ރޯދަމަހު ވައްކަން އިތުރުވާތީ، ރައްކާތެރިވާން ފުލުހުން އިލްތިމާސްކޮށްފި

ދެ ފުލުހެއް މަގުމަތީގައި: ރޯދަމަހު އާންމުކޮށް ވައްކަންކުރުން އިތުރުވޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޯދަ މަހު ވައްކަންކުރުން އިތުރުވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފުލުހުން މިއަދު އިލްތިމާސްކޮށްފިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހި ޕޮލިސްގެ ނެއިބަހުޑް ސަޕޯޓު އޮފިސަރު، ސަބް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ޝަރީފް ވިދާޅުވީ، ކޮންމެ އަހަރެއްގެ ރޯދަ މަހު އެކި ބާވަތުގެ ކުށްތައް އިތުރުވާ ކަމަށް ހިސާބުތަކުން ދައްކާ ކަމަށެވެ. އޭގެ ތެރޭގައި ވައްކަންތައް ގިނައިރު، އެ ފަދަ ކަންކަން މަދު ކުރުމުގައި އާންމުންގެ އެހީތެރިކަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ގޮތުން، ރޯދަ މަހުގައި އާންމުކޮށް ވައްކަންތައް ހިނގާ ގޮތްތައް އޭނާ ވަނީ ކިޔައިދެއްވާފައެވެ.

އެއް ކަމަކަށް މުހައްމަދު ޝަރީފް ފާހަގަކުރެެއްވީ، ނަމާދު ވަގުތުތަކުގައި ގެއިން ނުކުމެގެން ދާއިރު ދޮރު ތަޅުނުލެވި ހުރުމުން ފޯނާއި ޓެބްލެޓު ފަދަ އިލެކްޓްރޯނިކް ސާމާނު ވަގަށް ނަގާ ކަމެވެ. އަދި، ކަސްރަތަށް ދާއިރު، ސައިކަލުގެ މަޑިދަށަށްލާ ފޯނާއި ވެލޮޓު ފަދަ ތަކެތި ވަގަށް ނަގާފައި ހުރުމުން، އެ ކަން ނުކުރުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

އެ ފަދަ ވައްކަންތަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމުގެ ބޭނުމަކީ، އަގުބޮޑެތި މުދާތައް ރައްކާތެރި ގޮތުގައި ދެމެހެއްޓުމަށް އެހީތެރިވުންކަން އޭނާ ފާހަގަކުރެއްވިއެވެ.

"ރައްކާތެރި ކަމަށް އަޅުއްވާ ކޮންމެ ފިޔަވަޅަކީ ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް ލިބޭ ފުރުސަތެއް. މި ފުރުސަތު ނަންގަވާ ނުލައްވާ،" އޭނާ ވިދާޅުވިއެވެ.

ރޯދަ މަހާ ދިމާކޮށް ވައްކަންތައް އިތުރުވާތީ ސަމާލުވާން އިލްތިމާސްކުރިއިރު، ދޭތެރެއަކުން އެފަދަ މައްސަލަތައް ފެންމަތިވެއެވެ. މިހާތަނަށް ފުލުހުންނަށް ރިޕޯޓުކުރި އަދަދުތަކަށް ބަލާއިރު، 429 އެފަދަ މައްސަލަ ހިމެނެއެވެ.

comment ކޮމެންޓް