އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހުގެ ކުންފުންޏަށްވެސް ފައިސާ ލިބުނު!

އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު -- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ ފައިސާ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުގެ ހިއްސާ އޮތް މެރިން ޑިޒައިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށްވެސް ލިބިފައިވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ތަހުގީގު ރިޕޯޓުގައި ބުނެފިއެވެ.

އެ ރިޕޯޓުގައި ބުނެފައިވާގޮތުން އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކުރުމަށްފަހު އެ ފައިސާ ވަނީ އަމިއްލަ ފަރާތްތަކަށާއި އަމިއްލަ ކުންފުނިތަކުގެ އެކައުންޓުތަކަށް ޖަމާކޮށްފައެވެ. އެ ކުންފުނިތަކުގެ ތެރޭގައި މެންބަރު ފަލާހުގެ ހިއްސާ އޮތް ކުންފުނި ހިމެނޭއިރު އެކުންފުނީގެ ބޭންކް އެކައުންޓަށް ވަނީ 80،000 ޑޮލަރު ފޮނުވައިފައެވެ.

މެންބަރު ފަލާހު ވިދާޅުވީ އޭނާގެ އެއްވެސް ހިއްސާއެއް މިހާރު މެރިން ޑިޒައިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގައި ނޯންނާނެ ކަމަށެވެ. ހިއްސާ ދޫކޮށްލެއްވީ ކޮންއިރަކުތޯ ސުވާލު ކުރުުމުން ވިދާޅުވީ "އެހެން މިހާރު ހަނދާން ނެތް" ކަމަށާއި ފުދޭވަރަކަށް ދުވަސް ވެއްޖެ ކަމަށެވެ. ހިއްސާ ދޫކޮށްލިތާ ދެތިން އަހަރު ވެދާނެތޯ ސުވާލު ކުރުމުން ފަލާހު ވިދާޅުވީ "އަދި އެހާ ދުވަހެއް ނުވާނެ" ކަމަށެވެ.

ފަލާހުގެ އުފަން ރަށް، އިންނަމާދޫ ކައުންސިލްގެ ކުރީގެ މެމްބަރަކު "ސަން" އަށް ވިދާޅުވީ މެރިން ޑިޒައިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަކީ ސީދާ ފަލާހުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެއް ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ރައްޔިތުންގެ މަޖިލީހުގެ އިތުރު މެންބަރުންގެ ހިއްސާ އޮންނަ ކުންފުނިތަކަށާއި މެންބަރުންގެ އަމިއްލަ އެކައުންޓުތަކަށްވެސް ވަދެފައިވާކަމަށް އޭސީސީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

https://sun.mv/115459

މީގެ އިތުރުން މިހާރުގެ ސަރުކާރުގެ ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަމެންޓް މިނިސްޓަރު އަހުމަދު މަހުލޫފާއި ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގެ ސްޓޭޓު މިނިސްޓަރު އަަކްރަމް ކަމާލުއްދީންގެ އެކައުންޓަށްވެސް ހިޔާނާތުގެ ފައިސާ ވަދެފައިވާކަމަށް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ. އެދެބޭފުޅުންގެ މައްސަލަ ބަލަން ނިންމައި، މައްސަލަ ނިމެންދެން ގޭގައި މަޑުކޮށްލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަންގަވައިފައެވެ.

https://sun.mv/115483

comment ކޮމެންޓް