ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ސުޕްރީމް ކޯޓުގެ ބާރުތައް ކުޑަކުރުމަށް އެމްޑީޕީ އިން މަޝްވަރާކޮށްފި

އެމްޑީޕީގެ މަސައްކަތު ބައްދަލުވުން ނިންމާލުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އެމްޑީޕީ

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ އިން ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ސުޕްރީމް ކޯޓުގެ ގިނަ ބާރުތަކެއް ކުޑަކޮށް، ބޮޑެތި ބަދަލުތަކެއް ގެނައުމަށް އެ ޕާޓީގެ މަޖިލިހުގެ ކެމްޕެއިނަށް އެކުލަވައިލާ ސިޔާސަތުގައި ހިމަނައިފި އެވެ.

އެ ޕާޓީ އިން އަންނަ މަޖިލިސް އިންތިހާބުގައި ސިޔާސަތު އެކުލަވާލުމަށް ރޭ ހުޅުމާލޭ ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލުގައި ވަނީ އެ ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ފަރާތްތަކަށް މަސައްކަތު ބައްދަލުވުމެއް ބާއްވައިފަ އެވެ.

އެ ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި އެމްޑީޕީގެ ފަރާތުން ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް މަޖިލިސް ތެރެއިން ގެންނަން ބޭނުންވާ ބަދަލުތަކުގެ ޕްލޭނެއް އެ ޕާޓީގެ ލީގަލް ޑިރެއްކްޓާ، ގާނޫނީ ވަކީލާ ހިސާން ހުސައިން ވަނީ ހުށަހަޅުއްވައިފަ އެވެ.

ހިސާން ހުށަހެޅުއްވި ޕްލޭންގައި ވަނީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަދި ކޯޓުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނައުމަށެވެ.

އެގޮތުން އެޕްޑީޕީގެ މެނިފްސްޓޯގައިވާ ގޮތަށް، ޑީޖޭއޭއަކީ ސުޕްރީމް ކޯޓުން ދަށުން ހިނގާ ތަނެއްގެ ބަދަލުގައި، ޑީޖޭއޭ އަކީ ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރެއްގެ ދަށުން ހިނގާ ތަނެއްގެ ގޮތުގައި ކަނޑައެޅުން ހިމެނެ އެވެ. އަދި އެ ޑިޕާޓްމެންޓްގެ ވެރިޔާގެ ގޮތުން ޖުޑީޝަލް އެޑްމިނިސްޓްރޭޓާއެއް އައްޔަން ކުރާނީ މަޖިލީހުން ކަމަށާއި ޑީޖޭއަކީ މަޖިލީހުގެ މިނިވަން މުއަސަސާތަކާ ބެހޭ ކޮމެޓީއަށް ޖަވާބުދާރީވާ ތަނެއްގެ ގޮތުގައި ކަނޑައެޅުމަށް ހިސާން ހުށަހެޅުއްވި ޕްލޭންގައިވެ އެވެ.

މިހާރު ޑީޖޭއޭ ހިންގަމުން އަންނަނީ، ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުންނެވެ. އަދި ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ކަނޑައަޅަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނެވެ.

ހިސާން ވިދާޅުވީ އެ ބަދަލާ އެކު ކޯޓުތަކުގެ ރަޖިސްޓްރާ އައްޔަންކޮށް ވަކިކުރާނީ ޑީޖޭއޭގެ ބެލުމުގެ ދަށުން ކަމަށެވެ. އަދި ކޯޓުތަކުގެ މުވައްޒިފުންގެ ކަންތައްތައް ވެސް ޑީޖޭއޭގެ ބެލުމުގެ ދަށުން ހިންގާ ގޮތަށް ބަދަލު ކުރެވޭ ގޮތަށް އޮނިގަނޑަށް ބަދަލު ގެނައުމަށް ރާވާފައިވާ ކަމަށް ހިސާން ވިދާޅުވި އެވެ.

"ކޯޓުތަކަށް ރަޖިސްޓްރާ އައްޔަންކޮށް ވަކި ކުރެވޭނީ ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓާގެ ޒިންމާއެއްގެ ގޮތުގައި މި ކަނޑައަޅަނީ. އެހެން ކަމުން ކޯޓުތަކުގެ ދައުރެއް ނޯންނާނެ ރަޖިސްޓްރާ ކަނޑައެޅުމުގައި ވެސް އަދި ވަކިކުރުމުގައި ވެސް،" ހިސާން ވިދާޅުވި އެވެ.

އެމްޑީޕީ ލީގަލް ޑިރެކްޓާ ހިސާން ވާހަކަ ދައްކަވަނީ: ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ހިސާން ވަނީ ގިނަ ކަންތައްތައްކެއް ހުށަހަޅާފަ -- ފޮޓޯ/ އެމްޑީޕީ

މިހާރު އޮންނަ ގޮތުން ކޯޓުތަކުގެ ރަޖިސްޓްރާއިން ކަނޑައަޅަނީ އެ ކޯޓަކުންނެވެ. އަދި އެގޮތަށް އޮތުން، މައްސަލަ ބަލަައިގަތުމުގައި ގޮތެއް ނިންމުމުގައި ކޯޓުތަކުގެ ފަނޑިޔާރުން ރަޖިސްޓްރާއަށް ނުފޫޒު ފޯރުވާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެ އެވެ.

ރަޖިސްޓްރާ އަށް ބޮޑެތި ބާރުތަކެއް!

ހިސާން ހުށަހެޅުއްވި ޕްލޭންގައި ރަޖިސްޓްރައަށް ވަނީ ބޮޑެތި ބާރުތަކެއް ދީފަ އެވެ. ފަނޑިޔާރުންގެ ބާރެއް ނެތި މައްސަލަ ބަލައިގަތުމަކީ ރަޖިސްޓްރާގެ ޒިންމާއެއްގެ ގޮތުގައި ކަނޑައަޅާނެ ކަމަށް ހިސާން ވިދާޅުވި އެވެ.

"މިހާރު ދިމާވާ މައިގަނޑު އެއް މައްސަލައަކީ، ކޯޓުގެ ރަޖިސްޓްރާއެއް ހުރެ، ފަނޑިޔާރުންގެ ދައުރަކާ އެކު މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމުމުން. ގާނޫނުގައި އޮންނަ ފަޑިޔާރުންނަށް އެ ނިންމުން އިސްތިއުނާފުކުރުމުގެ ހައްގު އެ މައްސަލަ ހުށަހަޅާ ފަރަތައް ގެއްލިގެން ދަނީ،" ބޮޑެތި މައްސަލަތަކުގައި ވާކާލާތު ކުރި ގަނޫނީ ވަކީލާ ހިސާން ވިދާޅުވި އެވެ.

ފަނޑިޔާރުންގެ ބާރެއް ނެތި މައްސަލަ ބަލައިގަތުމަކީ ރަޖިސްޓްރާގެ ޒިންމާއެއްގެ ގޮތުގައި ކަނޑައަޅުމުން. ރަޖިސްޓްރާ މައްސަލަ ބަލައި ނުގެންފި ނަމަ، މައްސަލަ ހުށަހަޅާފަރަތުން ފަނޑިޔާރުންނަށް އެ ނިންމުން އިސްތިއުނާފު ކުރެވޭނެ ކަމަށް ހިސާން ވިދާޅުވި އެވެ.

މައްސަލަ ބަލާ ފަނޑިޔާރުން ކަނޑައެޅުމަކީ ވެސް ރަޖިސްޓްރާގެ ޒިންމާ އެއްގެ ގޮތުގައި ކަނޑައެޅުން، ރަޖިސްޓްރާއަށް ދޭ އިތުރު ބާރުތަކުގެ ތެރޭގައި ހިމެނެ އެވެ. އަދި މައްސަލަ ހުށަހެޅޭ ތަރުތީބުން މައްސަލަ ފަނޑިޔާރުންނާ ހަވާލުކުރުމާއި މައްސަލަތަކުގެ ކިއު ތަރުތީބު ހާމަކޮށް އެނގޭނެ ގޮތަށް ބެލެހެއްޓުމަކީ ވެސް ރަޖިސްޓްރާގެ ޒިންމާއެއްގެ ގޮތުގައި ކަނޑައަޅާނެ ކަމަށް ހިސާން ވިދާޅުވި އެވެ.

"މިގޮތަށް މި މަސައްކަތް ރޭވުމުން، ވަކި ފަނޑިޔާރަކަށް ވަކި މައްސަލައެއްދޭ ކަމަށް މި އަންނަ ޝަކުވާ ތަކަށް ކޮންމެވެސް ވަރަކަށް އެޑްރެސްވެގެން ދާނެ،" ހިސާން ވިދާޅުވި އެވެ.

ރަޖިސްޓްރާއަށް ލިބޭ ބާރާ އެކު، މަތީ މަރުހާލާގެ ކޯޓުތަކުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗު ވެސް އެކުލަވާލާނީ ވަނީ ރަޖިސްރާ އެވެ. މިހާރު އޮންނަ ގޮތުން ފަނޑިޔާރުގެ ބެންޗް އެކުލަވާލަނީ، އެ ކޯޓެއްގެ އިސްގާޒީ އެވެ.

މިހާރު ކޯޓުތަކުގެ އިސްގާޒީން ކުރަމުންދާ އިދާރީ ހުރިހާ މަސައްކަތެއް ވެސް ރަޖިސްޓްރާގެ މަސްއޫލިއްޔަތަކަށް ބަދަލުވެގެންދާނެ ކަމަށް ހިސާން ވިދާޅުވި އެވެ.

"އެހެން ކަމުން ކޯޓުތަކުގައި ތިއްބަވާ ފަނޑިޔާރުން އެއީ ހަމައެކަނި މައްސަލަ ބެލުމަށް ހުސްވެގެން ތިއްބަވާ ބޭފުޅުންނަށް ބަދަލުވެގެން ދާނެ،"

އެމްޑީޕީ އިން ބޭއްވި މަސައްކަތު ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ އެމްޑީޕީ

އިސްތިއުނާފް ކުރަން 10 ދުވަހުގެ ނޯޓިސް، ލިޔުންތައް ހުށަހެޅުމަށް 30 ދުވަސް

މައްސަލައެއް ނިމުމުން އެ މައްސަލައެއް އިސްތިއުނާފު ކުރެވޭ މުއްދަތު ބަދަލުކުރުމަށް ހިސާން ހުށަހެޅުއްވި ޕްލޭންގައި ވަނީ ހިމަނައިފަ އެވެ.

މައްސަލައެއް އިސްތިއުނާފު ކުރަން މިހާރު ލިބެނީ 10 ދުވަހެވެ. ހިސާން ހުށަހެޅުއްވި ހުށަހެޅުމުގައިވާ ގޮތުން، މައްސަލައެއް ނިމުމުން އެ މައްސަލަ އިސްތުއުނާފު ކުރަން ބޭނުވާ ނަމަ އެކަން 10 ދުވަސް ތެެރޭގައި ކޯޓަށް އެންގުމާ އަދި 30 ދުވަހުގެ ތެރޭ ލިޔެކިޔުންތައް ހުށަހެޅުމަށް ހަމަޖައްސާގޮތަށް ބަދަލު ކުރަން ހިމެނެ އެވެ. އިސްތިއުނާފު ހުށަހަޅަން ޖެހޭނީ ސީދާ އިސްތިއުނާފު ކުރާ ކޯޓަށް ކަމަށް ހިސާން ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ބައެއް ބާރުތައް ހަނި ކުރުން!

ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ހުށަހެޅުއްވި ޕްލޭންގައި ސުޕްރީމް ކޯޓުގެ ގިނަ ބާރުތަކެއް ހަނި ކުރުމަށް ހިސާން ވަނީ ހުށަހަޅައިފަ އެވެ.

ސުޕްރީމް ކޯޓަށް ގެންނަނ ހުށަހެޅި ބަދަލުތައް:

- ހުޅުވާލެވިަފައިވާ ޝަރީއަތުގެ އަޑުއެހުމެއް ނުބާއްވާ، އެއްވެސް އަމުރެއް ނުވަތަ އެެއްވެސް ނިންމުމެއް ނިންމުގެ ބާރު އެކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ނެތުން.

- ހުޅުވާލެވިފައިވާ ޝަރީއަތުގެ އަޑުއެހުމެއް ނުބާއްވާ، ދުސްތޫރީ މައްސަލައެއް ނުނިންމުން އަދި ގާނޫނެއް ނުވަތަ ގާނޫނަކުން މާއްދާއެއް ވެސް ބާތިލް ނުކުރުން.

- ސުޕްރީމް ކޯޓުގެ އަމިއްލަ އިސްނެގުމުގައި އެއްވެސް މައްސަލައެއް ނުބެލުން.

- ދަށު ކޯޓުތަކުގައި ހިނގާ މައްސަލަތަކުގެ ލިޔުންތަކާއި ފައިލްތައް ސުޕްރީމް ކޯޓަށް ފޮނުވަން އެންގުމުގެ ބާރު ސުޕްރީމް ކޯޓަށް ނެތުން.

- ދަށު ކޯޓުތަކަށް ސުޕްރީމް ކޯޓަށް އިރުޝަދު ނުދެވޭ ގޮތަށް ހެދުން.

ދަށު ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ސުޕްރީމް ކޯޓުގެ އެއްވެސް ދައުރެއް ނެތުން.

- ގާނޫނީ ވަކީލުންނަށް ފިޔަވަޅު އެޅުމަކީ ބާ ކައުންސިލުން ކުރާ ކަމަކަށް ބަދަލު ކުރުން.

އެމްޑީޕީގެ މަސައްކަތު ބައްދަލުވުން ނިންމާލުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އެމްޑީޕީ

ޝަރުއީ ދާއިރާ އިސްލާޙު ކުރުމަށް އިތުރު ކަންތައްކެއްސް ހިސާން ހުށަހެޅުއްވި އެވެ.

ހަރަދުބޮޑު ކަމަކަށް ވާތީވެ، ހައި ކޯޓުގެ އުތުރާއި ދެކުނު ގޮފި އުވައިލުމަކީ ވެސް ހިސާން ހުށަހެޅުއްވި ޕްލޭންގައިވެ އެވެ. ޕްލޭންގައި ބުނެފައި ވަނީ، ޑިސްޓްރިކް ކޯޓުތަކެއް ހަދާ، އެ ކޯޓުތަކުގައި އިސްތިއުނާފު ޝަރީއަތްތައް ކުރިއަށް ގެންދެވޭނެ ގޮތައް ހެދުމަށެވެ. ޑިސްޓްރިކް ކޯޓުތައް ހަދަން ނިންމާފައި ވަނީ ކޮންމެ އަތޮޅެއްގެ ވެރިކަން ކުރާ ރަށުގައި ކަމަށް ހިސާން ވިދާޅުވި އެވެ.

އެ ބަދަލާ އެކު އަތޮޅުތެރޭ ހުށަހެޅޭ ހުރިހާ ބާވަތެއްގެ މައްސަލަތައް އެ ކޯޓުތަކުން ބެލޭނެ ކަމަށް ހިސާން ވިދާޅުވި އެވެ.

އޭގެ އިތުރުން، ޖޭއެސްސީއަށް ގެންނަ ބޭނުންވާ ބަދަލުތައް ވެސް ހިސާން ހިއްސާ ކުރެއްވި އެވެ. އެގޮތުން ފަސޭހައިން ޝަކުވާ ހުށަހެޅޭނެ ގޮތަށް ހެދުމަށާއި އެ ޝަކުވާ ހުށަހާޅާ މިހެއްގެ އަދި ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމުގެ ބާރެއް ޖޭއެސްސީއަށް ނޯންނާނެ އެވެ. ފަނޑިޔާރުންގެ ފެންވަރު ބެލުމަކީ ޖޭއެސްސީއަށް ލާޒިމް ކަމެއްގެ ގޮތުގައި ވެސް ހަދާނެ ކަމަށް ހިސާން ވިދާޅުވި އެވެ. ހިސާން ވިދާޅުވި ގޮތުން ފަނޑިޔާރުންގެ ފެންވަރު ބަލައި، އެމީހުން މުސާރަ އާއި އިނާޔަތްތަކަކީ ޕާފޯމެންސްއަށް ބަލައިގެން ކަނޑައެޅޭ އެއްޗެއްގެ ގޮތުގައި ކަނޑައަޅާނެ ކަމަށެވެ.

ޝަރުއީ ދާއިރާގެ އިތުރުން ވެސް އެމްޑީޕީ އިން އެހެން ގިނަ ދާއިރާތަކަށް ބޭނުންވާ އިސްލާހުތައް އިއްޔެ ބޭއްވި މަސައްކަތު ބައްދަލުވުމުގައި ވަނީ ހުށަހަޅާފަ އެވެ. މަސައްކަތު ބައްދަލުވުން ރޭ ނިންމާލާފައިވާ އިރު އެ ބައްދަލުވުން ނިންމާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަޑައިގެންނެވި އެވެ.

comment ކޮމެންޓް