'އެކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ' އަށް ރަނގަޅު ފެށުމެއް!

ހުކުރު ދުވަހު ރިލީޒްކުރި އެކްޓަރު އަނިލް ކަޕޫރު އަދި ބަތަލާ ސޯނަމް ކަޕޫރުގެ ފިލްމު 'އެކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ' އަށް ފުރަތަމަ ހަފްތާ ބަންދުގައި 3.3 ކުރޯޑް ރުޕީޒް (461،796 އެމެރިކާ ޑޮލަރު)ގެ އާމްދަނީއެއް ލިބިއްޖެ އެވެ.

ޝެލީ ޗޯޕްރާ ދަރް ލިޔެ ޑައިރެކްޓުކޮށްފައިވާ އެ ފިލްމު 1500 ސްކްރީނެއްގައި އަންނަނީ ދައްކަމުންނެވެ. ޓްރޭޑް އެނަލިސްޓް ތަރަން އާދަރްޝް ބުނީ ފުރަތަމަ ފިލްމަށް ލިބުނު ތަރުހީބު ކުޑަ ނަމަވެސް، މިހާރު ތަރުހީބު ރަނގަޅުވަމުން އަންނަ ކަމަށެވެ.

އަދި ކުރިއަށް އޮތް ތަނުގައި ފިލްމުގެ އާމްދަނީ ރަނގަޅުވާނެ ކަމަށް ބެލެވެ އެވެ. ސޯލޯ ރިލީޒް އެއްގެ ގޮތުގައި ފިލްމު ރިލީޒްކުރި ނަމަވެސް، އެ ފިލްމަށް ކަންގަނާ ރަނައުތުގެ 'މަނީކަރްނިކާ: ދަ ކުއީން އޮފް ޖާންސީ' އަދި ވިކީ ކޯޝަލްގެ 'އުރީ' އާ ބޮކްސްއޮފީހުގައި ވާދަކުރަން ޖެހޭނެ އެވެ.

މިއީ ސޯނަމް އާއި އަނިލް އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ. "މޯސްޓް އަންއެކްސްޕެކްޓެޑް ރޮމޭންސް" ގޮތުގައި ބުނަމުން އަންނަ 'އެކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ' ގައި ސޯނަމް އާއި އަނިލްގެ އިތުރުން މުހިންމު ރޯލުތަކުން ރާޖްކުމާރު ރާއޯ އަދި ޖޫހީ ޗާއުލާ ވެސް ފެނިގެންދާނެ އެވެ.

comment ކޮމެންޓް