އިލެކްޝަންސް ކޮމިޝަނުން އެ ކޮމިޝަންގެ ކުލައާއި ލޯގޯ އިފްތިތާހު ކުރުމަށް ވަކިން ހާއްސަ ޖަލްސާއެއް ބޭއްވުމުން، ކުރީގެ ޕްރޮސިކުއުޓާ ޖެނެރަލް އަހްމަދު މުއިއްޒު އެކަމަށް ފާޑު ވިދާޅުވެއްޖެ އެވެ.
އެކޮމިޝަނުން ހާއްސަ ރަސައްމިއްޔާތަކާއެކު މިރޭ ހޮޓެލް ޖެން ގައި ވަނީ ކޮމިޝަންގެ ރަސްމީ ކުލަ އާއި އާ ލޯގޯ އިފްތިތާހު ކޮށްފައެވެ. މި ރަސްމިއްޔާތުގައި ބައެއް ސިޔާސީ ޕާޓީ ތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
އެކަމަށް ފާޑު ވިދާޅުވެ، ކުރީގެ ޕީޖީ މުއިއްޒު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ކޮމިޝަންގެ ބަޖެޓުގެ ތާށި ކަމާ ހުރެވެސް ކުލައާއި ލޯގޯ އިފްތިތާހު ކުރުމަށް "ބޮޑު ޖަލްސާ" އެއް ބާއްވުމަކީ ބޭކަރު ޚައްރަދެއް ނޫންތޯ ސުވާލު ކުރައްވާފައެވެ.
Election Commission ge logo aai kula iulaan kurevvumah bodu jalsaaeh bavvavaa thikuravvanee beykaaru kharedheh noonbaa? Budget ge dhathikan hurumaaekuves! @ElectionsMv @FinanceGovMv
— Ahmed Muizzu (@AhmedMuizzu) January 28, 2019
އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެކަށީގެންވާ ބަޖެޓެއް ނުލިބުމުގެ ސަބަބުން އިންތިހާބުގެ ބައެއް ކަންކަމަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް 80 މިލިއަން ރުފިޔާގެ ބަޖެޓެއް ފުރަތަމަ ހިމެނި ނަމަވެސް ފަހުން އެ އަދަދަށް ވަނީ 9.2 މިލިއަން ރުފިޔާ އިތުރުކޮށްފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން މި މަހުގެ 16 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ބޭނުންވާ ފައިސާ ހޯދުމަށް ފިނޭންސް މިނިސްޓްރީއަށް ހުށަހެޅުމުން 9.2 މިލިއަން ރުފިޔާ އިތުރުކުރި ކަމަށް ބަޖެޓް ރިޕޯޓުގައި ހިމަނާފައި ނުވާ ކަމަށް ފިނޭންސް މިނިސްޓްރީން ޖަވާބު ދީފައިވާ ކަމަށެވެ.
ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ކުރިމަތިލުމަށް އިލިކެޝަންސް ކޮމިޝަނުން މިރޭ ވަނީ ހުޅުވާލަފައެވެ. ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 21 ވަނަ ދުވަހަށެވެ.