މިދިޔަ ޑިސެމްބަރު މަހު، ރެޑްވޭވް ޕްލާޒާއިން 175 ރުފިޔާއަށް ދޭ، ނެސްކެފޭ ކްލެސިކް ކޮފީ ފުޅިއެއް ވަގަށް ނެގި މީހެއްގެ މައްޗަށް ފަސް މަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
ނެސްކެފޭ ފުޅިއެއް ވަގަށް ނެގި މައްސަލައިގައި، ޖަލު ހުކުމެއް އިއްވާފައިވަނީ ށ. ކޮމަންޑޫ މީހެއްގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލަ ކްރިމިނަލް ކޯޓުން ނިންމި ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި، އެ މީހާ ވަނީ ރެޑްވޭވް ޕްލާޒާއިން ކޮފީ ފުޅިއެއް ވަގަށް ނަގައި، އޭނާގެ ޓީޝާޓު ތެރެއަށްލައި ފޮރުވައިގެން ފައިސާ ނުދައްކައި ފިހާރައިން ނުކުމެގެން ދާން މަސައްކަތްކޮށްފައެވެ.
މި މައްސަލައިގެ ޝަރިއަތުގައި އެ މީހާ ވަނީ ކުށަށް އިއުތިރާފުވެ، ލުއި އަދަބެއް ދިނުމަށް އެދިފައެވެ. އަދި އޭނާ ބޭނުންވަނީ ރަނގަޅު މީހެއްގެ ގޮތުގައި މުޖުތަމައަށް އަންނަން ކަމަށް ބުނެފައެވެ. އެކަމަކު، އޭނާގެ މައްޗަށް ކުރިން ކުށެއް ސާބިތުވެފައިވާތީ އަދަބު ބޮޑު ކުރަން ޖެހޭ ކަމަށް ޝަރީއަތުން ފާހަގަ ކުރިއެވެ.
މި މައްސަލައިގައި، ކްރިމިނަލް ކޯޓުގެ އިސްގާޒީ އާދަމް މުހައްމަދު ވަނީ އެ މީހާގެ މައްޗަށް ފަސް މަހާއި 14 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެކަމަކު އިސް ގާޒީ ވަނީ އެ އަދަބު، ޖޫރިމަނާއަކަށް ބަދަލުކޮށްދީފައެވެ. އެހެންކަމުން، 175 ރުފިޔާގެ ކޮފީ ފުޅީގެ ބަދަލުގައި އޭނާ، 32،800 ރުފިޔާ ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭނެއެވެ.
މި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ 28 ވަނަ ދުވަހުއެވެ. މައްސަލަ ކްރިމިނަލް ކޯޓުން ނިންމީ، މި ހިނގާ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ.