ރޭ ދަންވަރު އއ. މަތިވެރީ އެސްޓީއޯ ފާމަސީގެ ތިޖޫރީ ވަގަށް ނަގައިގެން ދަނިކޮށް ރަށުތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް ފެނުމުން ތިޖޫރީ އެއްލާލައި ފިލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ދެ މީހަކު ވެގެން އެސްޓީއޯ ފާމަސީގެ ތިޖޫރީ ވަގަށް ނަގައިގެން ދަނިކޮށް ފެނިފައިވަނީ ރޭ ދަންވަރު 2:50 ގައި ކަމަށާއި އެމީހުނަށް މަޑުކުރުމަށް އެންގުމުން ތިޖޫރީ އެއްލާލާފައި ފިލީ ކަމަށެވެ.

އއ. މަތިވެރި އެސްޓީއޯ ފާމަސީގެ ދޮރުގެ ބިއްލޫރި ގަނޑު ތަޅާލައި ތިޖޫރީ ވަނީ ނަގާފައި --- ފޮޓޯ: ފުލުހުން
ދެ މީހުން ވެގެން އެސްޓީއޯ ފާމަސީ ފަޅާލާފައިވަނީ އެ ތަނުގެ ދޮރު ހަލާކުކޮށްލައި ބިއްލޫރި ގަނޑު ތަޅާލައިގެން ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ. އަދި މިހާރު ތިޖޫރީ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.