މަލްޓިގްރޭޑު އުވާލުމަށް ކިހާދޫ ސްކޫލުގެ ބެލެނިވެރިން މުޒާހަރާކޮށްފި

ކިހާދޫ ސްކޫލުގެ ގްރޭޑު ފަހެއް އަދި ހައެއްގެ ބެލެނިވެރިން--- ފޮޓޯ/ކައުންސިލްގެ ރައީސް

ބ ކިހާދޫ ސްކޫލުގައި މަލްޓި ގުރޭޑަށް ކިޔަވައިދިނުން ހުއްޓާލުމަށް ގޮވާލައި އެ ރަށު ސްކޫލުގެ ބެލެނިވެރިން މިއަދު މުޒާހަރާކޮށްފިއެވެ.

އެ ސްކޫލުގައި މަލްޓި ގުރޭޑަށް ކިޔަވައިދެނީ ގްރޭޑް ފަހެއް އަދި ހައެއްގެ ދަރިވަރުންނަށެވެ.

ކިހާދޫ ކައުންސިލުގެ ރައީސް އިބްރާހީމް ފަޒީލު ސަން އަށް ވިދާޅުވީ މިއަދު ހެނދުނު ބެލެނިވެރިން ސްކޫލު ކުރިމައްޗަށް އެއްވެ އެ މީހުން ޝުއޫރު ފާޅުކޮށްފައިވާ ކަމަށެވެ.

ފަޒީލް ވިދާޅުވީ މަލްޓި ގުރޭޑު ސިސްޓަމާ ގުޅިގެން ސީދާ މައްސަލައެއް ހުށައަޅާފައިނުވާ ކަމަށާއި އެކަމުގެ ސަބަބުން އެ މައްސަލަ އެޑިއުކޭޝަން އާ ހިއްސާކޮށްފައި ނުވާ ކަމަށެވެ.

"ގްރޭޑު ފަހެއް އަދި ހައެއްގެ ދަރިވަރުން މިއަދު ނުގެންދޭ ސްކޫލަކަށް. ލަފާކުރެވޭ ގޮތުގައި ބެލެނިވެރިން މުޒާހަރާކުރީ ހަންޏާމީދޫގައި ވެސް މި ފަދަ މައްސަލަ އެއް ދިމާވެ އެކަން ހައްލުކޮށް މި ސްކޫލަށް ވެސް އެފަދައިން ކަންތައްކޮށްދިނުމަށް ޑިމާންޑުކުރުމަށް،"

ފަޒީލް އިތުރަށް ވިދާޅުވީ ބެލެނިވެރިން މުޒާހަރާކުރި ނަމަވެސް ސްކޫލަށް އުނދަގޫނުވާ ގޮތަށް މުޒާހަރާކޮށްފައިވާ ކަމަށެވެ.

"މަލްޓި ގުރޭޑަށް ކިޔަވާދޭތީ ބެލެނިވެރިން ނުރުހުން ފާޅުކުރާ ކަމުގެ ވާހަކަ މީގެ ކުރިން އަޑުފެތުރިފައިވޭ،"

ދާދިފަހުން އދ ހަންޏާމީދޫގައި ވެސް ވަނީ އެފަދަ މައްސަލައެއް ފެންމަތިވެފައެވެ. ނަމަވެސް އެކަން ހައްލުކޮށް އެ ސްކޫލުގެ ގުރޭޑު ހަތަރެއް އަދި ފަހެއް ވަކިކޮށް ވަނީ ކިޔަވާދޭން ފަށާފައެވެ.

comment ކޮމެންޓް