މަޖިލިސް އިންތިހާބަށް ގައުމީ ލަފާދޭ ކޮމެޓީ އެކުލަވާލައިފި، ފުރަތަމަ ޖަލްސާ މާދަމާ

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: މަޖިލިސް އިންތިހާބަށް ގައުމީ ލަފާދޭ ކޮމެޓީ ވަނީ އެކުލަވާލައިފަ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އޭޕްރީލް ހަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ އިންތިހާބްގެ ކަންކަން ކުރިއަށް ގެންދާނެ ގޮތުއި ގުޅޭ ގޮތުން ލަފާ ހޯދުމަށް ގައުމީ ލަފާދޭ ކޮމެޓީ، އިލެކްޝަން ކޮމިޝަން(އީސީ) އިން އެކުލަވާލައި ފުރަތަމަ ޖަލްސާ މާދަމާ ބޭއްވުމަށް ތައްޔާރު ވެއްޖެ އެވެ.

އީސީގެ މެންބަރު އަހްމަދު އަކްރަމް ވިދާޅުވީ، ގައުމީ ލަފާދޭ ކޮމެޓީ މިހާރު ވަނީ އެކުލަވާލާފައި ކަމަށާއި އެ ކޮމެޓީގެ ފުރަތަމަ ބައްދަލުވުން މާދަމާ ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބަށް އެކުލަވާލި ގައުމީ ލަފާދޭ ކޮމެޓީގައި ތިއްބެވީ އޭރު އޮތް ހަ ސިޔާސީ ޕާޓީގެ އިތުރުން ދައުލަތުގެ 10 މުއައްސަސާއަކާއި ޖަމިއްޔާތަކުގެ ފަރާތުން އެއް ބޭފުޅެކެވެ.

ނަމަވެސް މިފަހަރުގެ ކޮމެޓީގައި ތިއްބަވާނީ 21 މެންބަރުންނެވެ. އެއީ ކުރިން އޮތް ހަ ސިޔާސީ ޕާޓީ އާއި 10 މުއައްސަސާގެ އިތުރުން އަލަށް އުފެއްދި ދެ ސިޔާސީ ޕާޓީ އާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ޖަމިއްޔާއެއްގެ މެންބަރެއްގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ޖަމިއްޔާގެ މެންބަރެކެވެ.

މަޖިލިސް އިންތިހާބާ ގުޅޭ ކަންކަމަށް ލަފާދޭ ގައުމީ ކޮމެޓީގެ ފުރަތަމަ ބައްދަލުވުން އޮންނާނީ މާދަމާ ހެނދުނު 10:30 ގައި އިލެކްޝަންސް ކޮމިޝަނުގަ އެވެ.

comment ކޮމެންޓް