ޒަމްޒަމް ފާރިޝަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު: ބުނީ 'ފްރޭމް' ކުރަނީ ކަމަށް

ޝެއިހް ޒަމްޒަމް ފާރިޝް: އޭނާ ދަރިވަރުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުން -- ފޮޓޯ/ ފޭސްބުކް

ޝެއިޙް ޒަމްޒަމް ފާރިޝް އަރަބިއްޔާ ސްކޫލުގެ ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ޒަމްޒަމް އަކީ އަރަބިއްޔާ ސްކޫލުގެ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެކެވެ. އޭނާގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު އަމާޒުކޮށް ބައެއް މީހުން އަންނަނީ މީސްމީޑިއާގައި ވެސް ވާހަކަދައްކަމުންނެވެ.

އެ މައްސަލައިގައި ނޫސްވެރިން ފުލުހުންނާ ސުވާލު ކުރުމުން ފުލުހުން މިއަދު ބުނީ، 39 އަހަރުގެ ފިރިހެނެއްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ މަހުގެ އަށްވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މައްސަލައާ ގުޅޭގޮތުން ބަލަންޖެހޭ ކަންތައް ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެކަމަކު، މައްސަލައާ ގުޅޭ އެއްވެސް ތަފުސީލެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.

އެކަމަކު، އޭނާ ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވައިފައެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި އެ މަނިކުފާނު ރިޔާސީ ގަރާރަކުން މަނާ ކުރައްވާފައިވަނިކޮށް 'އިންޑިއާ އައުޓް' ކެމްޕޭނަށް ހިތްވަރުދޭ ގޮތަށް ވާހަކަދެއްކި ކަމަށް ތުހުމަތުކޮށް ޒަމްޒަމް ފާރިޝް ސަސްޕެންޑު ވެސް ކުރިއެވެ. އެކަމަކު، އެ ފަހަރު ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމީ އޭނާ ސަސްޕެންޑު ކުރީ ގޯސްކޮށް ކަމަށެވެ.

ޒަމްޒަމް ފާރިޝް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބަޔަކު އޭނާ ފްރޭމްކުރަން އުޅޭ ކަމަށެވެ.

"އިންޑިއާ އައުޓު މައްސަލައިގައި ވެސް އުޅުނީ ފްރޭމްކުރަން. ވީކާމިޔާބެއް. މިހާރު ވެސް އުޅެނީ ފްރޭމް ކުރަން. މަތީފަޑި ބަދަލުވިޔަސް ތިރި އަދިއޮތީ ހަމަ އޮތް ގޮތަށް. އިންޝާﷲ ޙަޤީޤަތް ހާމަވާނެ. ފަހަތުގައި ތިބި މީހުން ވެސް ހާމަވާނެ،" އޭނާ ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީއާއި ޖެންޑާ މިނިސްޓްރީން ވެސް މިހާތަނަށް ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.

comment ކޮމެންޓް