ދެ މިލިއަން ދައްކަން މައުމޫންގެ ބޭފުޅުންގެ މައްޗަށް ކުރި ހުކުމުގެ އިސްތިއުނާފުގެ މައްސަލަ ބޭރުކޮށްލައިފި

ރައީސް މައުމޫންގެ ހަތަރު ބޭފުޅުން -- ސަން ފައިލް ފޮޓޯ

ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ރަޝީދު ކޮންސްޓްރަކްޝަން އެންޑް ކާޕެންޓްރީ (އާރުސީސީ) އަށް ދައްކަން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހަތަރު ބޭފުޅުންގެ މައްޗަށް ދަށު ކޯޓުން ކުރި ހުކުމް، އެ ބޭފުޅުން އިސްތިއުނާފް ކުރަން ހައި ކޯޓަށް ހުށަހެޅި މައްސަލައަށް ހާޒިރުނުވުމުން އެ މައްސަލަ ހައި ކޯޓުން ބޭރުކޮށްލައިފި އެވެ.

މައުމޫންގެ ހަތަރު ބޭފުޅުން ކަމުގައިވާ ދުންޔާ، ޔުމްނާ، ފާރިސް، އަދި ޣައްްސާންގެ މައްޗަށް 2.1 މިލިއަން ރުފިޔާ ދައްކަން 2017 ވަނަ އަހަރު ސިވިލް ކޯޓުން ކުރި ހުކުމް ކުރީ، އެ ހަތަރު ބޭފުޅުންގެ ނަމުގައި މާލޭގައި އޮތް ގޯއްޗެއްގައި އާރުސީސީ މެދުވެރިކޮށް ހެދި އިމާރާތަކަށް ދައްކަން ޖެހޭ ފައިސާ ނުދެއްކުމުންނެވެ.

އެ ހަތަރު ބޭފުޅުންގެ ފަރާތުން މައްސަލަ އިސްތިއުނާފަށް ހައި ކޯޓަށް ހުށަހެޅުއްވީ ޣައްސާން މައުމޫނެވެ. ނަމަވެސް މައްސަލަ މިދިޔަ ހަފުތާގައި ބޭރުކޮށްލީ އެ ބޭފުޅުންގެ ވަކީލުން ކޯޓަށް ހާޒިރުނުވުމުންނެވެ.

ހައި ކޯޓުގެ ގަވާއިދު ބުނާ ގޮތުން މައްސަލަ ހުށަހަޅާ ފަރާތުން ޝަރީއަތަށް ހާޒިރުނުވެގެން ބޭރުކޮށްލާ މައްސަލަތައް، އެ ފަރާތަކުން ބޭނުން ނަމަ، މައްސަލަ ބޭރުކޮށްލާތާ 15 ދުވަހުގެ ތެރޭގައި އަލުން ހުށަހެޅިދާނެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި މައުމޫންގެ ބޭފުޅުން އެ ފައިސާ ވަރަށް އަވަހަށް ދައްކައި ހަލާސް ކުރާނެ އެވެ. އަދި އެ ބޭފުޅުންގެ ގާތް ބޭފުޅަކު ވިދާޅުވީ އެ ބޭފުޅުން ދަށު ކޯޓުގެ ހުކުމަށް އިހުތިރާމް ކުރާ ކަމަށާއި ނަމަވެސް އެ ބޭފުޅުންނަށް އިންސާފު ލިބުނު ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އެހެން ކަމާ އެކު ފައިސާ ދެއްކިއަސް އެ ބޭފުޅުން މައްސަލަ އަލުން އިސްތިއުނާފު ކުރައްވާނެ ކަމަށެވެ. ފައިސާ ދައްކަވަނީ އެ ބޭފުޅުންނަށާއި އަދި މުޅި އާއިލާ އަށް ވެސް މިވަގުތު އެންމެ މައްސަލަހަތު ހުރި ގޮތަކީ ފައިސާ ދެއްކުން ކަމަށް ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި އޭނާ ވިދާޅުވީ މުޅި މައްސަލަ ހިނގައި ދިޔަ ގޮތަށް ބަލާއިރު ސުވާލު އުފެދޭ ވަރަށް ގިނަ މައްސަލަތައް ދިމާވި ކަމަށެވެ. ނަމަވެސް ރައީސް މައުމޫންގެ ބޭފުޅުންނަކީ ޑިސިޕްލިން ބޭބޭފުޅުންނަށް ވާތީ އެ ބޭފުޅުން މަސައްކަތް ކުރައްވާނީ އެ އޮންނަ އިޖުރާތުގެ ތެރެއިން ކަމަށެވެ.

އާރުސީސީގެ އޮފިޝަލު ސަން އަށް ވިދާޅުވީ މައްސަލަ ހުށަހެޅި ފަރާތުން ކޯޓަށް ހާޒިރު ނުވުމުން އެ މައްސަލަ އެ އޮތީ އެބޭފުޅުންގެ ކޮޅަށް ނިމިފައި ކަމަށެވެ.

comment ކޮމެންޓް