"އަމާޒު ހިފަންވީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގައި މިސާލު ދައްކާ ބަޔަކަށްވާން"

މިއަދު ސޮލަރެލް އިން ފެށި "ސޮލަރެލް ސޭފްޓީ ރޯޑްޝޯ 2019" ގެ ތެރެއިން -- ސަން ފޮޓޯ / އަހުމަދު އައުޝަން

އަޅުގަނޑުމެން އަމާޒު ހިފަންވީ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގައި މިސާލުދައްކާ ބަޔަކަށްވުމަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލްޣަނީ ވިދާޅުވެއްޖެއެވެ.

ދިރާގުއާއި ސަން މީޑިއާ ގްރޫޕާއި ސޮލަރެލް އިންޝުއަރެންސް ގުޅިގެން ޓްރެފިކް ޕޮލިސްގެ އެހީތެރި ކަމާއެކު މިއަދު ހުޅުމާލޭގައި ފެށި ރޯޑު ރޭސް ފެށުމުގެ ގޮތުން ވާހަކަ ދައްކަމުން ޑެޕިއުޓީ މިނިސްޓަރު ހަމަދު ވިދާޅުވީ ވަގުތު ނެތި ތަންތަނަށް ދިއުމަށް ބާރު ސްޕީޑުގައި ދުއްވުމުން ނުރައްކާތެރި ހާދިސާތައް ހިނގުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ލަސްވެގެން ތަންތަނަށް ދާން ނުކުންނަ މީހުން ވަރަށް ގިނަ. އަދި މީގެ ނަތީޖާއެއްގެ ގޮތުން ދުއްވަން ޖެހޭ ދުވެއްޔަށް ވުރެ ބާރަށް، ދުއްވާފައި ދަނިކޮށް އެތަކެއް ހާދިސާތައް ހިނގައި، އެތައް ބައެއްގެ ފުރާނައަށް ގެއްލުންވެއްޖެ،" ހަމަދު ވިދާޅުވިއެވެ.

ފެބްރުއަރީ 1، 2019: 'މީތި ސަޅި' ނަމުގައި މަގުމަތީގެ ރައްކާތެރި ކަމަށް މީހުން ހޭލުންތެރި ކުރުވުމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން އިސް ނަގައިގެން ބޭއްވި އިވެންޓުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަގުމަތީގައި ހިނގާ ހިތާމަވެރި ހާދިސާތަކުގެ ސަބަބުން ތިމާގެ ދިރިއުޅުމާއި އާއިލާގެ ފޮނި އުންމީދުތައް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ވެއްޔާއި މޮޑެވިގެން ގޮސްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކޮންމެ މީހަކީ، ގާނޫނާއި ގަވާއިދަށް ހުރުމަތްތެރިކޮށް ހިތާ ބަޔަކަށް ވަންޏާ، މަގުމަތީގެ ހާދިސާތައް މިހާރުން މިހާރަށްވެސް ވަރަށް ބޮޑު ތަނުން މަދު ކުރެވިދާނެ،" ހަމަދު ވިދާޅުވިއެވެ.

ސޮލަރެލްއިން މިއަދު މި ފެށި ހަރަކާތުގެ ސަބަބުން ގިނަ ބަޔަކަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އެނގި ހޭލުންތެރިވާނެ ކަމަށާއި މިފަދަ ހަރަކާތްތައް ކުންފުނިތަކުން ބޭއްވުމަކީ އުފާ ކުރައްވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު ސޮލަރެލް އިން ފެށި "ސޮލަރެލް ސޭފްޓީ ރޯޑްޝޯ 2019" ގެ ތެރެއިން -- ސަން ފޮޓޯ / އަހުމަދު އައުޝަން

މިއަދު ސޮލަރެލް އިން ފެށި މި ޕްރޮމޯޝަނުގައި ހިލޭ 500 ހެލްމެޓް ބަހާ އިރު، ހެލްމެޓް ހޯދުމުގެ ފުރުސަތު ލިބޭނީ ސޮލަރެލް އިންޝުއަރަންސްގެ މޯބައިލް އެޕްލިކޭޝަން ބޭނުންކޮށްގެން، "ދިރާގުޕޭ" މެދުވެރިކޮށް ސޮލަރެލް މޮޓޯ އިންޝުއަރަންސް ޕޮލިސީ ނަންގަވާ ފުރަތަމަ 500 ފަރާތަށެވެ.

މި ހަރަކާތަކީ ހުޅުމާލޭގެ މެއިން ބަސްޓޮޕް ކުރިމަތީގައާއި އައްޑޫ ސިޓީ ހިތަދޫގެ ސުވަދީވް ކެފޭ ހުންނަ ސަރަހައްދުގައި ދެ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ހަރަކާތެކެވެ.

comment ކޮމެންޓް