ހަވެލި ނަމުގައި ޖަމިއްޔާތަކަށް ހާއްސަ ފެއާއެއް ބާއްވަނީ

ހަވެލި ފެއާގެ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ޕްރެސްގެ ތެރެއިން --- ސަންފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ހުރި މަދަނީ ޖަމިއްޔާ ޖަމާއަތްތަކަށް ހާއްސަކޮށްގެން 'ހަވެލި' ނަމުގައި ހާއްސަ ފެއާއެއް ބާއްވަން ސަރުކާރުން ނިންމައިފި އެވެ.

ޖަމިއްޔާތަކުގެ ކަންކަން ބެލުމަށް މިހާރު ހަވާލުކޮށްފައި ވަނީ ޔޫތު، ކޮމިއުނިކޭޝަން އެންޑް އެމްޕަވަމެންޓް މިނިސްޓްރީއާ އެވެ. ނަމަވެސް އެ ފެއާ ބޭއްވުމުގައި ކުރިން ޖަމިއްޔާތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ ހޯމް މިނިސްޓްރީއާ ދެ މިނިސްޓްރީ ގުޅިގެން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވި އެވެ.

ހަވެލި ފެއާ ބޭއްވުމަށް ހަމަ ޖެހިފައި ވަނީ ފެށޭ މަހު 16،17 އަދި 18 ވަނަ ދުވަހު ދަރުބާރުގޭގަ އެވެ. އެ ފެއާގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު މުއްދަތު ހަމަވަނީ މިމަހުގެ 31ގައި ކަމަށް ފެއާގެ ސްޓިއަރިންގް ކޮމިޓީން ބުންޏެވެ.

"ފެއާގައި ބައިވެރިވާން ބޭނުންފުުޅުވާ ފަރާތްތަކުން ފޯމު ފުރުއްވާފައި ހުށަހަޅުއްވަނީ އަޅުގަނޑުމެންނަށް. ފޯމު ލިބިވަޑައިގަންނަވާނެ ޔޫތު މިނިސްޓްރީގެ ވެބް ސައިޓުންނާއި ކައުޓަރުތަކުން އަދި ރަށު ކައުންސިލްތަކުގެ އިދާރާތަކުންވެ ސް ލިބޭނެ." ހަވެލި ފެއާގެ ސްޓިއަރިންގް ކޮމިޓީގެ މެމްބަރު ފައިރޫޒާ އާދަމް ވިދާޅުވި އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ގައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލު ކުރުމަށް މަދަނީ ޖަމިއްޔާ ޖަމާއަތްތަކާއި ސަރުކާރާ އޮތް ގުޅުން ބަދަހި ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ހަވެލި ފެއާ އަކީ ގުޅުން ބަދަހި ކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން އެއް ކަންތައް ކަން އިމްރާން ފާހަގަ ކުރެއްވި އެވެ.

ހަވެލި ފެއާގެ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ޕްރެސްގެ ތެރެއިން --- ސަންފޮޓޯ/ ފަޔާޒު މޫސާ

އެ ފެއާގެ ތެރެއިން ޖަމިއްޔާތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަތުމާއި ޖަމިއްޔާތަކަށް މާލީ އެހީތެރިކަން ލިބޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާތައް ކުރެވިގެންދާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވި އެވެ.

ހެވިލި ފެއާގެ މަގުސަދު

  • ހުރިހާ ޖަމިއްޔާތައް ގުޅުވާލަދޭނެ ނެޓްވޯކެއް ގާއިމް ކުރުން
  • ޖަމިއްޔާތަކާއި ވިޔަފާރިވެރިންނާ ގުޅުވައިދޭނެ ޕްލެޓްފޯމެއް ގާއިމް ކުރުން
  • މަދަނީ މުޖުތަމައުތަކުގައި ރައްޔިތުން ބައިވެރި ކުރުވުން

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވީ ޖަމިއްޔާތަކަކީ މުޖުތަމައުގައި ބޮޑު ދައުރެއް އަދާ ކުރާ ފަރާތްތަކެއް ކަމަށެވެ. އަދި ޖަމިއްޔާތައް ހިންގުންތެރި ކުރުވާ ބާރުވެރި ކުރުވުމަށް ފަށާ މަސައްކަތްތަކަކީ ނިމުމަކަށް ވެގެން ނުދާނެ ކަމަށް ވެސް މަހުލޫފު ވިދާޅުވި އެވެ.

ހަވެލި ފެއާގެ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ޕްރެސްގެ ތެރެއިން --- ސަންފޮޓޯ/ ފަޔާޒު މޫސާ

ހަވެލި ފެއާ ވެގެން ދާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެ ފެއާއަކަށް ކަމަށް ފެއާގެ ސްޓިއަރިންގް ކޮމިޓީން ބުންޏެވެ. އެ ކޮމިޓީގެ މެމްބަރު މުހައްމަދު މާޒިން ވިދާޅުވީ އެ ފެއާގައި ވީލް ޗެއާގައި އުޅުއްވާ ބޭފުޅުންނަށް ވެސް އެކްސެސްވެވޭނެ ގޮތަށް ހުންނާނެ ކަމަށެވެ. އަދި އަޑުއިވުމުން މަހުރޫވެފައިވާ ފަރާތްތަކާއި ލޯ އަނދިރި ފަރާތްތަކަށް ވެސް ހާސްކޮށްގެން ބައިވެރިވެވޭ ގޮތަށް ފެއާ އިންތިޒާމު ކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް މާޒިން ވިދާޅުވި އެވެ.

މިހާތަނަށް ފެއާގައި ބައިވެރިވުމަށް 500 އަށް ވުރެ ގިނަ ޖަމިއްޔާއިން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ސްޓިއަރިންގް ކޮމިޓީން ބުނެ އެވެ.

comment ކޮމެންޓް