އުމަރުގެ ގައުމީ ހަރަކާތް: އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ ނަމަ ނޭވާ ނުލެވޭ ވަރު ކުރާނަން!

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު: އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ގޮވާލާ ގައުމީ ހަރަކާތެއް އޭނާ ވަނީ އިއުލާން ކުރައްވާފައި --- ސަން/ ފޮޓޯ/ ޔޫސުފް ސޮފްވާން

އިންޑިއާ ސިފައިން ރާއްޖެ އިން ފޭބުމަށް ގޮވާލާ ގައުމީ ހަރަކާތަކަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ގޮވާލައިފި އެވެ. އޭނާ ވިދާޅުވަނީ، އިންޑިއާ ސިފައިން ރާއްޖޭގައި ތިބެއްޖެ ނަމަ ނޭވާ ނުލެވޭ ވަރު ކުރާނެ ކަމަށެވެ.

އިންޑިއާ އިން ރާއްޖެ އަށް ހަދިޔާ ކޮށްފައިވާ ދެ ހެލިކަޕްޓަރު އޮޕަރޭޓް ކުރަން ކަމަށް ބުނެ އެ ގައުމުގެ އަސްކަރީ ސިފައިން ރާއްޖޭގައި ތިބޭތީ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

"އިންޑިއާ ސިފައިން ފައިބާ" ނަމުގައި އުމަރު އިއުލާން ކުރެއްވި ހަރަކާތާ ގުޅޭގޮތުން މިއަދު "ސަން" އާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، މި ހަރަކާތަކީ އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމަށް ގޮވާލާ ގައުމީ ހަރަކާތެއް ކަމަށާއި މިހާރު ހިނގަމުން ދަނީ އެ ހަރަކާތުގެ އިންތިޒާމްތައް ކަމަށެވެ.

"މިއީ ގައުމީ ހަރަކާތެއް. މިއީ ނޭޝަނަލް މޫވްމަންޓެއް. ރާއްޖެ އަޅުވެތިވުމުގެ ކުރިން، މި ކަމުގެ ހޭލުންތެރިކަން ރައްޔިތުންގެ މެދުގައި އިތުރުކޮށް، ރައްޔިތުންނަށް މިކަން ބުނެދީ އަދި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރު ޕްރެޝަރު ކޮށްގެން އިންޑިއާ ސިފައިން ރާއްޖެ އިން ފޮނުވާލުން،" އުމަރު އިއުލާން ކުރެއްވި ހަރަކާތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވި އެވެ.

"ހަރަކާތް އިރާދަ ކުރެއްވިޔާ ފަށައި، ހަރަކާތް ބޮޑުކޮށް ފުޅާ [ކުރާނަން]. އިންޑިއާ ސިފައިން ރާއްޖޭގައި ތިބެއްޖެ ނަމަ ނޭވާ ނުލެވޭވަރު ކުރާނަން،" ވަރަށް ޖޯޝާއެކު އުމަރު ވިދާޅުވި އެވެ.

އުމަރު ނަސީރު މީހެ ކުރިން "ސަން" އަށް ދެއްވި އިންޓަވިއުއެއްގެ ތެރެއިން: އެނާ ވިދާޅުވަނީ އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބޭ ނަމަ ނޭވާ ނުލެވޭ ވަރު ކުރާނެ ކަމަށް -- ސަން ފައިލް ފޮޓޯ

މި ހަރަކާތުގެ ތެރެއިން ވަރަށް ގިނަ ކަންތައްތައް ހިނގާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން "މަގުމަތީ ޕޯސްޓަރު ޖެހުމާއި ރައްޔިތުންގެ މަޖިލީހަށް ގަރާރު ހުށަހެޅުމާއި ކޯޓުތަކަށް މައްސަލަ ވެއްދުމާއި މުޒާހާރާ، ސައިކަލު ލޯރީ ބުރު" ފަދަ ހަރަކާތްތައް މި ގައުމީ ހަރަކާތުގެ ތެރެއިން ފެނިގެންދާނެ ކަމަށް އުމަރު ވިދާޅުވި އެވެ.

އުމަރު އިސްވެ ހުންނަވާ، ރާވަމުން ގެންދަވާ ގައުމީ ހަރާކަތުގައި ބައިވެރިވުމަށް އޭނާ ވަނީ ރޭ އާންމުނަށް ވެސް ހުޅުވާލައިފަ އެވެ. އަދި މިކަމާ ކަންބޮޑުވާ ފަރާތްތަކާ އޭނާ ރޭ ބައްދަލު ކުރެއްވި ކަމަށް އުމަރު ވިދާޅުވި އެވެ.

"އަޅުގަނޑު އެދެނީ ހުރިހާ ރައްޔިތުން [ހަރަކާތުގައި] ބައިވެރިވާން." އުމަރު ވިދާޅުވީ، މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި މި ހަރަކަތަކީ ޕާޓީތަކާ ބެހޭ ހަރަކާތެއް ވެސް ނުން ކަމަށެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލާ ގައުމީ ހަރަކާތެއް އުމަރު އިއުލާން ކުރައްވާފައިވާ އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ޑިސެމްބަރު މަހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅަށް ފަހު ވިދާޅުވީ، ހެލިކޮޕްޓަރުގެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ސިޔާދަތަށް ގެއްލުން ނުވާނެ ކަމަށާއި އެ ހެލިކޮޕްޓަރުތައް ރާއްޖޭގައި ބޭނުން ކުރާނީ ދިވެހި ސިފައިންގެ ފުރިހަމަ ބާރާއެކުގައި ކަމަށެވެ. އަދި ދިވެހި ސިފައިން ވެސް ވިދާޅުވެފައި ވަނީ ދެ ހެލިކަޕްޓަރު އޮޕަރޭޓް ކުރަމުން ދަނީ ރާއްޖޭގެ ސިފައިންގެ ފުރިހަމަ ބާރުގައި ކަމަށެވެ.

އިންޑިއާގެ ދެ ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމަށް އިންޑިއާގެ 64 ސިފައިން ހަރަކާތްތެރިވެ އެވެ.

comment ކޮމެންޓް