ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ރައްޔިތުންނަށް ވާ ވައުދާ ހިލާފަށް އަމަލުކުރާ، ނުވަތަ ރައްޔިތުން ނޭދޭ ގޮތަށް މަޖިލީހުގައި އަމަލުކުރާ މީހުންގެ އިތުބާރު ނެތްކަމަށް ވޯޓު ނެގޭގޮތް ހަދަންޖެހޭކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގެ ފަސް އަހަރުގައި ފިޝަރީޒް މިނިސްޓަރުކަން ކުރެއްވި ޑރ. ޝައިނީއަށް އޮތީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާއަށް ކުރިމަތިލުމަށް ޕީޕީއެމުން ޓިކެޓު ދީފައެވެ.
އެހެން ނަމަވެސް ޝައިނީ ފަހުން ވަނީ ޓިކެޓު ދޫކޮށްލައްވައި، އެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ނިންމަވާފައެވެ. އަދި އޭނާ ގެންދަވަނީ ކެމްޕޭންވެސް ކުރައްވަމުންނެވެ.
ރައީސް ޔާމީނުގެ ސަރުކާރުގެ ދުވަސްވަރު އެ ސަރުކާރު ދިފާއުކުރެއްވުމަށް އެންމެ ބޮޑަށް މަސައްކަތްކުރެއްވި ޝައިނީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންނަށް ވާ ވައުދާ ހިލާފަށް، ނުވަތަ ރައްޔިތުން ނޭދޭ ގޮތަށް މަޖިލީހުގައި އަމަލުކުރާނަމަ އެ މެމްބަރަކާ ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓު ނެގޭ ގޮތަށް ހެދުމަށް އޭނާ ތާއީދުކުރައްވާ ކަމަށެވެ.
ޝައިނީ "ސަން"އަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއާއި ދައުލަތުގެ ވަޒީރުންގެ ވެސް ނޯ ކޮންފިޑެންސް ވޯޓު ނެގޭ ކަމަށެވެ.
"އެހެން ވިއްޔާ މަޖިލީހުގެ މެމްބަރުން މި ދަނީ ރައްޔިތުން ކަިއރިަށް ވޯޓު ހޯދަން. ދެން ވަކި ހިސާބަކުން ޕާޓީ ބަދަލުކުރަނީ ނުވަތަ ރައްޔިތުންގެ އިހުސާސްތަކާ ދެކޮޅަށް މަސައްކަތް ކުރައްވަނީ. އެހެންވީމާ ހަގީގަތުގައި ރައްޔިތުންނަށް މަލާމާތަކަށް އެ ވަނީ،"
ޝައިނީ ވިދާޅުވީ ރައްޔިތުން މެމްބަރަކު ހޮވަނީ ވަރަށް އުންމީދުގައި ކަމަށާއި، ނަމަވެސް ކުރި ވައުދާއި ހިލާފުވެ، މަޖިލީހުގައި "ސަކަރާތްޖަހަން" އުޅުނީމާ އެ މެމްބަރަކު ޖަވާބުދާރީކުރެވޭނެ ގޮތެއް ރައްޔިތުންނަށް ހަމަޖައްސައިދޭންޖެހޭ ކަމަށެވެ.
އަދި ވައުދާ ހިލާފުވުމަކީ ރައްޔިތުންނަށް "ޑިފެކްޓުވުން"ކަމަށާއި، އެފަދަ މެމްބަރުންގެ ނޯ ކޮންފިޑެންސް ވޯޓު ނެގުމަކީ ރައްޔިތުންގެ ތެރެއިންވެސް ގިނަ ބަޔަކު ތާއީދުކުރާ ކަމެއް ކަމަށް ޝައިނީ ވިދާޅުވިއެވެ.
ޑރ. ޝައިނީގެ އިތުރަށް ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް މުއިއްޒުއާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު އަލްހާން ފަހުމީއެވެ.