ޖޭޕީ އިން މަހިބަދޫ ދާއިރާ އަށް ނޮމިނޭޓް ކުރި ސުނިލް އަށް ތާއީދު ނުކުރާކަން އަންގައިފި

ސުނިލް (ކ) ޖޭޕީގެ ލީޑަރު ގާސިމް އާ އެކު --

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަހިބަދޫ ދާރިއާއަށް ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ވާދަކުރުމަށް ނޮމިނޭޓް ކުރި އަހުމަދު ސުނިލް އަށް ތާއީދު ނުކުރަން ނިންމައި އޭނާ އަށް އެކަން އަންގައިފި އެވެ.

ސުނިލް މިއަދު 'ސަން' އަށް ވިދާޅުވީ ޖޭޕީގެ ސެކްރެޓަރީ ހުސައިން ރަޝީދު އޭނާ އަށް ގުޅުއްވައި "ސުނިލްގެ ތާއީދު މަހިބަދޫ ދާއިރާގައި ނެތް ކަމަށް" ވިދާޅުވެ، ޖޭޕީ އިން ތާއީދު ނުކުރާ ކަމަށް މީގެ ދެތިން ދުވަސް ކުރިން އެންގެވި ކަމަށެވެ.

ނަމަވެސް ޖޭޕީ އިން އެކަން ދޮގު ކުރެ އެވެ. ހުސައިން މިއަދު ސަން އަށް ވިދާޅުވީ އެފަދަ އެންގުމެއް ސުނިލް އަށް އަދި އިތުރު މީހަކަށްް ނާންގަވާ ކަމަށެވެ. އަދި ވިދާޅުވީ ޖޭޕީ އިން ރަސްކޮށް މަހިބަދޫ ދާއިރާގެ ޓިކެޓް އަދި އެއްވެސް ބޭފުޅަކަށް ނުދެއްވާ ކަމަށެވެ.

ސުނިލް ވިދާޅުވީ ޖޭޕީގެ ޓިކެޓް ނުދިނަސް އަމިއްލަ ގޮތުން އެ ދާއިރާ އަށް ވާދަ ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑަށް ޓިކެޓް ދީފައި ޖޭޕީން ޓިކެޓް އަތުލީ އަޅުގަނޑު އަތުން. މިހާރު އަޅުގަނޑު ވާދަ ކުރަން ނިންމާފައި މިވަނީ އަމިއްލަ ގޮތުން. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފޯމު ހުށަހަޅާނަން." ސުނިލް ވިދާޅުވި އެވެ.

https://sun.mv/114802

ސުނިލް ވިދާޅުވީ ޖުމްހޫރީ ޕާޓީން ނިންމާފައި ވަނީ މަހިބަދޫ ދާއިރާއަށް ޕީޕީއެމުން ވާދަކުރައްވާ، މިހާރު ވެސް އެ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އަށް ތާއީދު ކުރުމަށް ކަމަށެވެ.

ޖުމްހޫރީ ޕާޓީން މިހާތަނަށް ޓިކެޓް ދީފައި ވަނީ 43 ދާއިރާއަށް ވާދަ ކުރުމަށެވެ. އޭގެތެރެއިން ހަ ބޭފުޅަކު މިހާރު ވަނީ އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅައިފަ އެވެ.

ޕީޕީއެމުން ޓިކެޓްދިން ބައެއް ފަރާތްތަކުގެ ޓިކެޓްތައް ވެސް ދަނީ އަތުލަމުންނެވެ. އެ ޓިކެޓްތައް އަތުލަނީ އެ ދާއިރާއަށް ވާދަކުރާ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރުމަށްކަަން އެނިގިފައިވެ އެވެ. އެގޮތުން 25 ދާއިރާއަކަށް ވާދަ ނުކުރަން ނިންމާފައިވާކަން ވަނީ އެނގިފަ އެވެ.

comment ކޮމެންޓް