މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުމަށް ސޮލަރެލް އިންޝުއަރެންސުން ފެށި "ސޮލަރެލް ސޭފްޓީ ރޯޑް ޝޯ 2019" ކާމިޔާބު ކަމާއެކު 500 ހެލްމެޓު ދޫ ކުރުމަށްފަހު ނިންމާލައިފިއެވެ.
ހުޅުމާލެއާއި އައްޑޫ ސިޓީގައި ދިރާގުއާއި ސަން މީޑިއާގެ އިތުރުން ސޮލަރެލް ގުޅިގެން ބޭއްވި މި ރޯޑް ޝޯ އަކީ ސޮލަރެލް އިންޝުއަރަންސްގެ މޯބައިލް އެޕްލިކޭޝަން ބޭނުންކޮށްގެން، "ދިރާގުޕޭ" މެދުވެރިކޮށް ސޮލަރެލް މޮޓޯ އިންޝުއަރަންސް ޕޮލިސީ ނަންގަވާ ފުރަތަމަ 500 ފަރާތަކަށް ހިލޭ ހެލްމެޓު ލިބުނު ހަރަކާތެކެވެ.
ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި ހަރަކާތް ވެގެން ގޮސްފައިވަނީ އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު ހަރަކާތަކަށެވެ. އެގޮތުން މި ޕްރޮމޯޝަނުގައި ބައިވެރިވުމައްޓަކައި ހަރަކާތް ކުރިއަށް ދިޔަ ދެ ތަން ކަމުގައިވާ ހުޅުމާލޭ މެއިން ބަސްޓޮޕް ކުރިމަތީގައާއި އައްޑޫ ސުވަދީވް ކެފޭ ކުރިމަތީގައި ގިނަ ބަޔަކު ކިއުގައި އެއްވެގެން ތިއްބެވެ.
"ސަން" އަށް ދިން އިންޓަވިއުއެއްގައި ސޮލަރެލް އިންޝުއަރެންސް ގެ މެނޭޖިން ޑިރެކްޓަރު އަނޫރާ ޕެރޭރާ ވިދާޅުވީ މިއަދުގެ ހަރަކާތް ހަމަހަމަކޮށް ގެންދަން ބޭނުންވި ނަމަވެސް ހީކުރި ވަރެއް ވުރެން ބޮޑު ތަރުހީބެއް މިކަމަށް ލިބި ގެނެސްފައިވާ 500 ހެލްމެޓު ހުސްވެފައިވާ ކަމަށެވެ.
"ލިބުނު ތަރުހީބުގެ ސަބަބުން ހެލްމެޓުތައް މިހާރު ވަނީ ހުސްވެފަ. އެކަމަކު މިތަނަށް އައިސްފައި ގިނަ ބަޔަކު ތިބުމުން އަހަރަމެން ބޭނުމެއް ނޫން އެމީހުން ވެސް ބާކީކޮށްލާފައި ފޮނުވާލާކަށް،" އަނޫރާ ޕަރޭރާ ވިދާޅުވިއެވެ.
ހެލްމެޓު ނުލިބި ފަރާތްތަކުގެ ނަންނޯޓު ކޮށް އިތުރު ހެލްމެޓު ތަކެއް ގެނެސް އެ މީހުނަށް ހެލްމެޓު ފޯރުކޮށްދޭނެ ކަމަށާއި މި ހަރަކާތުގެ މަގުސަދު ވަރަށް ފުރިހަމައަށް ހާސިލް ވެފައިވާ ކަމަށް އަނޫރާ ޕަރޭރާ ވިދާޅުވިއެވެ.
މިހަރަކާތް ކާމިޔާބު ކަމާ އެކު މިއަދު ނިންމާލި ނަމަވެސް ކުރިއަށް އޮތްތާ މިފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަކީ ސޮލަރެލްގެ އަމާޒު ކަމުގައާއި އަތޮޅު ތެރޭގައި ވެސް ވަރަށް ކައިރި މުސްތަގުބަލެއްގައި މިފަދަ ހަރަކާތްތައް ކުރިއަށް ދާނެ ކަމަށް ސޮލަރެލް އިން ބުނެއެވެ.