ފަސް ދާއިރާ ދޫކޮށްލުމަށް ފަހު އަދާލަތުގެ ޓިކެޓް އަށް ފަރާތަކަށް ދީފި

އަދާލަތު ޕާޓީގެ ފަރާތުން ކުރިއަށް އޮތް މަޖިލިސް އިންތިހާބްގައި ވާދަކުރުމަށް ޓިކެޓް ދިން އަށް ބޭފުޅުން އެ ޕާޓީގެ ރައީސް އަދި ނައިބް ރައީސްއާ އެކު --- ސަން ފޮޓޯ: ފަޔާޒު މޫސާ

ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ކުރިން 13 ދާއިރާއަށް ވާދަކުރުމަށް ނިންމި އަދާލަތު ޕާޓީން ފަސް ދާއިރާ އަށް ކުރިމަތު ނުލަން ނިންމުމަށް ފަހު، އަށް ފަރާތަކަށް ޓިކެޓް ދީފި އެވެ.

އަދާލަތު ޕާޓީން ކުރިމަތި ނުލާން ނިންމި ފަސް ދާއިރާ އަކީ ގަމު ދާއިރާ އާއި ފުވައްމުލަކު ދެކުނު ދާއިރާ އާއި ފޭދޫ ދާއިރާ އާއި މާފަންނު ދެކުނު ދާއިރާގެ އިތުރުން ކުޅުދުއްފުށީ އުތުރު ދާއިރާ އެވެ.

އަދާލަތު ޕާޓީން ކުރިމަތިލާ އަށް ދާއިރާ:

  1. ކެލާ ދާއިރާ – ތޫބާ ރަޝީދު
  2. މަކުނުދޫ ދާއިރާ – އަނާރާ ނައީމް
  3. ވައިކަރަދޫ ދާއިރާ – ހުސެއިން ޝަގީބް
  4. އިނގުރައިދޫ ދާއިރާ – އަހްމަދު ހުސެއިން
  5. ކާށިދޫ ދާއިރާ – އަހްމަދު އަދީލް
  6. މަހިބަދޫ ދާއިރާ - އަލީ އާޒިމް
  7. މުލަކު ދާއިރާ– އައިޝަތު ރިޔާޝާ
  8. ނިލަންދޫ ދާއިރާ – މުސްއަބް މުހައްމަދު

މިހާރުގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އަދާލަތު ޕާޓީގެ ހަމައެކަނި މެންބަރު އަނާރާ އަށް ޓިކެޓް ދެއްވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

އަށް ބޭފުޅުންނަށް ޓިކެޓް ދެއްވީ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އެވެ. ޓިކެޓް ދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، ވޭތުވެ ދިޔަ ފަސް އަހަރު އެ ޕާޓިން މަސައްކަތް ކޮށްފައި ވަނީ އަނިޔާވެރިވެރިކަމަކުން ރައްޔިތުން ސަލާމަތްކޮށް ރާއްޖޭގައި އަދުލުވެރި ވެރިކަމެއް ގާއިމު ކުރުމަށް ކަމަށެވެ. އަދި އެ ޕާޓީގެ ބޮޑު ގުރުބާނީއަކާ އެކު އެކަން ހާސިލް ކޮށްފައިވާ ކަން އިމްރާން ފާހަގަ ކުރެއްވި އެވެ.

"މިވެރިކަން ދެމެހެއްޓުމަށް ވާން ޖެހުނު ގުރުބާނީއެއް އަދާލަތު ޕާޓީން މި ދަނީ ވަމުން. ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑުމެން ކުރިމަތިމިލަނީ ވެސް މި ދެންނެވި މަތިވެރި މަގުސަދު ގައި،" އިމްރާން ވިދާޅުވި އެވެ.

comment ކޮމެންޓް