އޭޝިއާ ޓްރޭޑް ސަމިޓްގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދު ވާހަކަދައްކަވަނީ

މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް 2016 ގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު -- ސަން ފޮޓޯ/ މާހިލް މުހައްމަދު

އަންނަ މަހުގެ 28 ގައި ހޮންކޮންގައި ބާއްވާ އޭޝިއާ ޓްރޭޑް ސަމިޓުގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ތަގުރީރުކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އޭޝިއާ ޓްރޭޑް ސަމިޓަކީ އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ އިގްތިސޯދާ ގުޅޭގޮތުން މަޝްވަރާކޮށް ހުރި އިގްތިސޯދުތަކަށް ގޮންޖެހުންތައް ދެނެގަނެ، އެ ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތް ކުރުމަށް ކުރެވޭނެ ކަންތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް "ދި އިކޮނޮމިސްޓް" މަޖައްލާގެ ފަރާތުން ބާއްވާ މަތީ ފަންތީގެ ބައްދަލުުވުމެކެވެ.

ކުރީގެ މިނިސްޓަރު ސައީދު މި ސަމިޓުގައި ވާހަކަ ދައްކަވާނީ ނެގޯޝިއޭޓާ ޕެނަލްގެ ޕެނަލިސްޓެއްގެ ގޮތުގައެވެ. މި ޕެނަލްގެ ބައިވެރިން މައިގަނޑުގޮތެއްގައި ވާހަކަ ދައްކަވާނީ ބައިލެޓްރަލް އަދި ސަރަހައްދީ ޓްރޭޑް އެގްރިމެންޓުތައް އެކުލަވާލުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ހުރޮ ގޮންޖެހުންތައް އަދި އެ ގޮންްޖެހުންތައް ހުރަސްކޮށް ޓްރޭޑުއެގްރީމެންޓު އެކުލަވާލުމާ ގުޅޭގޮތުންނެވެ.

ރާއްޖޭގެ ތާރީހުގައި ސޮއިކުރެވުނު ފުރަތަމަ ބައިލެޓަރަލް ފްރީ ޓްރޭޑް އެގްރިމެންޓުގައި ސޮއިކުރުމަށް ކުރި މަސައްކަތްތަކުގެ އެންމެ ބޮޑު އެއް މަސައްކަތެއް ކުރެއްވީ މިނިސްޓަރު ސައީދެވެ.

އޭޝިއާ ޓްރޭޑު ސަމިޓުގައި އިންޑިއާގެ މިނިސްޓްރާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ އެންޑް ސިވިލް އޭވިއޭޝަން ސުރޭޝް ޕްރަބާކަރު ޕްރަބޫ އާއި ނޯވޭގ ޓްރޭޑް އެންޑް އިންޑަސްޓްރީ މިނިސްޓަރު ޓޯބްޔޯޯން އިސަކްސެން ގެ އިތުރުން ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރިޝާ ސްކޮޓްލޭންޑްވެސް ބައިވެރިވެލައްވާނެއެވެ.

comment ކޮމެންޓް