ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވި ގޮތާމެދު އަކިލޭޝްގެ ތައުރީފް!

އިންޑިއާގެ ޖުމްހޫރިއްޔަތައް 70 އަހަރުފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ސަފީރު އަކިލޭޝް ވާހަކަ ދައްކަވަނީ: އޭނާ ވަނީ ރާއްޖޭގެ ޓޫރިޒަމް ކުރިއަރާ ދިޔަ ގޮތަށް ތައުރީފް ކޮށްފައި -- ރައީސް އޮފީސް

ރާއްޖޭގެ ޓޫރިޒަމް ކުރިއަރައި ދިޔަ ގޮތާމެދު، އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފި އެވެ.

އިންޑިއާގެ ޖުމްހޫރިއްޔަތަށް 70 އަހަރުގެ ފުރުމުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސަފީރު އަކީލޭޝް ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް ކުރިއަރައި ދިޔަ ގޮތަކީ އެންމެންވެސް މިސާލުނަގަން ޖެހޭ ކަމެއް ކަމަށާއި ކިތަންމެ ބޮޑު ގޮންޖެހުމަކާއެކު ވެސް ޓޫރިޒަމް ކުރިއަރައިދާނެކަން ދިވެހިން ދައްކުވައިދީފި ކަމަށެވެ.

"އަޅުގަނޑު ހަނދާންވޭ 70ގެ އަހަރުގެ ތެރޭގައި، ރާއްޖެ އައި މާހިރުންގެ ވަފުދަކުން ބުނި ރާއްޖޭގައި ޓޫރިޒަމް ތަރައްގީ ނުކުރެވޭނެ ކަމަށް. އެކަމަކު ދިވެހިން ދައްކުވައިދީފި، ކޮންމެ ގޮންޖެހުމެއް ވެސް ބާރެއްގެ ގޮތުގައި ބޭނުން ކުރެވޭނެ ކަން. އަދި ޓޫރިޒަމް ވިއްކޭނެ ސަބަބެއްގެ ގޮތުގައި ދެއްކޭނެކަން. ރާއްޖޭގެ ޓޫރިޒަމް ކުރިއަރައި ދިޔަ ގޮތުގެ ވާހަކަ އަކީ އެކަމުން އަޅުގަނޑުމެން މިސާލު ލިބިގަންނަން ޖެހޭ ކަމެއް،" އަކިލޭޝް ވިދާޅުވިއެެެވެ.

އިންޑިއާގެ ޖުމްހޫރިއްޔަތައް 70 އަހަރު ފުރުމުގެ މުނާސަބަތުގައި ދަރުބާރުގޭގަޢީ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

އަކިލޭޝް ވިދާޅުވީ، ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ދަތުރު ކުރެއްވިއްޖެ ކަމަށާއި ރާއްޖެ ފަދަ އެހެން ގައުމެއް މުޅި ދުނިޔޭގައި ވެސް ނުވާ ކަމަށެވެ.

"ރާއްޖޭގެ އެންމެ އުތުރުން ދެކުނުގެ ވަރަށް ގިނަ ސަރަހައްދުތަކަށް ދަތުރުކުރުމުގެ ނަސީބު އަޅުގަނޑަށް ލިބުނު. އަޅުގަނޑަށް ބުނެވޭނީ، ރާއްޖެ ފަދަ އެހެން އެއްވެސް ގައުމެއް މުޅި މި ދުނިޔޭގައި ވެސް ނެތް،" ސަފީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދިވެހި ގައުމަކީ ނިއުމަތްތަކުން ފުރިގެންވާ ގައުމެއްކަން އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް ދިވެހިނަށް ލިބިފައިވާ އެނިއުމަތްތައް ދިވެހިންގެ ހިތަށް ވަޒަން ވެސް ނުކުރެވޭ ކަމަށެވެ.

"ރާއްޖޭގެ ކަންކަން ދިރާސާކޮށް ބާލާ މީހެއްގެ ހައިސިއްޔަތުން އަހަރެން ދެކެނީ ރާއްޖެއަކީ ރަހުމަތުން ފުރިގެންވާ ގައުމެއް ކަމަށް. އޭއީ ހަމައެކަނި ރާއްޖެއަށް ލިބިފައިވާ ގުދުރަތީ ވަސީލަތްތަކުން އެކަންޏެއް ނޫން. އިންސާނީ ވަސީލަތްތަކުގެ ގޮތުންވެސް [މުއްސަދި ގައުމެއް]. ދިވެހިންގެ އުފެއްދުންތެރިކަމާއި، ވިޔަފާރީގެ ވިސްނުމުންވެސްމެ،" ސަފީރު ވިދާޅުވި އެވެ.

އިންޑިއާގެ ޖުމްހޫރިއްޔަތައް 70 އަހަރު ފުރުމުގެ މުނާސަބަތުގައި ދަރުބާރުގޭގަޢީ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ކުރީގެ ރައިސް މައުމޫން އަބްދުލް ގައްޔޫމް އާއި ކުރީގެ ރައީސް ނަޝިދުވެސް ބައިވެރިވެވަޑައިެގެންނެވި އެ ރަސްމިއްޔާތުގައި އެ ދެބޭފުޅުން ގެންގުޅުއްވި ސިޔާސަތުތަކަށް އަކިލޭޝް ޝުކުރު އަދާކޮށް ތައުރީފު ކުރެއްވި އެވެ.

ރާއްޖެއަކީ އިންޑިއާއަށް ވަރަށް މުހިންމު ގައުމެއްކަމަށާއި ދެގައުމުގެ ގުޅުން ވަރުގަދަވަމުން އަންނަކަން ފަަހަގަކޮށް އަކިލޭޝް ސަރުކާރަށްވެސް ޝުކުރު އަދާކުރެއްވި އެވެ.

comment ކޮމެންޓް