔާލު ފާޅުކުރުންވެސް އޮންނަނީ މިކަހަލަގޮތަކަށެވެ. ބައެއް ފަހަރަށް ޙަޤީޤަތްއޮޅުވާލެވޭގޮތަށް ހުންނަ ލިޔުންތަކުގެ ޙަޤީޤަތް ހާމަކުރުމުންވެސް، އެލިޔުމަކަށް ނޫހުން ޖާގަ ނުދޭތަން އާދެއެވެ. ދެ ސަބަބަކާހުރެއެވެ. ފުރަތަމަ ސަބަބަކީ ޚަބަރު ލިޔުނު ރިޕޯޓަރަށް ޚަބަރު ފަހުމް ނުވުމުގެ ސަބަބުން ލިޔެވުނު ރިޕޯޓުގެ ޙަޤީޤަތް އެނގޭމީހަކު އެކަން ހާމަކުރުމުން ތިމާ ފަލީހަތްވެދާނެތީވެ އެޚިޔާލު ޢާއްމު ނުކުރުމެވެ. ދެވަނަ ސަބަބަކީ ޤަސްދުގައި އެންގިހުރެ މީހަކު ނުވަތަ ބަޔަކު ބަދުނާމުކުރުމުގެ ގޮތުން ޙަޤީޤަތް ޢާއްމު ވިޔަނުދިނުމަށް މަސައްކަތްކުރުމެވެ. މިދެ ސިފައަކީވެސް ރަގަޅު، ތެދުވެރި ނޫސްވެރިއެއްގައި ހުރެގެންވާނެ ސިފައެއް ނޫނެވެ. މިކަމުގައި މިފަދަ ކަންކަމުގެ މުގުލުގައި ތިއްބަވާ ފަރާތްތަކުގެ ވެސް ވަރަށް ބޮޑު ރޯލެއް އޮވެއެވެ. އެ ޕްރޮގްރާމެއް، ނުވަތަ އެލިއުމެއް މަޝްހޫރުކުރުވުމެގެ ބޭނުމުގައި މީހަކު ނުވަތަަ ބަޔަކު "ކަތިލައްވަނީ"އެވެ. ކަމެއްގެ ރަގަޅު ނުރަގަޅު، ނުވަަތަ ހެޔޮނުބަޔާއި ބެހޭގޮތުން ޚިޔާލު ފާޅުކުރެއްވިދާނެއެވެ. އެ ޚިޔާލު ފާޅުކުރިފަރާތުގެ ޚިޔާލާއިމެދު، ނުވަތަ އެފަރާތުން ކުރިން ނިންމާފައިވާ އެފަދަ ކަންތައްތަކާއި ބެހޭގޮތުން، ނުވަތަ ދައްކަވާފައިވާ ވާހަކަތަކާއި ބެހޭގޮތުން ޚިޔާލު ފާޅުކުރެއްވިދާނެއެވެ. މިސާލަކަށް ނޫހަށް ފޮނުވާ ޚިޔާލެއްގައި ހަމައެކަނި "ހޭހޭހޭ" އޮތުން ނަގަމާތޯއެވެ؟ ތެދުފުޅެކެވެ. އެވެސް ޚިޔާލެއްކަމަށް ބެލިދާނެއެވެ. އެ ޚިޔާލު ފާޅުކުރި މީހަކު ބޭނުންވީ މަލާމަތްކުރުމަށް ނުވަތަ ޖެއްސުންކުރުމުގެ ގޮތުން އެއްޗެއް ބުނަންކަމަށް ބެލެވިދާނެއެވެ. ނުވަތަ ތަރުޙީބުދިނުމުގެ ގޮތުންކަމަށްވެސް ބެލެވިދާނެއެވެ. ސުވާލަކީ އެފަދަ ޚިޔާލަކީ އެސިފާގައި ޢާއްމުންނާއި ހަމައަށް ދިއުމަށް ފުރުޞަތުދޭންޖެހޭނޭ ޚިޔާލެއް ބާވައެވެ؟ އަޅުގަނޑުގެ ނަޒަރުގައި ބައެއް ޕްރިންޓް މީޑިއާ އިންނާއި ބައެއް އިލެކްޓުރޮނިކް މީޑިއާ އިން މިހާރު ރާއްޖޭގައި މަސައްކަތްކުރަނީ މީގެ މަސްތަކެއް ކުރިން އެމަޖައްލާ ޗާޕްކުރިފަރާތުން އަމިއްލައަށް އުވާލަން ޙާލަތު މަޖުބޫރުކުރި އިނގިރޭސި ވިލާތުގެ ޤަރުނަކަށްވުރެ ގިނަދުވަސްވި މަޖައްލާއިން، ޚަބަރުގެ އިސްސަފުގައި އޮތުމަށް މަސައްކަތްްކުރިގޮތަށެވެ. ޤައުމާއި، މީހުންނާއި، މާޙައުލު ތަފާތުވުމުން ސްޓައިލް ތަފާތުވެދާނެއެވެ. އެހެންނަމަވެސް ނުކުންނަނީ އެއް ނަތީޖާއެކެވެ.

މީޑިއާގެ ބަލަދުވެރިންގެ އަރިހުން އަޅުގަނޑުމެން އެދެނީ އިންޞާފްވެރި މީޑިއާއެއް ޤައިމުކޮށްދޭކަށެއްވެސް ނޫނެވެ. އެކަންނުވާނެތީވެއެވެ. ބައެއްމީހުން، ބައެއްކަހަލަކަންތަކުގައި އިންޞާފް، ޢާއްމުކޮށް ގިނަބަޔަކު ޤަބޫލުކުރާގޮތަށް ޤަބޫލުނުކުރާނެތީވެއެވެ. އަޅުގަނޑުމެން އެދެނީ ހަމައެކަނި ޙަޤީޤަތް ހާމަކޮށްދިނުމަށެވެ. މީހަކާމެދު ޒާތީ ހަސަދައެއް ފިލުވާލުމުގެ ނިޔަތުގައި ފާޅުކުރެވޭ ޚިޔާލަށް ފުރުޞަތު ނުދިނުމަށެވެ. އެފަދަ ފުރުޞަތުދޭ މަސްއޫލު ފަރާތްތަކާއި މެދު ތަފާތު ފެންވަރުގައި ފިޔަވަޅު އަޅުއްވާދެއްވުމަށެވެ. އިނގިރޭސި ވިލާތުގެ ދުވަސްވި މަޖައްލާވެސް ރައްޔިތުންނަށް ޖަވާބުދާރީވުމަށް ސަތޭކައަށްވުރެ ގިނަ އަހަރު ނެގިއެވެ. އަޅުގަނޑުމެން ނަގާނީ އެއަށްވުރެ މާކުރު މުއްދަތެކެވެ. އަޅުގަނޑުމެންގެ "ދިރިހުރުމުގެ އުމުރު" ކުރުކަން ހަނދުމަފުޅު ބަހައްޓަވާށެވެ!

ގުޅޭ ޓެގު
comment ކޮމެންޓް