މަޖިލީހުގެ 36 ދާއިރާއަކަށް ވާދަކުރާ ކެންޑިޑޭޓުން ޖޭޕީން އިއުލާންކޮށްފި

ޖުމްހޫރީ ޕާޓީން މިރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގެ ތެރެއިން: އެޕާޓީ ފަރާތުން މަޖިލިސް އިންތިހާބުގައި 36 ދާއިރާ އަކަށް ކުރިމަތިލުމަށް ވަނީ ނިންމާފަ -- ފޮޓޯ/ ޖުމްހޫރީ ޕާޓީ

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ރައްޔިތުންގެ މަޖިލީހުގެ 36 ދާއިރާއަކަށް ވާދަކުރަން ނިންމައި، އެ ދާއިރާތަކަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ނަންތައް އިއުލާންކޮށްފިއެވެ.

މި ނިންމުން ނިންމާފައިވަނީ މިރޭ އެޕާޓީން ބޭއްވި ކައުންސިލް ބައްދަލުވުމުގައި އެވެ.

މިރޭ އެޕާޓީން ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވަނީ އެޕާޓީގެ ޓިކެޓްގައި މަޖިލިސް އިންތިހާބުގައި ކުރިމަތި ލައްވާނެ ކެންޑިޑޭޓުން ކަނޑައެޅުމުގައި ހުރިހާ ބާރެއް ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް އަރުވާފައެވެ.

ޖުމްހޫރީ ޕާޓީން ވާދަކުރަން މިހާތަނަށް ނިންމި ދާއިރާތަކާއި އެ ދާއިރާތަކަށް ވާދަކުރާ މީހުން:

  1. ހަނިމާދޫ ދާއިރާ ހުސައިން ޝަހުދީ
  2. ކުޅުދުފުށީ އުތުރު ދާއިރާ ނަސްރުﷲ އިސްމާއިލް
  3. ކަނޑިތީމު ދާއިރާ މުހައްމަދު ހުސައިން
  4. އުނގޫފާރު ދާއިރާ އިލްހާމް އަހްމަދު
  5. މަޑުއްވަރީ ދާއިރާ މުހައްމަދު އަމިތު އަހްމަދު މަނިކު
  6. ކެންދޫ ދާއިރާ އަލީ ހުސައިން
  7. ބިލެތްދޫ ދާއިރާ އަހްމަދު މުބީން
  8. ކުރެންދޫ ދާއިރާ އަހްމަދު މުސާ
  9. ކާށިދޫ ދާއިރާ މާޖިދު ސުލައިމާން
  10. މަތިވެރި ދާއިރާ ހުސައިން މުހައްމަދު
  11. ތޮއްޑޫ ދާއިރާ އިބްރާހިމް ހަސަން
  12. މަހިމަދޫ ދާއިރާ އަހްމަދު ސުނިލް
  13. މާމިގިލީ ދާއިރާ ގާސިމް އިބްރާހިމް
  14. ދަނގެތި ދާއިރާ މުހައްމަދު ނާޒިމް (ކާނަލް ނާޒިމް)
  15. ކެޔޮދޫ ދާއިރާ މޫސާ ނިޒާރު އިބްރާހިމް
  16. ވިލުފުށި ދާއިރާ ރިޔާޒު ރަޝީދު
  17. ތިމަރަފުށީ ދައިރާ އަބްދުﷲ ރިޔާޒު
  18. ގުރައިދޫ ދާއިރާ ހުސައިން މަނިކު ދޮންމަނިކު
  19. އިސްދޫ ދާއިރާ އަލީ ހަމީދު
  20. ފޮނަދޫ ދާއިރާ ފާތުމަތު ޒައީމާ
  21. ގަމު ދާއިރާ އާދަމް އާސިފް
  22. މާވަށު ދާއިރާ އަޒްހާން ފަހުމީ
  23. ވިލިނގިލި ދާއިރާ ސައުދު ހުސައިން
  24. ގެމަނަފުށީ ދާއިރާ އަލީ އާދިލް
  25. ދާންދޫ ދާއިރާ މުހައްމަދު ޝިޔާމް
  26. ތިނަދޫ ދެކުނު ދާއިރާ އަބްދުﷲ އަހްމަދު
  27. ފަރެސްމާތޮޑާ ދާއިރާ މުހައްމަދު މުޙްތާރު
  28. ފުވައްމުލަކު އުތުރު ދާއިރާ އަލީ ޝާހު
  29. ހިތަދޫ މެދު ދާއިރާ ހުސައިން ސޯލިހް
  30. ހެންވޭރު ދެކުނު ދާއިރާ އިރުތިޝާމް އާދަމް
  31. ހެންވޭރު އުތުރު ދާއިރާ އަލްހާން ފަހުމީ
  32. ހެންވޭރު ހުޅަނގު ދާއިރާ އައިޝަތު ނާޒިމާ
  33. މައްޗަންގޮޅި ދެކުނު ދާއިރާ އިބްރާހިމް މަމްނޫން
  34. މާފަންނު ދެކުނު ދާއިރާ މުހައްމަދު ހަމްދާން
  35. ގަލޮޅު ދެކުނު ދާއިރާ އަބްދުﷲ ނަވާޒު
  36. ވިލިމާލެ ދާއިރާ ޑރ. މުހައްމަދު ޖަމީލު އަހްމަދު

ހަތަރު މެމްބަރުންނަށް ޓިކެޓް ނުލިބޭ!

ކުރިމަތިލާނެ ކެންޑިޑޭޓުންނާއި ދާއިރާތައް އިއުލާން ކުރެއްވުމަށްފަހު ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހް ވިދާޅުވީ، މިރޭ އިއުލާން ކުރީ މިހާތަނަށް ޓިކެޓް ދިނުމަށް ކަނޑައެޅި ދާއިރާތައް ކަމަށެވެ. އަދި އިތުރު ދާއިރާތަކަށް ޓިކެޓު ދޭނަމަ އެކަން އިއުލާން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބަށްފަހު އިސްދޫ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު އިބްރާހީމާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ވަނީ ޕީޕީއެމް ދޫކުރައްވައި އެ ޕާޓީއާ ގުޅިވަޑައިގެންފައެވެ. ނަމަވެސް މިރޭ އެ ދެ ދާއިރާގެ ޓިކެޓު ދީފައި ވަނީ އެހެން ދެ ބޭފުޅަކަށެވެ. އެ ދެ ބޭފުޅުންނަށް އެއްވެސް ދާއިރާއެއްގެ ޓިކެޓް ދީފައެއް ނުވެއެވެ.

މީގެއިތުރުން އެޕާޓީއާ ގުޅިވަޑައިގެންނެވި، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއް ލަތީފް މުހައްމަދާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފަށް މިރޭ ޓިކެޓު ދީފައިނުވެއެވެ. އަދި އެ ދެ ދާއިރާގެ ޓިކެޓް މިހާތަނަށް އެއްވެސް ބޭފުޅަކަށް ދީފައެއްނުވެއެވެ.

މަޖިލިސް އިންތިޚާބުގައި ޖުމްހޫރީ ޕާޓީން 36 ގޮނޑިއަށް ވާދަކުރަން މިހާތަނަށް ނިންމާފައިވާއިރު، ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން ވަނީ 86 ދާއިރާއަށް ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅާފައެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން 13 ގޮނޑިއަށް ވާދަކުރުމަށް ވަނީ ނިންމާފައެވެ. ކޯލިޝަންގެ ލީޑަރެއް ކަމަށްވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ތާއީދާއެކު މަޖިލީހަށް ވާދަކުރާނެ ދާއިރާތައް އަދި ނިންމާފައެއްނުވެއެވެ.

ޖުމްހޫރީ ޕާޓީގެ ޓިކެޓަށް އެދުމުގެ ފުރުސަތު މިދިޔަ މަހުގެ 23 އިން މި މަހުގެ 25 އަށް ހުޅުވާލުމުން އެކަމަށް އެދި 97 މީހަކު ވަނީ ހުށަހަޅާފައެވެ.

comment ކޮމެންޓް