އިބުރާއާ ދެކޮޅަށް އިހުތިޖާޖު ކުރަން ތިބި ބަޔަކު ފުލުހަށް ހާޒިރުކޮށްފި

މަންދު ކޮލެޖް ކުރިމަތީގައި މިއަދު ކުރި އިހުތިޖާޖުގައި ބަޔަކު ފުލުހުންގެ ވޭނަށް އަރުވަނީ -- ސަން ފޮޓޯ: މުޒަައްޔިން ނާޒިމް

މަންދު ކޮލެޖުގެ ވެރިޔާ އަދި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް (އިބުރާ) މީސް މީޑިއާގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެން މަންދު ކޮލެޖު ކުރިމަތީގައި އިހުތިޖާޖު ކުރި ބަޔަކު ފުލުހަށް ހާޒިރުކޮށްފި އެވެ.

އެ މައްސަލާގައި ފުލުހަށް ހާޒިރުކޮށްފައި ވަނީ ތިން މީހުންނެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެމީހުން ހައްޔަރު ކޮށްފައިނުވާ ކަމަށާއި އެމީހުން އަމުރަށް ނުކިޔަމަންތެރިވުމުން ނަސޭހަތްތެރިވުމަށް ފުލުހަށް ހާޒިރު ކުރީ ކަމަށެވެ.

އޮފިޝަލު ވިދާޅުވީ އެމީހުން ފުލުހަށް ހާޒިރު ކުރީ އެތަނުގެ ކުރިމަތީގައި ތިބުމުން ވަޒީފާއަށްދާ ފަރާތްތަކަށް އުނދަގޫވުމުގެ ސަބަބުން އެކަމުގެ ޝަކުވާ ފުލުހުންނަށް ހުށަހެޅުން، ނަސޭހަތްތެރިވުމަށް ކަމަށެވެ. މިހާރު އެމީހުން ވަނީ ދޫކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ސަރަހައްދުގައި އިހުތިޖާޖު ކުރަމުން ދިޔަ ބަޔަކު ފުލުހުންގެ ވޭނަށް އަރުވާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް މިއަދު މީސް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

މަންދު ކޮލެޖް ކުރިމަތީގައި މިއަދު ކުރި އިހުތިޖާޖުގައި ބަޔަކު ފުލުހުންގެ ވޭނަށް އަރުވަނީ -- ސަން ފޮޓޯ: މުޒަައްޔިން ނާޒިމް

އެ އިހުތިޖާޖު ހިނގި ސަރަހައްދުގައި ހުރި "ސަން"ގެ ނޫސްވެރިޔަކު ބުނި ގޮތުގައި އެތަނުގައި އިހުތިޖާކު ކުރަމުން ދިޔައީ، އިބުރާ މީސްމީޑިއާގައި ދެއްކެވި ވާހަކަތަކަކީ ލާދީނީ ވާހަކަތަކެއް ކަމަށް ބުނެ އެކަމާ އޭނާއާ ދެކޮޅަށެވެ. އެމީހުން ކުރަމުން ދިޔައީ ހިމޭން އިހުތިޖާޖެއް ކަމަށް އޭނާ ބުންޏެވެ.

އިބުރާ ވަނީ ރޭ ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ. ފުލުހުން ބުނީ އިބުރާ ހާޒިރު ކުރީ ހޭޓް ސުޕީޗާ ގުޅޭ ގޮތުން ކަމަށެވެ.

comment ކޮމެންޓް