ޔާމީން، ސައީދަށް މާވަށު ދާއިރާ ދޫކޮށްލެއްވީ

ޕީއެންސީ އުފެއްދުމަށް ބޭއްވި ޖަލްސާގައި ރައީސް ޔާމީން (މ)އާއެކު މުހައްމަދު ސައީދު (ކ) އަދި އަބްދުއްރަހީމް އަބްދުﷲ (ވ) -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާއަށް ކުރިމަތިލެއްވުމަށް ނިންމެވިކަމަށާއި، ނަމަވެސް އެމަނިކުފާނުގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް އެ ދާއިރާ ފަހުން ދޫކޮށްލެއްވީ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ނައިބު ރައީސްކަމަށް އިންތިހާބުވެފައިވާ ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ ކެމްޕޭން ޖަލްސާއެއް ލ. މާވަށުގައި ރޭ ބޭއްވި އިރު، އެ ޖަލްސާގައި ބައިވެރިވި ފަރާތްތަކާ ފޯނު މެދުވެރިކޮށް ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ގިނަ ބަޔަކު ދާއިރާތަކަށް ކުރިމަތިލުމަކީ އެމްޑީޕީއަށް ގޮނޑި ލިބުމުގެ ފުރުސަތު މާ ބޮޑަށް ބޮޑުވާނެ ކަމެއް ކަމަށެވެ.

ޕީޕީއެމް-ޕީއެންސީގެ ބައެއް ދާއިރާތައް ޖުމްހޫރީ ޕާޓީއަށް ދޫކޮށްލަން ނިންމާފައިވީ ނަމަވެސް މާވަށު ދާއިރާ ދޫކޮށްލަން ބޭނުން ނުވީ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި އެކަމުގެ ސަބަބެއްގެ ގޮތުގައި ރައީސް ވިދާޅުވީ މާވަށު ދާއިރާގެ މިހާރުގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީން އެ ދާއިރާ އަށް ކުރިމަތިލާ ޓިކެޓު ދޭން ނިންމާފައިވާ އަޒްހާން ފަހުމީއަށް ދާއިރާ ދޫކޮށްލަން ބޭނުން ނުވުމެވެ.

"އަޒްހާން ރިޔާސީ އިންތިހާބުގައި ކަންތައް ކުރެއްވި ގޮތުންނާއި، މީހުންނާ ގުޅުން ކުޑަކަމަށް ބަލާފައި ބޭނުން ނުވީ ދާއިރާ އަޒްހާނަށް ދޫކޮށްލަން،" ރައީސް ޔާމީން ވިދާޅުވި އެވެ.

މާވަށު ދާއިރާގެ މެމްބަރު އަޒްހާން ފަހުމީ ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވީ މިދިޔަ ރިޔާސީ އިންތިހާބަށްފަހު އެވެ.

ރައީސް ޔާމީން ރޭ މާވަށުގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެމަނިކުފާނު ފުރަތަމަ ނިންމެވީ މާވަށު ދާއިރާއަށް އެމަނިކުފާނު ނުކުންނަވަން ކަމަށެވެ.

"ނަމަވެސް ދާއިރާތައް ހުސްވަމުން ހުސްވަމުން ގޮސް، ހުސްވީމާ އަޅުގަނޑު ކުރިމަތިލުމުގެ ބަދަލުގައި އަޅުގަނޑު އިހްތިޔާރުކުރީ ސައީދަށް މާވަށު ދާއިރާ ދޫކޮށްލަން،"

ރައީސް ޔާމީން ވިދާޅުވީ ސައީދަކީ އެމަނިކުފާނާ އެކު ސަރުކާރުގައާއި، އަދި ރިޔާސީ އިންތިހާބުގައި ވެސް ވަރަށް އިހްލާސްތެރިކަމާ އެކު މަސައްކަތްކުރެއްވި ބޭފުޅެއް ކަމަށެވެ.

މީގެ ކުރިން ރައީސް އަބްދުﷲ ޔާމީން އެކި ޕްރެސް ކޮންފަރަންސްތަކުގައި ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އެއްވެސް ދާއިރާއަކަށް ވާދަކުރައްވަން ނިންމަވާފައި ނުވާކަމަށެވެ.

ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މަޖިލިސް އިންތިހާބުގައި އެކުގައި ވާދަކުރާ އިރު، އެ ކޯލިޝަނުން ވަނީ ސިޔާސީ ޕާޓީއަކާ މަޝްވަރާކުރަމުންދާކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް ކޮން ޕާޓީއެއް ކަމެއް ހާމައެއް ނުކުރެ އެވެ.

އެ ކޯލިޝަނުން ވާދަކުރަން ނިންމި ބައެއް ދާއިރާތައް ދޫކޮށްލައި، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދުކުރުމަށް މިހާރު ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް