ދުވަސްވީ މީހެއްގެ ގަޔަށް ކުޅުޖަހައި ހަމަލާދިން މައްސަލައެއް ފުލުހުން ބަލަންފަށައިފި

އައްޑޫ ސިޓީގައި އުމުރުން ދުވަސްވީ މީހާއަށް ހަމަލާދޭ ވޯޑިއޯގެ ސުކްރީން ސޮޓެއް ---

އައްޑޫ ސިޓީ ހިތަދޫގައި ހާއްސަ އެހީއަށް ބޭނުންވާ އުމުރުން ދުވަސްވީ މީހެއްގެ ގަޔަށް ކުޅު ޖަހައި މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ތަހްގީގު ކުރަން ފަށައިފި އެވެ.

ސޯޝަލް މީޑިއާގައި އިއްޔެ އާންމުކުރި އެ ވިޑީއޯ އިން ފެންނަ ގޮތުން އުމުރުން ދުވަސްވީ މީހަކު އިތުރު ބަޔަކާ އެކު ހޮޓަލެއްގެ ތެރޭގައި އިންދައި މީހަކު އައިސް އުމުރުން ދުވަސްވީ މީހާގެ މޫނުގައި ޖެހުމުން އޭނާ ތެދުވެ ކުޅު ޖަހަ އެވެ.

އުމުރުން ދުވަސްވީ މީހާ ކުޅު ޖެހި ނަމަވެސް އަނެކަކުގެ ގަޔާ ހަމައަށް ދިޔަކަމެއް ނޭނގެ އެވެ. ނަމަވެސް ހަމަލާދިން މީހާ ވަނީ ދުވަސްވީ މީހާގެ ގަޔަށް ބޮލަށް އަރައި ތަކުރާރުކޮށް ކުޅު ޖަހައިފަ އެވެ. އަދި އެ މޭޒު ދޫކޮށް ދާން ފެށުމުން ފަހަތުން ގޮސް ވަނީ މޫނަށް ވެސް ކުޅު ޖަހައިފަ އެވެ.

ދުވަސްވީ މީހާ ތެދުވެގެން ގޮސް ހީޓަރުން ހޫނުފެން ތައްޓެއް އަޅަން ފެށުމުން ހަމާލާ ދިން މީހާއަށް އަތް ދިއްކޮށް 'ޖަހާ ޖަހާ' ބުނާ އަޑު އިވެ އެވެ. ނަމަވެސް އެ ވަގުތު އެ މީހާ އެތަން ދޫކޮށް ވަނީ ގޮސްފަ އެވެ.

އެވަގުތު އެ ހޮޓަލުގައި ބިދޭސީ ވެއިޓަރާ އެކު އިތުރު ތިން މީހުން ތިބަ ނަމަވެސް އެ ދެ މީހުން އަމަލު ހުއްޓުވާކަށް އެއްވެސް މަސައްކަތެއް ކޮށްފައިވާތަނެއް ނުފެނެ އެވެ.

ފުލުހުންނާއި އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ޓެގްކޮށް އެ ވިޑީއޯގައި ބުނެފައި ވަނީ އައްޑޫ ސިޓީގައި އުމުރުން ދުވަސްވީ އަދި ސިކުނޑީގައި މައްސަލަ ހުންނަ ކަމަށް ބުނާ އެ ބޭބެ އަށް ކޮށްފައިވާ އަނިޔާ ވަގުތުން ބަލައި ފިޔަވަޅު އަޅައިދިނުމަށް އެދޭ ކަމަށެވެ.

އެ ޓުވީޓަށް ރައްދު ދެއްވައި ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެ ހާދިސާ އައްޑޫ ސިޓީ ފުލުހުން ތަހްގީގް ކުރަމުން އަންނަ ކަމަށެވެ.

އެކަމާ ގުޅިގެން ޖެންޑާ މިނިސިޓަރު ޝިދާތާ ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، އެ ވީޑިއޯއިން ފެންނަނީ އެއްވެސް ހާލަތެއްގައި ބަލައިގަނުގަނެވޭނެ އަނިޔާވެރި އަމަލެއް ކަމަށެވެ. އަދި އެ އަމަލު ހިންގި ފަރާތާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ބާރުއަޅައި މަސައްކަތްކުރަމުން ގެންދާ ކަމަށެވެ.

comment ކޮމެންޓް