ފެލިވަރުގައި ކާނާ ވިހަވެގެން އުޅޭ ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް: މެނޭޖަރު

ޅ. ފެލިވަރު މަސް ފެކްޓްރީގައި މުވައްޒަފުން މަސައްކަތް ކުރަނީ

ޅ. ފެލިވަރު މަސް ފެކްޓްރީގެ ބައެއް މުވައްޒަފުން ކާނާ ވިހަވެގެން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށް އެ ފެކްޓްރީން ބުނެފިއެވެ.

ފެލިވަރު މަސް ފެކްޓްރީގެ މެނޭޖަރު މުހައްމަދު އިބްރާހިމް "ސަން" އަށް މިއަދު ވިދާޅުވީ އެތަނުގެ ބިދޭސީ ތިން މުވައްޒަފަކު ބޭރަށް ހިނގައިގެން އުޅޭ ކަމަށާއި އެމީހުން ކާނާ ވިހަވެގެން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކީ ދޮގެއް ކަމަށެވެ.

ހެލްތު މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނީ ފެލިވަރުގައި ކާނާ ވިހަވަގެން އުޅޭ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި އެ މިނިސްޓްރީގެ ކަމާބެހޭ ޑިޕާޓްމެންޓްތަކުން އެކަން ބަލަމުން އަންނަ ކަމަށެވެ.

ފެލިވަރުގެ މެނޭޖަރު މުހައްމަދު އިބްރާހިމް ވިދާޅުވީ އެތަނަކީ 800 ވަރަކަށް މުވައްޒަފުން މަސައްކަތްކުރާ ތަނެއް ކަމަށާއި ރާއްޖޭގައި އުޅޭ އެކިއެކި ރޯގާތައް އެތަނުގެ މުވައްޒަފުންނަށް ވެސް ޖެހިފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް ސީރިއަސް ބައްޔެއް އެއްވެސް މުވައްޒަފަކަށް ޖެހިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުވެސް މިހުރީ ރޯގާ ޖެހިފައި. މިހާ ގިނަ މުވައްޒަފުން އުޅޭ ތަނެއްގައި ހުންނާނެ ދެއްތޯ ރޯގާ ފަދަ ކަންކަން. އިއްޔެ 50 މީހުން މިތަނުގެ ކްލިނިކަށް ޑޮކްޓަރަށް ދައްކަން ދިޔަ. އެއީ އެއްވެސް ސީރިއަސް ބަލިމަޑުކަމެއް ފެތުރިގެނެއް ނޫން. އެންމެ ކުޑަމިނުން ޕެނަޑޯލް ގުޅައެއްވެސް މިތަނުން ދޫކުރާނީ ޑޮކްޓަރަށް ދެއްކީމަ،" މުހައްމަދު އިބްރާހިމް ވިދާޅުވިއެވެ.

comment ކޮމެންޓް