ސެވިއްޔާ ލަދު ގަންނަވާލުމަށް ފަހު ބާސާ ސެމީއަށް

ފިލިޕޭ ކުޓިނިއޯ ވަނީ ރޭގެ މެޗުގައި 2 ގޯލު ޖަހައިދީފައެވެ -- ފޮޓޯ / ޖޭމީ ސްމިތް

ފުރަތަމަ ލެގުގައި ސެވިއްޔާ އަތުން ބަލިވި ނަމަވެސް ބާސެލޯނާގެ އަމިއްލަ ދަނޑުގައި އެޓީމުން ސެވިޔާ ލަދު ގަންނަވާލައިފިއެވެ.

ސްޕެނިޝް ކޮޕާ ޑެލްރޭގެ ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި ރޭ ބާސެލޯނާ އާއި ސެވިޔާ ބައްދަލު ކުރި މެޗު ނިމިގެން ދިޔައީ 1-6 ގެ ތަފާތު ބޮޑު ނަތީޖާ އަކުން ބާސެލޯނާ ކުރި ހޯދައިގެންނެވެ. އެ މޮޅާއި އެކު ޖުމުލަ 3-6ގެ އެގްރިގޭޓް ނަތީޖާއަކާއި އެކު ބާސެލޯނާ ވަނީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފައެވެ.

ސެވިއްޔާ ކޮޅަށް ގޯލު ޖެހުމަށް ފަހު ބާސެލޯނާގެ ކުޅުންތެރިން -- ފޮޓޯ / ޖޭމީ ސްމިތް

ފުރަތަމަ ލެގުން ބާސެލޯނާ ބަލިވި މެޗުގައި މުހިއްމު ގިނަ ކުޅުންތެރިން ތަކެއް ނޭރުވި ނަމަވެސް ރޭގެ މެޗުގައި ފުރަތަމަ އެގާރައަށް އެ ޓީމުގެ ރަސްމީ ސްކޮޑް ވަނީ ނެރެފައެވެ. ކޮޕާ ޑެލްރޭގެ ހުރިހާ މެޗަކަށް ބާސެލޯނާއިން ކުޅެން ނެރޭ ނެދަލެންޑުގެ ކީޕަރު ޖެސްޕާ ސިލިޒެން ރޭގެ މެޗުގައި ވެސް ވަނީ ކުޅެފައިވެއެވެ.

މެޗުގެ ފުރަތަމަ ހާފު ފެށުމާއި އެކު ބާސެލޯނާއިން ދިޔައީ ސެވިޔާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. މެޗުގެ 13 ވަނަ މިނެޓުގައި ބާސެލޯނާއިން ވަނީ ލިބުނު ޕެނަލްޓީއަކުން ގޯލު ޖަހައި ލީޑު ނަގައިފައެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ ބްރެޒިލްގެ ތަރި ފިލިޕޭ ކޫޓީނިއޯއެވެ. މި ސީޒަނުގައި ކޫޓީނިއޯގެ ފަރާތުން މާ އެދެވޭ ކުޅުމެއް ނުފެނުމުގެ ސަބަބުން މެސީ ޕެނަލްޓީ ޖެހުމުގެ ބަދަލުގައި ޕެނަލްޓީ ޖަހަން ކޫޓީނިއޯއަށް ދިނުމުން ކޫޓީނިއޯ ވަނީ މެސީއަށް ޝުކުރު އަދާ ކޮށްފައެވެ.

ބާސެލޯނާގެ ގޯލަށް ފަހު ސެވިއްޔާއަށް މެޗު ހަމަހަމަ ކުރަން ރަނުގެ ފުރުސަތެއް ލިބުނެވެ. އެއީ މެޗުގެ 17 ވަނަ މިނެޓުގައި ބާސެލޯނާގެ އޭރިއާ ތެރޭގައި ޖެރާޑް ޕީކޭ ސެވިއްޔާ ކުޅުންތެރިއަކަށް ފައުލު ކުރުމާ ގުޅިގެން ލިބުނު ޕެނަލްޓީ އެއްގެ ސަބަބުންނެވެ. އެވްރާ ބަނޭގާ ފޮނުވާލި ޕެނަލްޓީ، ބާސެލޯނާގެ ކީޕަރު ވަނީ ދިފާއު ކޮށްފައެވެ.

ސެވިއްޔާއަށް ލިބުނު ރަނުގެ ފުރަސަތުގެ ބޭނުން ނުހިފި ވަނިކޮށް ބާސާއިން އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކުރިއެވެ. މިގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ އީވާން ރަކިޓިކް އެވެ.

ދެވަނަ ހާފު ފެށުމާ އެކު ބާސެލޯނާގެ ނުރައްކާތައް އިތުރުވިއެވެ. މެޗުގެ 53 ވަނަ މިނެޓުގައި ބާސެލޯނާގެ ކަނާތު ވިންގް ސާޖިއޯ ރޮބާޓޯ ވަނީ ގޯލެއް ޖަހައިފައެވެ. މިގޯލާ އެކު ސެވިއްޔާ އަނބުރާ ކުޅުމުގެ ތެރެއަށް ނާދެވި އުޅެނިކޮށް ޖެހިގެން އައި މިނެޓުގައި ބާސެލޯނާއިން އިތުރު ގޯލެއް ޖަހައި ސެވިއްޔާ ސެމީ ފައިނަލަށް ދިއުމަށް ކުރި އުންމީދު ފުނޑުފުނޑު ކޮށްލިއެވެ.

ފިލިޕޭ ކޮޓިނިއޯ ވަނީ ރޭގެ މެޗުގައި 2 ގޯލު ޖަހައިދީފައެވެ -- ފޮޓޯ / ޖޭމީ ސްމިތް

ރޭގެ މެޗުގައި ސެވިއްޔާއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 67ގައި ޖަހައިދިނީ ގުލްހާމް އަރާނާއެވެ. މި ގޯލާ އެކު ބާސެލޯނާއިން ރައްދުގައި އެމީހުންގެ އެޓޭކް އިތުރަށް ވަރުގަދަ ކޮށްލިއެވެ. އެގޮތުން ލުއިސް ސުއަރޭޒް އާއި ލިއޮނެލް މެސީ ވަނީ ގޯލު ޖަހައި ސެވިއްޔާ މާ ރަނގަޅަށް ވެސް ލަދު ގަންނަވާލާފައެވެ.

ރޭގެ މެޗަށް ފަހު ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ ބުނީ އެ ޓީމަކީ އެއްވެސް މުބާރާތެއް ދޫ ނުކޮށްލައި، ހުރިހާ މުބާރާތެއް ކާމިޔާބު ކުރަން ހުރިހާ މަސައްކަތެއް ކުރާނެ ކުލަބެއް ކަމަށެވެ. އަދި ކޫޓީނިއޯއަށް ރޭގެ މެޗުގައި ޕެނަލްޓީ ޖަހަން ދިނުމުން އޭނާގެ ހިއްވަރު އިތުރަށް ގަދަވެގެން ދިޔަ ކަމަށް މެސީ ބުންޏެވެ.

comment ކޮމެންޓް