ޕީއެންސީން ޕީޕީއެމްގެ މުދަލާއި ވަސީލަތް ބޭނުންކުރިކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފި

ޕީޕީއެމްގެ އޮފީސް: އަލަށް އުފެއްދުމަށް މަސައްކަތްކުރާ ޕީއެންސީން ޕީޕީއެމްގެ މުދަލާއި ވަސީލަތް ބޭނުންކުރި ކަމަށް ބުނާ މައްސަލަ އެއް އިސީން އަންނަނީ ބަލަމުން --- ފައިލް ފޮޓޯ// ޓްވިޓަ

ޕީޕީއެމްގެ މުދަލާއި ވަސީލަތް ބޭނުންކޮށްގެން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދުމުގެ މަސައްކަތް ކުރާ ކަމަށް ބުނެ އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެއް އެ ކޮމިޝަނުން ބަލަން ފަށައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަހްމަދު އަކްރަމް މިއަދު ސަން އަށް ވިދާޅުވީ އަލަށް އުފެއްދުމުގެ ހުއްދަ ދީފައިވާ ޕީއެންސީ، އުފެއްދުމަށް ޕީޕީއެމްގެ މުދަލާއި ވަސީލަތް ބޭނުންކުރާ ކަމަށް ބުނެ އެ ކޮމިޝަނަށް އަމިއްލަ ފަރާތަކުން މިއަދު ވަނީ މައްސަލައެއް ހުށަހަޅާފައި ކަމަށެވެ.

އެ މައްސަލަ ކޮމިޝަނުން އިތުރަށް ބަލަމުން އަންނަ އިރު މިވަގުތު އިތުރު ތަފްސީލު ދެވެން ނެތް ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން އެކުލަވާލައި ގެޒެޓްކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ އާ ގަވާއިދުގައިވާ ގޮތުން ޕާޓީއެއް އުފައްދަން ހުއްދަދީފައި ވަނިކޮށް އެހެން ޕާޓީއެއްގެ މުދަލާއި ވަސީލަތް ބޭނުންކޮށްގެން ޕާޓީ އުފައްދާކަން ތަހުގީގަށް ސާބިތުވެއްޖެ ނަމަ ޕާޓީ ހަދަން ދިން ހުއްދަ ބާތިލު ކުރެވޭނެ އެވެ.

ސިޔާސީ ޕާޓީތަކުގެ އާ ގަވައިދުގައިވާ ގޮތުން އެފަދަ ކަމެއް ކޮމިޝަންގެ ތަހުގިގަށް ސާބިތުވެއްޖެ ނަމަ، އާންމު މަސްލަހަތަށް ބަަލައި، އެ ޕާޓީއެއް އުފެއްދުމަށް ދީފައިވާ ހުއްދަ ބާތިލު ކުރުމުގެ އިހްތިޔާރު ކޮމިޝަނަށް ލިބިގެންވެ އެވެ.

އަދި ހުއްދަދީފައިވާ ފަރާތުން ޕާޓީއެއް އުފެއްދުމަށް މަސައްކަތްކުރަމުން ދަނީ ނުރަނގަޅު ނުފޫޒާއި ބާރު ބޭނުންކޮށްގެން ނުވަތަ އޮޅުވައިލައިގެން ކަމަށް ސާބިތުވެއްޖެ ނަމަވެސް، ޕާޓީ ރަޖިސްޓްރީ ކުރުމުގެ ހުއްދަ ބާތިލު ކުރެވޭނެ ކަމަށް އެ ގައިވާއިދުގައިވެ އެވެ.

ޕީއެންސީީ އުފެއްދުމަށް މިދިޔަ މަހު 27 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ޕާޓީގެ މުއައްސިސް އަދި ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އަށް ހުއްދަ ދީފައެވެ. އަދި ޕާޓީ ރަޖިސްޓްރީ ކުރުމަށް 3،000 މީހުން ހަމަވުމުން ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުއްދަދީފަ އެވެ. އެ ޖަލްސާ އޮންނާނީ މިރޭ އެވެ.

ޕީއެންސީ އުފެއްދުމަށް ޕީޕީއެމްގެ މުދަލާއި ވަސީލަތްތައް ބޭނުން ކުރަމުން ދާކަމަށް އެޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ނިސްބަތްވާ މައުމޫން ރީޕޯމް މޫވްމަންޓްއިން ވަނީ ބުނެފަ އެވެ. އަދި ޕީޕީއެމްގެ އޮފީސް ތެރޭ ކޮންގްރެސް ޕާޓީ އަށް މެމްބަރުން ސޮއި ކުރަމުންދާ ކަމަށް އެފަރާތްތަކުން ވަނީ ތުހުމަތު ކޮށްފަ އެވެ.

comment ކޮމެންޓް