ހޮޓެލް ގަންނަން 10 ފަރާތަކުން ޝައުގުވެރިކަން ފާޅުކުރި: އެސްޓީއޯ

ހުޅުމާލޭގައި އެސްޓީއޯއިން ހަދަމުން އަންނަ ހޮޓަލުގެ އިމާރާތް --- ސަން ފައިލް ފޮޓޯ

އެސްޓީއޯ އިން ހުޅުމާލޭގައި ތަރައްގީކުރަމުން ދިޔަ ހޮޓެލް ގަންނާނެ ނުވަތަ އެތަނަށް އިންވެސްޓްކުރާނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނާ ގުޅިގެން 10 ފަރާތަކުން ޝައުގުވެރިކަން ފާޅުކުރިކަމަށް އެކުންފުނިން ހާމަކޮށްފި އެވެ.

އެސްޓީއޯ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ވިދާޅުވީ 10 ކުންފުންޏަކުން އެކަމަށް ޝައުގުވެރިކަން ފާޅުކުރި ނަމަވެސް، ރިކުއެސްޓް ފޯ ޕްރޮޕޯޒަލް (އާރުއެފްޕީ)ގެ ޕްރޮސެސްގެ ތެރޭގައި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމައަށް ހުށަހެޅީ ފަސް ކުންފުންޏަކުން ކަމަށެވެ.

އަމްރު ވިދާޅުވީ އެ ފަރާތްތަކާ އެކު މިހާރު ދަނީ ވާހަކަ ދައްކަމުން ކަމަށެވެ.

"އަޅުގަނޑުމެން އިއުލާނުކުރި އިރު ހުރިހާ މައުލޫމާތެއް ހާމައެއް ނުކުރަން. ޑޮކިއުމެންޓްސް ހުށަހެޅީމާ ވަގުތީ ގޮތުން އެގްރިމެންޓެއް މި ހަދަނީ އެ ފަރާތްތަކާ. އެއީ އެ މައުލޫމާތަކީ ހަމައެކަނި އިންޓްރެސްޓެޑް ޕާޓީސްއަށް ދާ އެއްޗަކަށް ވާތީ އެހެން ފަރާތްތަކާ ޝެއާ ނުކުރާނެކަމުގެ އެގްރިމެންޓެއްގައި ސޮއިކުރަނީ. ސޮއި ކުރީމާ އެ މައުލޫމާތު ހިއްސާކުރަނީ،" އަމްރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު އެސްޓީއޯއިން ދަނީ އެ ފަސް ކުންފުންޏާ އެ މައުލޫމާތުތައް ހިއްސާކުރަމުން ކަމަށެވެ.

އެސްޓީއޯގެ ޗީފް ފައިނޭންޝަލް އޮފިސަރު މުހައްމަދު މިހާދު ވިދާޅުވީ ހޮޓަލަށް އިންވެސްޓްކުރުމުގެ މަސައްކަތުގައި މިހާރު ވާހަކަދައްކަމުންދާ ފަސް ކުންފުނީގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ އެންމެ ކުންފުންޏެއް ކަމަށެވެ.

އަދި ބިޑު ހުށަހެޅުމުގެ ފުރުސަތު އޮންނާނީ އެ ފަސް ކުންފުންޏަށް ކަމަށާއި، މާޗު މަހުގެ ތެރޭގައި އެކަން ކުރިއަށްދާނެކަމަށް މިހާދު ވިދާޅުވި އެވެ.

"މާޗު މަހުގެ ކުރީކޮޅު ބިޑު ހުށަހަޅަން ހުޅުވާލަނީ. ނަމަވެސް ބިޑު ހުށަހަޅާނަން ހުޅުވާލަނީ އާރުއެފްޕީގެ ތެރެއިން މައުލޫމާތު ޝެއާކޮށް، އެ މައުލޫމާތުގެ މައްޗަށް ބިނާކޮށް ބިޑު ހުށަހެޅޭނެ ފަރާތްތަކަށް އެކަނި. [އެހެންވީމަ] ފަސް ފަރާތަށް ބިޑު ހުށަހެޅޭނެ،" މިހާދު ވިދާޅުވި އެވެ.

ޖުމްލަ 250 ކޮޓަރިއާ އެކު ފަސް ތަރީގެ ފެންވަރަށް ހޮޓަލެއް އެޅުމުގެ މަސައްކަތް އެސްޓީއޯ އިން ފެށީ 2011 ވަނަ އަހަރު އެވެ. އެ ހޮޓެލް އިމާރާތުގެ އޮނިގަނޑުގެ ބޮޑުބައި ނިމިފައި އޮތް ނަމަވެސް އިތުރު މަސައްކަތެއް ނުކޮށް ހޮޓަލުގެ މަސައްކަތް މަޑުޖެހިފައި އޮންނަތާ ގިނަ އަހަރުތަކެއް ވެއްޖެ އެވެ.

އަށް ބުރީގެ މި ހޮޓެލުގައި ހުންނާނީ 195 ސްޓޭންޑަޑް ކިންގް ގެސްޓްރޫމާއި، 24 ސްޓޭންޑަޑް ޓްވިން ރޫމާއި 27 ޑިލަކްސް ރޫމުގެ އިތުރުން ފަސް ސްޓީޑުއޯ ރޫމެވެ. އަދި އޭގެ އިތުރުން އޯލް ޑޭ ޑައިނިންގް ރެސްޓޯރަންޓަކާއި މަދުވެގެން އެއް ސްޕެޝަލްޓީ ރެސްޓޯރަންޓާއި ހަފްލާތައް ބާއްވާ މާލަމަކާއި ޝޮޕިންގް ސަރަހައްދެއް ހިމެނޭނެކަމަށް އެސްޓީއޯއިން ބުންޏެވެ.

މީގެ އިތުރުން 40 މީޓަރުގެ ޕޫލަކާއި، މޫދުކުޅިވަރު ކުޅެވޭނެ އިންތިޒާމަކާއި ޕާކިންގް އޭރިއާއާއި ސްޕާއެއް އަދި ޖިމްއެއް ހުންނާނެ ކަމަށް ބުންޏެވެ.

comment ކޮމެންޓް