ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ފުޓްބޯޅަ ބޭސިކް ރެފްރީ ކޯހުގައި ބައިވެރި ވުމަށް އެދި ފޯމު ލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މާރިޗް މަހުގެ 1 އިން 10ގެ ނިޔަލަށް މާލޭގައި ކުރިއަށް ގެންދާ މި ކޯހުގައި ބައިވެރި ވުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އެފްއޭއެމް އިން މިއަދު ވަނީ ހުޅުވާލާފައެވެ. އަންނަ މަހުގެ 17 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި ކޯހުގައި ބައިވެރި ވާން ބޭނުންވާ ފަރާތްތަކުން ފޯމު ހުށައަޅަން ޖެހޭނެއެވެ.
އެފްއޭއެމް ގެ ރެފްރީންގެ ތެރެއިން ފީފާގެ ރެފްރީ ބެޖް ލިބުނު ރެފްރީން އާއި އެކު ބައްސާމު އަދި އަމީޒް ފޮޓޯއަކަށް ހުއްޓިލައިގެން --- ސަންފޮޓޯ: މުއާވިއަތި އަންވަރި
މި ކޯހަކީ ޒުވާނުންނަށް ހާއްސަ ކޮށްގެން ދިވެހި ރާއްޖޭގައި ގިނަ ރެފްރީއިން އުފައްދައި ތަމްރީނު ކުރުމުގެ ގޮތުން ބާއްވާ ކޯހެކެވެ. އެގޮތުން މި ކޯހުގެ ބައިވެރީންގެ ތެރެއިން 18 އަހަރާއި 25 އަހަރާއި ދެމެދުގެ ބައިވެރިން އަތުން އެއްވެސް ފީއެއް ނުނަގާނެ ކަމަށް އެފްއޭއެމް އިން ވަނީ ބުނެފައެވެ.
ނަމަވެސް 25 އަހަރުން މަތީގެ ބޭފުޅުންނަށް ވެސް ކޯހުގައި ބައިވެރި ވުމުގެ ފުރުސަތު އެބައޮތެވެ. 25 އަހަރުން މަތީ އުމުރުފުރާގެ ބައިވެރިންގެ އަތުން 1500 ރުފިޔާގެ ފީއެއް ނަގާނެ ކަމަށް އެފްއޭއެމް އިން ބުނެއެވެ.
އެފްއޭއެމް އިން މިއަހަރު ތެރޭގައި މިފަދަ ގިނަ ޕްރޮގްރާމް ތަކެއް ޒުވާނުންނަށް ހާއްސަ ކޮށްގެން އަންނަނީ ބާއްވަމުންނެވެ. އަދި ކުޅުންތެރިންނާއި ކޯޗުންގެ އިތުރުން ރެފްރީން ތަމްރީނު ކުރުމުގެ ކޯސް ތަކާއި ތަމްރީނު ދިނުމުގެ ހަރަކާތްތައް މި އަހަރު ތެރޭގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެގޮތުން ގޯލްކީޕާ ޓްރެއިނަރުން ތަމްރީނު ކުރުމުގެ ކޯސްތަކެއް ދާދި ފަހުން އެފްއޭއެމް އިން ވަނީ ކާމިޔާބު ކަމާއި އެކު ހިންގާފައެވެ.