ސާޖިއޯ އަގުއޭރޯގެ ތާރީހީ ހެޓްރިކާއި އެކު މެންޗެސްޓާ ސިޓީއިން ޗެލްސީ ލަދުގަންނަވާލައި ލީގުގެ އެއްވަނައަށް ޖެހިލައިފި އެވެ.
ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއާއި ޗެލްސީ ބައްދަލު ކުރި މެޗު 0-6 ގެ ބޮޑު ނަތީޖާ އަކުން ކާމިޔާބު ކުރުމަށް ފަހު ސިޓީ އިން ވަނީ ވަގުތީ ގޮތުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި އެވެ.
މި ބައްޔަކީ ޗެލްސީގެ ތާރީހުގައި ވެސް ޕްރިމިއާ ލީގުގައި އެ ޓީމުގެ އެންމެ ބޮޑު ލީޑަކުން ބަލިވި ފަހަރެވެ.
ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅެވުނު ރޭގެ މެޗުގެ ފުރަތަމަ ހަތަރަ މިނަޓު ތެރޭގައި ސިޓީގެ އިނގިރޭސި ފޯވާޑް ރަހީމް ސްޓާލިންގް ގޯލެއް ޖަހައި ލީޑު ނަގައިދިނެވެ. މި ގޯލާ އެކު ޗެލްސީއަށް މެޗުގެ ތެރެއަށް ނުވަދެވި އުޅެނިކޮށް ސާޖިއޯ އަގުއޭރޯ މެޗުގެ 19 ވަނަ މިނަޓުގައި ލިބުނު ބޯޅައެއް އޭރިއާ ބޭރުން ޗެލްސީގެ ގޯލު ކަނަށް އަމާޒުކޮށް ލީޑު ފުޅާ ކުރި އެވެ.
މެޗުގެ ކުރީ ކޮޅު ވަން ދެ ގޯލާ އެކު ޗެލްސީ ޕްރެޝަރަށް ދާން ފެށި އެވެ. ސިޓީ އިން އެއްވެސް ދުލެއް ނުދީ އެމީހުންގެ އެޓޭކު އިތުރަށް ވަރުގަދަކޮށް ހަމަލާތައް އުފައްދަމުން ދިޔަ އިރު ޗެލްސީގެ ޑިފެންސް އޮތީ އޮބި ނޯވެފަ އެވެ. މިގޮތުގައި މާ ގިނަ އިރު ނުވެ އަގުއޭރޯގެ ދެވަނަ ލަނޑު މެޗުގެ 25 ވަނަ މިނަޓުގައި ޖެހި އެވެ.
ސިޓީގެ ތިން ވަނަ ގޯލާ އެކު ޗެލްސީގެ ޑިފެންސް ވިއްސި ވިހާލިވެ ސިޓީ އަށް އިތުރު ގޯލު ޖެހުމަށް މަގުފަހިވެގެން ދިޔަ އެވެ. އެގޮތުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީ އިން ވަނީ ގޯލެއް ޖަހާ ހަތަރު ގޯލުގެ ލީޑެއް ނަގައިފަ އެވެ.
ޗެލްސީގެ ދަނޑުގައި 0-2ގެ ނަތީޖާއަކުން ސިޓީ ބަލި ކުރި ނަމަވެސް ސިޓީގެ ދަނޑުގައި ޗެލްސީ އަށް މިލިބުނު ހައިރާންވާފަދަ ބައްޔަކީ އެކުލަބުގެ ކުޅުންތެރިންނާއި ސަޕޯޓަރުން ދުވަހުކު ވެސް ހަނދާން ނުނެތޭނެ ފަދަ ލަދުވެތި ބައްޔެކެވެ.
މެޗުގެ ދެވަނަ ހާފު ފެށުމާ އެކު ސިޓީއަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް އަގުއޭރޯ ވަނީ ޕްރިމިއާ ލީގުގެ ރެކޯޑަކާ އަރާ ހަމަކޮށްފަ އެވެ. އެ ލީގުގެ އެންމެ ގިނަ ހެޓްރިކް ހެދި ކުޅުންތެރިޔާގެ ޝަރަފުގެ އިތުރުން ސިޓީގެ އޯލް ޓައިމް ޓޮޕް ސްކޯރާގެ ޝަރަފު ވެސް އޭނާ އަށް ވަނީ ލިބިފަ އެވެ.
މެޗު ނިމުމުގެ ކުރިން ސިޓީ އިން ވަނީ އިތުރު ގޯލެއް ޖަހާ ޗެލްސީ ރަނގަޅަށް ވެސް ލަދު ގަންނަވާލައިފަ އެވެ. ރޭގެ މެޗުގައި ޗެލްސީއަށް އުފެއްދުނީ މަދު ހަމަލާތަކެކެވެ. އެ ހަމަލާތައް ފަސޭހަކަމާ އެކު ސިޓީގެ ކީޕަރު އެޑަސަން ވަނީ ދިފާއު ކޮށްފަ އެވެ.
މީގެ އިތުރުން ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާއާއި ލެއިސްޓާ ސިޓީ ބައްދަލު ކުރި މެޗު 1-3ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ޓޮޓެންހަމް އެވެ.
ޑޭވިންސަން ސަންޗޭޒްއާއި ކްރިސްޓިއަން އެރިކްސަން ގެ އިތުރުން ސަން ހެންގް މިން، ޓޮޓެންހަމް އަށް ގޯލު ޖަހައިދިން އިރު ލެއިސްޓާގެ ހަމައެކަނި ގޯލު އެ ޓީމަށް ޖަހައިދިނީ ޖޭމީ ވާޑީ އެވެ.