ދިރާގާއި މޯލްޑިވްސް ޕޮލިސް ސާވިސް އާއި ސޮލަރެލް އިންޝުއަރެންސް ގުޅިގެން "ސޮލަރެލް ސޭފްޓީ ރޯޑްޝޯ 2019" ގެ ނަމުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ ގޮތުން ހިލޭ ހެލްމެޓް ލިބޭ ޕުރޮމޯޝަނެއް ފަށައިފިއެވެ.
ހުޅުމާލޭގެ މެއިން ބަސްޓޮޕް ކުރިމަތީގައާއި އައްޑޫ ސިޓީ ހިތަދޫގެ ސުވަދީވް ކެފޭ ހުންނަ ސަރަހައްދުގައި މިއަދު ފެށި މިހަރަކާތް ކުރިއަށްދާނީ މާދަމާގެ ނިޔަލަށެވެ.

ސޮލަރެލް ސޭފްޓީ ރޯޑްޝޯގެ ހުޅުމާލޭގައި ކުރިއަށް ދިޔަ ހަރަކާތުގެ ތެރެއިން -- ފޮޓޯ / ސޮލަރެލް އިންޝުއަރެންސް
މިއަދު ސޮލަރެލް އިން ފެށި މި ޕްރޮމޯޝަނުގައި ހިލޭ 500 ހެލްމެޓް ބަހާ އިރު، ހެލްމެޓް ހޯދުމުގެ ފުރުސަތު ލިބޭނީ ސޮލަރެލް އިންޝުއަރަންސްގެ މޯބައިލް އެޕްލިކޭޝަން ބޭނުންކޮށްގެން، "ދިރާގުޕޭ" މެދުވެރިކޮށް ސޮލަރެލް މޮޓޯ އިންޝުއަރަންސް ޕޮލިސީ ނަންގަވާ ފުރަތަމަ 500 ފަރާތަށެވެ.
ސޮލެރަލް އިންޝުއަރެންސް އިން ޖެނެރަލް ހުރިހާ އިންޝުއަރެންސްގެ ޚިދުމަތްތައް ފޯރުކޮށްދެމުންދާއިރު މިއަދު މި ފެށި ހަރަކާތުގެ މައިގަނޑު މަގުސަދަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމުން ހޭލުންތެރިކުރުމާ އެކު، އަމަލީ ގޮތުން އެކަން ކުރުމަށް މަގުފަހި ކޮށްދިނުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަނޫރާ ޕެރޭރާ ވިދާޅުވިއެވެ.
ރާއްޖޭގެ އެންމެ ފުރަތަމަ ޕްރައިވެޓް އިންޝުއަރެންސް ކުންފުނި ސޮލެރަލް އިންޝުއަރެންސްގެ އެޕްލިކޭޝަން މިއަދުގެ މި ހަރަކާތް ފެށުމުގެ ކުރިން ވަނީ ލޯންޗު ކޮށްފައެވެ. އަދި މި އެޕްލިކޭޝަން ބޭނުން ކޮށްގެން މިއަދުން ފެށިގެން ސޮލަރެލް އިންސުއަރެންސްގެ ޕޮލިސީ ލިބިވަޑައިގަންނަވާނެ ކަމަށް އެ ކުންފުނީގެ ޗެއާމަން (ބަންދު) އިބްރާހިމް ސަލީމް ވިދާޅުވިއެވެ.

ސޮލަރެލް ސޭފްޓީ ރޯޑްޝޯގެ ހުޅުމާލޭގައި ކުރިއަށް ދިޔަ ހަރަކާތުގެ ތެރެއިން -- ފޮޓޯ / ސޮލަރެލް އިންޝުއަރެންސް
"ކުރިން ޕޮލިސީއެއް އާންމު ގޮތެއްގައި ލިބެން ހުންނާނީ 175 ރުފިޔާއަށް. އެކަމު މިއަދާއި މާދަމާ ސޮލަރެލް އިން ކުރިއަށް މިގެންދާ ޕުރޮމޯޝަން ގައި ޕޮލިސީއެއް ލިބޭނެ 150 ރުފިޔާއަށް. އަދި މި ދެ ދުވަހު ގަންނަ ކޮންމެ ޕޮލިސީއަކާ އެކު ލިބޭނެ ހިލޭ ރަނގަޅު ފެންވަރުގެ ހެލްމެޓެއްވެސް،" ބަންދު ވިދާޅުވިއެވެ.
މީގެ އިތުރުން ހެލްމެޓް ބެހުމުގެ ހަރަކާތެއް ފެށުމުގެ އެންމެ ބޮޑު ބޭނުމަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ގިނަ ބަޔަކު ހޭލުންތެރި ކުރުމުގެ އިތުރުން ހެލްމެޓް އަޅައިގެން ދުއްވުމުގެ މުހިއްމުކަން އަންގައިދީ މަގުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާ ތަކުން މީހާގެ ފުރާނައަށާއި ދިރިއުޅުމަށް ލިބޭނެ ގެއްލުމުން ސަލާމަތް ކުރުން ކަމަށް ބަންދު ވަނީ ވިދާޅުވެފައެވެ.
ސޮލަރެލް އިން މިއަދު މި ފެށި ހަރަކާތަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ވެސް ދަނީ ފުރިހަމަ އެއްބާރުލުން ދެމުންނެވެ. އެގޮތުން މި ޕޮރޮމޯޝަން ހިންގާ ސަރަހައްދުގައި ފުލުހުންގެ ހާއްސަ ސްޓޯލެއް ގާއިމުކޮށް ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން އެކި އެކި ހަރަކާތް ދަނީ ހިންގަމުންނެވެ.

ސޮލަރެލް ސޭފްޓީ ރޯޑްޝޯގެ ހުޅުމާލޭގައި ކުރިއަށް ދިޔަ ހަރަކާތުގެ ތެރެއިން -- ފޮޓޯ / ސޮލަރެލް އިންޝުއަރެންސް
މިދުވަސްކޮޅަކީ ރާއްޖޭގައި ނުރައްކާތެރި ގިނަ އެކްސިޑެންޓުތަކެއް ހިނގަމުންދާ ދުވަސްކޮޅެއް ކަމުން މިވަގުތަކީ މިފަދަ ކަމެއް އިސްނަގައިގެން ކުރަން އެންމެ ރަނގަޅު ވަގުތު ކަމަށް ސޮލަރެލް ކުންފުނީގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ޒަކީ ވަނީ ވިދާޅުވެފައެވެ.
"މިވަގުތު މާލޭގެ އިތުރުން އައްޑޫގައި މިހަރަކާތް މި ހިންގަނީ. އެކަމު ކުރިއަށް އޮތްތާ މިފަދަ ގިނަ ހަރަކާތް ތަކެއް ކުރިއަށް ގެންދިއުމުގެ ވިސްނުން އަޅުގަނޑުމެން އެބަ ގެންގުޅެން. ސޮލަރެލް އަކީ އިންސުއަރެންސް ކޮމްޕެނީ އަކަށް ވީ އިރު އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކީ ރާއްގޭގައި ހިނގާ އެކްސިޑެންޓު ތަކުގައި ލިބޭ ގެއްލުން ކުޑަ ކުރުން." ޒަކީގެ ވާހަކައިގައި ވިދާޅުވިއެވެ.
ސަން އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ، ސޮލަރެލް އާއި ޓްރެފިކް ޕޮލިސް ގުޅިގެން މިއަދު ފެށި މިހަރަކާތުން ގިނަ ބަޔަކަށް ފައިދާ ވާނެ ކަމަށާއި މީގެ ކުރިން އެހެން އިންސުއަރެންސް ކޮމްޕެނީ އަކާއި ގުޅިގެން ވެސް މިފަދަ ހަރަކާތެއް ބޭއްވިފައި ވާ ކަމަށެވެ. އަދި މިފަދަ މުހިއްމު ކަންކަމުގައި ކޮމްޕެނީތަކުގެ އިސްނެގުމުގެ މަތިން ހަރަކާތް ކުރިއަށް ގެންދިއުމަކީ އުފާ ކުރާ ކަމެއް ކަމަށް ނަވީން ވިދާޅުވިއެވެ.
"ހަމައެކަނި ކުންފުނި ތަކުންނާއި ފުލުހުން ބާއްވާ މިފަދަ ހަރަކާތްތަކުގެ އިތުރުން ރައްޔިތުންގެ އަމިއްލަ ސަލާމަތައްޓަކާއި ވިސްނައިގެންނޫނި މަގުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތަށް މަދެއް ނުކުރެވޭނެ. ތިމާ ކިތަންމެ ފަރިތަ ނަމަވެސް އަނެކާގެ ނުފަރިތަކަމަށް ވިސްނަން ޖެހޭނެ." ނަވީން ވިދާޅުވިއެވެ.
މިއަދު ފެށިގެން މިދިޔަ ހަރަކާތަށް ދަނީ ގިނަ ރައްޔިތުންގެ ތަރުހީބު ލިބެމުން ކަމަށާއި އައްޑޫ ސިޓީ އާއި ހުޅުމާލޭގައި މިއަދު ވެސް ގިނަ އަދަދެއްގެ ބަޔަކު ގޮސް ހެލްމެޓް ހޯދާފައިވާކަމަށް ސޮލަރެލް އިން ބުނެއެވެ.