ދައުވާގައި ހިމަނާފައިވާ ކަންތައްތަ ނޫން އެހެން ކަންތައްތަކެއްގެ މައްޗަށް ހުކުމް ކޮށްފައިވާތީ، ހަވީރު ނޫހުގެ މައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުން މިއަދު ބާތިލްކޮށްފިއެވެ.
ހަވީރު ނޫހުގެ މިލްކުވެރިކަމާ ގުޅޭގޮތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ހަވީރު ނިއުސް އެޖެންސީގެ ހިއްސާދާރުން ކަމަށްވާ އިބްރާހިމް ރަޝީދު މުސާ އާއި އަބްދުﷲ ފާރޫގު ހަސަން އަދި މުހައްމަދު ނައީމެވެ. އެ ތިން ބޭފުޅުން ދައުވާކުރީ ހަވީނު ނޫސް އެޖެންސީގެ އާމްދަނީން އެބޭފުޅުންނަށް ލިބެންޖެހޭ މިންވަރު ހޯދުމަށާއި އަދި އެ ނޫސް ހިންގުމުގައި އެބޭފުޅުންނަށް ބައިވެރިވެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށެވެ.
ހައިކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ ދައުވާ ކޮށްފައިވާ ސީޣާގެ މައްޗަށް ނޫން އެހެން ކަމެއްގެ މައްޗަށް ނޫން އެހެން ކަމެއްގެ މައްޗަށް ހުކުމް ކުރެވޭނަމަ އެކަމަކީ ދައުވާ ލިބޭ ފަރާތަށް އެ ދައުވާއިން ދިފާއުވުމަށް އޮތް ފުރުސަތު ގެއްލިގެން ހިނގައިދާނެ ކަމެއް ކަމަށް އެ ކޯޓުން މީގެކުރިން ވަނީ ކަނޑައަޅާފައި ކަމަށެވެ.
ދައުވާގައި ހުށަހަޅާފައިނުވާ ކަމެއްގެ މައްޗަށް ހުކުމްކޮށްގެން ނުވާނެ ކަމަށް ސުޕްރީމް ކޯޓުގެ ގަޒިއްޔާއެއްގައި ކަނޑައަޅާފައިވާ ކަމަށް ވެސް އެ ހުކުމްގައިވެއެވެ.
ސިވިލް ކޯޓުން ކުރި ހުކުމަށް ބަލާއިރު، ކޮށްފައިވާ ދައުވާގެ މައްޗަށް ބެލިފައިނުވާ ކަމަށް އެ ހުކުމްގައިވެއެވެ. އަދި ދައުވާގައި އެދިފައިވާ ފަރުވާ ވެސް ލިބިދީފައިނުވާ ކަމަށް އެ ހުކުމްގައިވެއެވެ.
އެހެންކަމުން ކޯޓުތަކުގެ ގާނޫނުގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން އެ މައްސަލަ އަލުން ބެލުމަށް ސިވިލް ކޯޓަށް ވަނީ އަންގައި އަމުރުކޮށްފައެވެ.